މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާ ވަރަށް ބޮޑަށް ސިޔާސީ ކުރައްވައި އެކަމުގެ ޒިންމާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނަގަން ޖެހޭ ފަދަ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވައިފި އެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި މި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ފުރަތަމަ ފަހަރަށް މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެހެން ޖަލްސާތަކާ ހިލާފަށް މިރޭ ރައީސް ދެއްވީ ތަންކޮޅެއް ކުރު ސްޕީޗެކެވެ. އެ ސްޕީޗުގައި ވަރަށް ބޮޑަށް ފިތުނައިގެ ވާހަކަ އާއި ތެދާއި ދޮގުގެ ވާހަކަ ދައްކަވާފަ އެވެ.
"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.
"މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން" އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ސިޔާސަތެކެވެ. އެއީ އެ ޕާޓީން ހުށަހެޅި ކުޅިވަރާ މުނިފޫހިފިލުވުމުގެ ސިޔާސަތެވެ.
އެ ސިޔާސަތު ލޯންޗު ކުރުމަށް ޖުލައި 6، 2013 ގައި ރާޅުގަނޑު ސަރަހައްދުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު ހާއްސަ އިވެންޓެއް ވެސް އެމްޑީޕީން ބޭއްވި އެވެ.
"އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން، ދީނުގައި ކަނޑައެޅިފައި ހުރި، އިންތަކާއި މިންތަކާއި، އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ. މަޖާ ކުރާށޭ. ޒުވާން ކަމުގައި ތި ކުދިން ބޭނުން ގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެ ކުދިން މިސްޔޫސް ކުރަމުންދާ ދިޔުން ލޯ ހުޅުވައި ބަލަން އެބަ ޖެހޭ. ލޯ ހުޅުވައި ބަލަން އެބަ ޖެހޭ،" ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ރާގަކަށް ރައީސް ވިދާޅުވި އެވެ.
"އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެއަށް ވުރެ އަޅުގަނޑުމެން ލޯ ހުޅުވެން ޖެހޭނެ. އަޅުގަނޑުމެން ވާން ޖެހޭނެ ތެދާއި ދޮގު ވަކި ކުރަން އެނގޭ ބަޔަކަށް،"
ރައީސް މިހެން ވިދާޅުވިއިރު މި ހާދިސާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ވަނަވަރު އާންމުކުރި ނުވަ މީހުން "މަސްތު ޕާޓީ"އަކަށް އެއްވީ އެމަނިކުފާނުގެ ކެބިނެޓުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާ މުހައްމަދު އަމީނުގެ ގެ ކަމަށްވާ މއ. މާންދޫގޭދެކުނުގޭގަ އެވެ. އެއަށް ފަހު އިތުރު ގެއަކަށް ދިޔުމަށް ފަހު މި ހާދިސާ ހިނގައިދިޔައީ ހ. ފެންޓެނޯއީގޭގަ އެވެ.
"އެ ކުދިން އެ މަގު ދިޔައީ ސިޔާސީ އޮއެވަރެއްގައި ޖައްސައިގެން، މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި، އުސޫލުތަކާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް މި ގައުމު ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ވަނަވަރު އާންމުކުރި މީހުންގެ ތެރޭގައި ރައީސްގެ އޮފީހުގެ އިސް މަގާމުތަކުގައި ތިބި މީހުން ހިމެނޭއިރު ބައެއް މީހުން ވަނީ މަގާމުތަކުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ރައީސްގެ ޑިޖިޓަލް ކޮމިއުނިކޭޝަން ސްޓްރެޓެޖީ ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ މީހުންނާއި އެ މީހުންގެ އާއިލާ މެންބަރުން ހިމެނެއެވެ. ރައީސް ވިދާޅުވި ގޮތަށް "ބިރަކާ ނުލައި" އެ މީހުން މަޖާކުރާ ގިނަ އަދަދެގެ ފޮޓޯ އާއި ވީޑިއޯ ވެސް ވަނީ އާންމުވެފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ސިޔާސީކޮށް، ޒިންމާ ނަގަން ޖެހޭނީ އިދިކޮޅު ޕާޓީން ކަމަށް ރައީސް ވިދާޅުވެއްޖެ ޔުމްނު ވެއްޓުނު ހާދިސާ ސިޔާސީކޮށް، ޒިންމާ ނަގަން ޖެހޭނީ އިދިކޮޅު ޕާޓީން ކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ