ލިވަޕޫލަށް ފަރުވާކުޑަކޮށްލެވޭނެ އެއްވެސް ޖާގައެއް ނެތް: ސްލޮޓް ލިވަޕޫލަށް ފަރުވާކުޑަކޮށްލެވޭނެ އެއްވެސް ޖާގައެއް ނެތް: ސްލޮޓް

މެންޗެސްޓާ (ފެބްރުއަރީ 12) - މި ސީޒަނުގައި ލިވަޕޫލުން ކުރިއަށްދާން ބޭނުންވާ މިސްރާބަށް ދިއުމަށްޓަކައި، ދެން ކުރިއަށް ހުރި އެއްވެސް މެޗެއްގައި އަމިއްލަ އަށް ފަރުވާކުޑަކޮށްލައިގެން ގޯހެއް ވުމަށް ޖާގައެއް ދީގެން ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.
ލިވަޕޫލް، އެންމެ ފަހުން ކުޅުނު މެޗުން އެފްއޭ ކަޕްގައި، ދެ ވަނަ ޑިވިޝަނު ފުލުގައި އޮތް ޕްލައިމައުތު އާގައިލް އަތުން 1-0 އިން ބަލިވެ، އެ މުބާރާތުން ވަނީ ކަޓައިފަ އެވެ. އެ މެޗަކީ، ސްލޮޓް ހަވާލުވި ފަހުން ލިވަޕޫލް ކުޅުނު އެންމެ ދަށް މެޗެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން މިރޭ އެ ލީގުގައި ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. އެ މެޗަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިން ބައްދަލުވުމުގައި ސްލޮޓް ބުނީ، ޕްލައިމައުތާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔައީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭނެ ފެންވަރުގެ ކުޅުމެއް ނޫން ކަމަށެވެ.
"އަހަރެން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން އެ މެޗުގައި ފެނިގެންދިޔައީ. މެޗަކުން ބަލިވުން އެއީ ވާނެ ކަމެއް. އެކަމަކު، އެއްވެސް ވަަރަކަށް ހާސިލްކުރަން ބޭނުންވާ ކަމެއް ނުވެ ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުމަކީ، ސީޒަނުގެ މި ހިސާބުން ލިވަޕޫލަށް ފަރުވާކުޑަކޮށްލައިގެން ތިބެވޭނެ އެއްވެސް ޖާގައެއް ނެތް،" ސްލޮޓް ބުންޏެވެ.
އެވަޓަން އާއި ލިވަޕޫލް ކުޅެން އޮތް މެޗު ފުރަތަމަ ތާވަލުކޮށްފައި އޮތީ މިދިޔަ ޑިސެމްބަރު މަހަށެވެ. އެކަމަކު، އޭރު ދިމާވި ކަމެއްގެ ސަަބަބުން މެޗު ރީޝެޑިއުލްކުރީ އެވެ. ފަނަރަ ދުވަސް ތެރޭ ފަސް މެޗު ކުޅެން ޖެހިފައި ލިވަޕޫލަށް އޮތްއިރު، މި ދަނޑިވަޅަަށް އެވަޓަން މެޗު ހަމަޖެއްސުމަކީ ހާލަތަށް ބަލާއިރު ލިބުނު ދެރައެއްތޯ ސުވާލުކުރުުމުން ސްލޮޓް ބުނީ ކާމިޔާބު ހޯދަން މަސައްކަތް ކުރާ ޓީމެއް ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.
އެވަޓަންގެ ކޯޗުކަމާ ހަވާލުވެ ހުރި އެ ޓީމުގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސް ބުނީ، މިހާރު އެ ދެ ޓީމުގެ ފަރަގު ވަރަށް ބޮޑު ކަމަށާއި އެކަމަކު، 90 މިނިޓްގެ މެޗެއްގައި އެ އަށް ބެލުމެއް ނެތި ނަތީޖާއެއް ނެރެން އެވަޓަން އިން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ