ހަމާސްގެ ބަންދުގައިތިބި ތައިލެންޑްގެ ފަސް ރައްޔިތުން އެނބުރި ގައުމަށް

7 އޮކްޓޯބަރ 2023 ގައި ހަމާސް ހަނގުރާމަވެރިން އިޒްރާއީލަށް ހަމަލާދިން ދުވަހު ޣައްޒާއިން ގެންދެވުނު ތައިލެންޑްގެ 5 ރައްޔިތުން އާދީއްތަ ދުވަހު ބެންކޮކްއަށް އެނބުރި އަތުވެއްޖެއެވެ.
މި 5 މީހުންނަކީ 15 މަސްދުވަހަށްވުރެ ގިނަ ދުވަހު ޣައްޒާގައި ބަންދުކުރެވިފައި ތިބި މީހުންނެވެ.
ވޮޗަރާ ސްރިއައުން (33)، ޕޮންސަކް ތައެންނާ (36)، ސަތިއަން ސުވަންނަކަމް (35)، ސުރަސަކް ރުމްނާއޯ (31)، އަދި ބަންނަވަތް ސެތައޯ (28) ވަނީ ޖަނަވަރީ 30 ގައި ދޫކޮށްލެވިފައެވެ. މިއީ އިޒްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމާ ގުޅިގެން ބަންދުން ދޫކޮށްލެވުނު މީހުންނެވެ.
ފާއިތުވި 10 ވަރަކަށް ދުވަހު މި 5 މީހުން އިޒްރާއީލުގައި ފަރުވާ ހޯދުމަށްފަހު، ދުބާއި މެދުވެރިކޮށް ބެންކޮކްއަށް ދަތުރުކުރީ ހޮނިހިރު ދުވަހުގެ ރޭ އެވެ. އެމިރޭޓްސް ފްލައިޓް EK374 އާދީއްތަ ދުވަހުގެ ހެނދުނު 7 ޖެހިއިރު ބެންކޮކްގައި ވަނީ ޖައްސާފައެވެ.
އެމީހުން އެއަރޕޯޓަށް ޖެއްސުމާއެކު، ތައިލެންޑްގެ އާދަކާދައާ އެއްގޮތަށް އެމީހުންގެ އާއިލާތަކުން ވަނީ މަރުހަބާ ކިޔާފައެވެ.
މި 5 މީހުންނަކީ ޣައްޒާގެ ބޯޑަރާ ކައިރީގައި އިޒްރާއީލުގައި މަސައްކަތްކުރަމުން ދަނިކޮށް ހަމާސް ހަނގުރާމަވެރިން ގެންދިޔަ މީހުންނެވެ. އެމީހުންނާއެކު އިތުރު 31 ބޭރު ރައްޔިތުން ވެސް ގެންދެވުނެވެ. މިހާތަނަށް އޭގެ ތެރެއިން 23 މީހުން ވަނީ ދޫކޮށްލެވިފައެވެ.
ތައިލެންޑްގެ ބޭރުގެ ކަންތައްތަކާބެހޭ ވަޒީރު މާރިސް ސަންގިއަމްޕޮންގްސާ ވިދާޅުވީ، މިއަދަކީ ވަރަށް ޖަޒުބާތީ ދުވަހެއް ކަމަށާއި، އެ ރައްޔިތުން ގެއަށް އެނބުރި އައުމަކީ އެންމެ އުފާވެރި ޚަބަރު ކަމަށެވެ. އަދި އެންމެހައި އިދާރާތަކުން އުންމީދު ދޫކޮށްނުލާ ކަމަށާއި، މި މަސައްކަތުގައި އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ