ހ. ފެންޓެނޯއިއަށް ނޫސްވެރިން ވައްދަން ގޭގެ ވެރިން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން ހެދީ ދޮގުކަން ހާމަވެއްޖެ ހ. ފެންޓެނޯއިއަށް ނޫސްވެރިން ވައްދަން ގޭގެ ވެރިން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން ހެދީ ދޮގުކަން ހާމަވެއްޖެ

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހ. ފެންޓެނޯއި ގެއަށް ނޫސްވެރިން ވައްދަން އެ ގޭގެ ވެރިފަރާތުން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން ހެދީ ދޮގުކަން ހާމަވެއްޖެ އެވެ.
ފެންޓެނޯއިގޭގެ ވެރިފަރާތުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ ގެއަށް ނޫސްވެރިން ވެއްދުމާ ގުޅޭގޮތުން ފުލުހުން ގުޅާފައި ނުވާ ކަމަށެވެ.
އެ ގެއަށް ނޫސްވެރިން ވެއްދުމުގެ އިންތިޒާމު ހަމަޖައްސަން ތައްޔާރަށް ތިބި ނަމަވެސް، އެފަދަ އިންތިޒާމެއް ހަމަޖައްސަން ފުލުހުން ބުނެފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފުލުހުންގެ ފަރާތުން އެއްވެސް މީހަކު ގެއަށް ނޫސްވެރިން ވެއްދުމުގެ ކަންތަކާ ގުޅާފައެއް ނުވޭ. އަހަރުމެން މިތިބީ ފުލުހުން އެފަދަ އިންތިޒާމެއް ހަމަޖައްސަން އަންގަންދެން. މިހާތަނަށް އެފަދަ އެއްވެސް އިރުޝާދެއް ފުލުހުންގެ ފަރާތުން އައިސްފައި ނުވޭ،" އޭނާ ބުންޏެވެ.
ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމަށްފަހު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާ ކުރުމުން އެ ގެއަށް ނޫސްވެރިން ނުވެއްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.
"މިއަދުގެ ޕްރެސްގައި ދެންނެވި ގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާ ކުރުމުން އެގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތްކަމަށް ވަނީ ދަންނަވާފައި،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން ދޮގު ހެދީ ކީއްވެގެންކަން ސާފުކުރުމަށް އަދަދު އިން ގުޅުމުން އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެންޓެނޯއި ގެއަށް ނޫސްވެރިންނަށް ނުވަދެވޭނެ ކަމަށް ގޭގެ ވެރިން ފުލުހުންގެ ސީނިއާ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ކަމަށް ފުލުހުން ބުނަނީ ފެންޓެނޯއި ގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ފެންލައިޓަކުންނެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފެންޓެނޯއި ގޭގެ ސިޑިގޮޅި ފެންނަ ސީސީޓީވީ ފުޓޭޖު ވެސް އާންމު ކޮށްފަ އެވެ. އެއީ މީގެ ކުރިން ސިއްރު ކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ފުޓޭޖެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ ހުކުރު ދުވަހުގެ ފަތިހު 4:52 ހާއިރު އެވެ. ޔުމްނު އާއި ރައުދު އެ ގެއަށް ވަނުމާ ހަމައިން ކަން ހިނގަމުން ދިޔަ ގޮތް އެ ވީޑިއޯއިން ފެނެ އެވެ. އަދި ޔުމްނު ވެއްޓުމަށްފަހު އޭނާ ހޯދުމަށް ރައުދު އުޅޭ މަންޒަރު ވެސް ފުލުހުން އާންމުކުރި ވީޑިއޯ ފުޓޭޖުން ފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ