ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައެއް ނުލަން، ވަކިކުރީ މަސައްކަތެއް ނެތް މުވައްޒަފުން: ފެނަކަ
ހއ. ހޯރަފުށީގައި ފެނަކައިން ތަރައްގީކުރާ ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައި ނުލާކަމަށާއި، ވަޒީފާއިން ވަކިކުރީ މަސައްކަތެއް ނެތް މުވައްޒަފުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް އަޅަނީ، އެ ރަށު ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިންޑިއާއިން ދީފައިވާ ހިލޭ އެހީއަކާ ވެސް އެކުގައެވެ. އެ މަޝްރޫއު ހުއްޓިފައިވާތީއާއި، އެ ޕްލާންޓަށް ނަގާފައި ތިބި މުވައްޒަފުން ވަކި ކުރުމުން، ހޯރަފުށީ ކައުންސިލުންވަނީ ފެނަކައާ ދެކޮޅަށް ކޯޓަށް ދާން ނިންމައިފައެވެ. https://sun.mv/207184 މި ކަމާ ގުޅިގެން ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، 2019ވަނަ އަހަރު މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގެ ވަށައިގެން އިންފާރެއް ރޭނުން ފިޔަވައި އިތުރު މަސައްކަތެއް ނުހިނގައި ދެ އަހަރެއްހައި ދުވަސް ހޭދަވި ކަމަށެވެ. އަދި 2020ވަނަ އަހަރާއި 2021ވަނަ އަހަރު ވެސް ނިމުނީ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވި ކަމަށާއި، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ނިންމައިލެވުނީ އެ މަސައްކަތުގެ ހަމައެކަނި 70 ޕަސެންޓު މަސައްކަތް ކަމަށް ފެނަކައިން ބުނެފައިވެއެވެ. ފެނަކައިން ބުނީ ބޮޓްލިން ޕްލާންޓި މަޝްރޫއު ހިންގުމަށް 36.7 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިންޑިއާއިން ދިން ނުވަ މިލިއަން ރުފިޔާގެ އެހީއާއެކު އެ މަޝްރޫއަށް ކައުންސިލުން ހިއްސާކުރީ 2.4 މިލިއަން ރުފިޔާ ކަމަށެވެ. ބާކީ 34.3 މިލިއަން ރުފިޔާ ޚަރަދުކުރީ ފެނަކައިންނެވެ. ފެނަކައިން ނެރުނު ބަޔާނުގައި ވަނީ، ބޮޓްލިން ޕްލާންޓު އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑިއާ މޭޒު ހުރިނަމަވެސް މުވައްޒަފުން މަސައްކަތް ކުރަން ބޭނުންވާ މެޝިނަރީގެ ބޮޑުބައި ހުރީ ރާވައި ނުނިމި ކަމަށެވެ. އަދި އިމާރާތުގެ އެތެރޭގައި ނިންމަންޖެހޭ އިމާރާތް ކުރުމުގެ ބައެއް މަސައްކަތްތައް ވެސް ނުނިމޭ ކަމަށް ބަޔާނުގައި ވެއެވެ. އެ ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުންދިއުމަކީ މި ވަގުތު ކުންފުންޏަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އެހެންކަމުން އެ މުވައްޒަފުން ވަކިކުރީ ކަމަށާއި، މަސައްކަތް ނިމުމާއެކި އާ މުވައްޒަފުން ނަގާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. "ފެނަކައިގެ ޓެކްނިކަލް ޓީމެއް ހޯރަފުށްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، ޖުލައިމަހު މަޝްރޫއުގެ މަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމައިލެވޭނެ" އެ ކުންފުނިން ބުންޏެވެ. ހޯރަފުށިން ފެނަކަ ގޮވައިގެން ކޯޓަށްދާން ނިންމާފައި ވާއިރު، ކުޅުދުއްފުށީ ސިޓީއަށް ކަރަންޓުދިނުމުގައި ފެނަކައިން ސިޓީ ކައުންސިލާއެކު އެއްބަސްވުން ހަދަން ދެކޮޅު ހަދާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ