ކުޅުދުއްފުށީގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ މޮނިއުމަންޓެއް ހަދަން ނިންމާ ފަރުމާކުރުމަށް ހުޅުވާލައިފި

ކުޅުދުއްފުށީގެ ތާރީހާއި ސަޤާފަތް ދައްކުވައިދޭ ހާއްސަ މޮނިއުމަންޓެއް ހެދުމަށް ނިންމާ ފަރުމާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ، މި މަޝްރޫއުގެ ތެރެއިން، ރަށުގެ ވަނަވަރާއި ފަހުރުވެރި މާޒީ ރަމުޒުކޮށްދޭން ޖެހޭ ކަމަށެވެ. އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެ އެވެ.
މި ފުރުސަތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، މޮނިއުމަންޓު ފަރުމާކުރުމުގައި ވިސްނަންޖެހޭ މުހިންމު ނުކުތާތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ސިޓީ ކައުންސިލުން ހާމަކުރެ އެވެ. އެއީ އެ މަސައްކަތަކީ ރަށުގެ މުސްތަޤުބަލަށް ދެމިގެންދާނެ ތާރީހީ ނިޝާނެއް ކަމުގައިވާތީ އެވެ.
މޮނިއުމަންޓް ފަރުމާކުރުމުގައި ވިސްނުންބަހައްޓަންވީ މުހިންމު ނުކުތާތައް:
1- މޮނިއުމަންޓު ވާންވާނީ ކުޅުދުއްފުށި ރަމްޒުކޮށްދޭ ފަރުމާއަކަށެވެ.
2- ފަރުމާވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށެވެ.
3- މޮނިއުމަންޓު ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރުމަތީ ސަރަހައްދެގައެވެ.
4- ކުޅުދުއްފުށީގެ ނަން ދިވެހިންނާއި އިގިރޭސިން މޮނިއުމަންޓްގެ ކައިރިން ފެންނަންވާނެއެވެ.
5- ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިން ލިބޭ ދިގުމުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށެވެ.
މޮނިއުމަންޓް ފަރުމާކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް:
1- ހުށަހަޅާ ފަރުމާއަކީ ހުށަހަޅާފަރާތުގެ އަމިއްލަ ފަރުމާއަކަށްވުން.
2- ފަރުމާއިން ދައްކުވައިދޭ ކޮންމެބަޔަކުން ރަމްޒުކޮށްދޭ މާނަ ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި ވަކިވަކި ބައިތަކުގައި ހުންނާނެކުލަޔާއި ބިނާކުރާނެ މެޓީރިއަލް އަދި މިންތައް އެގެންއޮންނަންވާނެއެވެ.
3- ހުށަހަޅާފަރުމާ ޑައިމީޓަރުގައި 11.5 މީޓާރ ހުންނަ ސަރަހައްދަކަށް ފެތެންވާނެއެވެ.
ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 11 ޖުލައި 2025 ވަނަ ދުވަހުގެ 14:00 އެވެ. ވީމާ، މޮނިއުމަންޓު ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ހުށަހަޅާ ޑިޒައިންތަށް ކަނޑައެޅިފައިވާ މެއިލް އެޑްރެސްއަށް ސުންގަޑީގެ ކުރިން މެއިލްކުރުންއެދޭކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ