ކްލާސް ރޫމުތައް އޭސީކުރުން މި އަހަރު ނިމޭނެ؛ ހޯލުތައް ވެސް އޭސީކުރާނަން: ރައީސް

ސަރުކާރުން ހިންގާ 'ކޫލް ސްކޫލް' ޕްރޮޖެކްޓްގެ ދަށުން ކްލާސްރޫމުތަކުގައި އޭސީ ބެހެއްޓުމުގެ މަސައްކަތް މި އަހަރު ތެރޭގައި ނިމެނޭ ކަމަށާއި ސްކޫލްތަކުގެ ހޯލުތަކުގައި ވެސް އޭސީ ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ކްލާސްރޫމުތައް އޭސީކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެމަނިކުފާނު މީގެ ކުރިން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ފާހަގަކުރެއްވީ ސްކޫލްތަކުން އެންމެ ބޮޑު ޝަކުވާއަކަށް ވެސް އޮންނަ ކަމަކީ ކްލާސްރޫމުތައް މާ ބޮޑަށް ހޫނު ގަދަ ވުމެވެ.
ކްލާސްރޫމުތަކުގެ އިތުރުން ސްކޫލް ހޯލުތައް ވެސް އޭސީ ކުރުމަށް ސަރުކާރުން ނިންމި ކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ އެމަނިކުފާނާއެކު ސަރުކާރުން މިހާރު ހިންގާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގަ އެވެ.
ބުނީ ކީކޭ؟ - ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ކްލާސްރޫމުތައް އޭސީކުރުމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށެވެ. ޖުމުލަ 3704 ކްލާސްރޫމުގައި އޭސީ ބެހެއްޓުމުގެ މަސައްކަތް މި އަހަރު ތެރޭގައި ނިމެނޭ ކަމަށް ވިދާޅުވި އެވެ.
"އަމާޒަކީ ސެޕްޓެމްބަރު މަހަށް ނިންމުން. ސެޕްޓެމްބަރު މަހަށް ނުނިމި ވެސް ހިނގައިދާނެ. އެކަމަކު މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިމެނޭ.800އެއްހާ އޭސީ މިހާރު ވެސް ހަރުކުރެވިއްޖެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކުރިން ސްކޫލްތަކުގެ ހޯލުތައް އޭސީކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ހޯލުތަކަކީ މުހިންމު ތަނަކަށް ވާތީވެ ހޯލުތައް ވެސް އޭސީކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
އެ މަސައްކަތް ފަށާނީ ކްލާސްރޫމުތައް އޭސީކުރުމުގެ މަސައްކަތް ނިމުމުން ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"ކުދިންގެ ގިނަ އެކްޓިވިޓީސްތައް ބާއްވާ ތަނެއް ސްކޫލް ހޯލަކީ. ބައެއް ރަށްރަށުގައި ހަމައެކަނި ސްކޫލުގެ ބޭނުންތަކަށް އެކަނި ހާއްސަ ވެފައި އޮންނަ ތަނެއް ވެސް ނޫން އެއީއެއް. ސްކޫލް ހޯލު ނޫނީ ރައްޔިތުން އެއްވެ ހަރަކާތެއް، ޖަލްސާއެއްވިޔަސް ބާއްވާނެ ތަނެއް ނޯވޭ."
"ކުރިން އަޅުގަނޑު ވައުދުވި ކަމެއް ނޫން. ނިންމި ކަމެއް ނޫން. އެކަމަކު ސްކޫލްތަކުގެ ހޯލުތައް ވެސް މުހިންމު [އޭސީކުރަން]،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ