ހޮޓެލިއާ މޯލްޑިވްސްގެ 2 އިވެންޓުގައި އެލިއާއިން ބައިވެރިވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ބީޓުބީ މީޑިއާ ގްރޫޕް، ހޮޓެލިއާ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ދެ މުހިންމު އިވެންޓުގެ އެސޯސިއޭޓް ސްޕޮންސަރެއްގެ ގޮތުގައި އެލިއާ އިންވެސްޓްމަންޓްސް އިން ދެވަނަ އަހަރަކަށް ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އިވެންޓްތަކަކީ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 އާއި ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖާސް (ޖީއެމް) ފޯރަމް 2025 އެވެ.
ތަފްސީލް - އެލިއާ އިންވެސްޓްމަންޓްސަކީ ޔަމަހާ އާއި ޓޯޓަލް ޓޫލްސް އަދި ކޮހްލާގެ އުފެއްދުންތަކުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން އެލިއާ ސްޓޯރު ހާޑްވެއާ، އާލިއާ ސޯމިލް ޓިމްބާ އަދި ޔަމަހާ ސާވިސް ސެންޓަރުތައް ހިންގަ އެވެ. އިމާރާތްކުރުމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ އަދި ކަނޑުދަތުރުފަތުރު ފަދަ އެކި ދާއިރާތަކަށް އެލިއާ އިން ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ފޯރުކޮށްދެ އެވެ.
"ހޮޓެލިއާ މޯލްޑިވްސްއާ އެކު ދެވަނަ އަހަރަކަށް ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި އިވެންޓްތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރުން ފާހަގަކޮށް، އެ ދާއިރާގެ މުހިންމު މަޝްވަރާތައް ކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެއް،" އެލިއާ އިންވެސްޓްމަންޓްސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ދޭ މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު 1 ޖެނުއަރީން 10 ފެބްރުއަރީއަށް ހަމަވިއިރު، 450އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބިފައިވެ އެވެ. މި ހުށަހެޅުންތައް ވަނީ 6 މެންބަރުންގެ ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކޮށް މާކްސް ދީފަ އެވެ.
އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ފަނޑިޔާރުންގެ މާކްސްގެ %60 އާއި އާންމު ވޯޓުގެ %40 ހިމެނޭ ގޮތަށެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިއަށްދާ ވޯޓުލުން ނިމޭނީ މިއަދުގެ ނިޔަލަށެވެ.
މިއަހަރުގެ އެވޯޑަށް އަލަށް ހަތަރު ކެޓަގަރީއެއް އިތުރުކޮށްފައިވެ އެވެ. އެއީ:
ވޯޓަސްޕޯޓްސް ޕާސަނަލިޓީ އޮފް ދަ އިޔާ 
ޑައިވިން ޕާސަނަލިޓީ އޮފް ދަ އިޔާ 
އެއާޕޯޓް ރެޕްރެޒެންޓެޓިވް އޮފް ދަ އިޔާ 
ރިސޯޓް މެނޭޖާ އޮފް ދަ އިޔާ
ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓަލް ސްޕޮންސަޝިޕްގެ ދަށުން ބާއްވާ މި އެވޯޑު ހަފްލާ އޮންނާނީ އަންނަ މަހު އެވެ. ފާއިތުވި އަހަރު ފުރަތަމަ ފަހަރަށް ބޭއްވި މި އެވޯޑަށް 300އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބި، 100،000އަށް ވުރެ ގިނަ ވޯޓު ލިބިފައިވެ އެވެ.
ފާހަގަކޮށްލެވޭ - ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކަލަންޑަރުގައި ހިމެނޭ އެންމެ މުހިންމު އިވެންޓްތަކުގެ ތެރޭގައި ހިމެނޭ ދެ އިވެންޓެވެ. މި އިވެންޓްތަކުން ދާއިރާގެ ހުނަރުވެރިން ފާހަގަކޮށް، އެއްބާރުލުން އިތުރުކޮށް، ތަޖުރިބާކާރުންގެ މަޝްވަރާތަކަށް މަގުފަހިކޮށްދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ