ކުރިއަށް އޮތް ދެ އަހަރުގެ ގައުމީ ދުވަސް އުތީމުގައި ގައުމީ 'މަޝްރޫއުއެއް'ގެ ގޮތުގައި ފާހަގަ ކުރަނީ

ގައުމީ ދުވަހުގެ ބަތަލު މުހައްމަދު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި ކުރިއަށް އޮތް ދެ އަހަރު ގައުމީ ދުވަސް، ގައުމީ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި ފާހަގަ ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ މިއަދު ތިލަދުންމަތީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅެއްގައި މިއަދު ހަވީރު އުތީމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަައިގަ އެވެ.
ތަފްސީލު - މުހައްމަދު ތަކުރުފާނަށް ހާއްސަ ގަނޑުވަރުގައި ވާހަކަ ފައްޓަމުން ރައީސް ވިދާޅުވީ އުތީމަށް ވަޑައިގަތުމުން އެމަނިކުފާނަށް ކުރެއްވެނީ "ވަރަށް ބޮޑު އިހުސާސެއް" ކަމަށެވެ. އަދި އެއީ "ގައުމީ ލޯބި އެތައް ގުނައަކުން އިތުރުވެގެންދާ އިހުސާސެއް"ގެ ގޮތުގައި ސިފަ ކުރެއްވި އެވެ. 
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަދި އަޅުގަނޑުގެ ސިޔާސަތަކީ، މި ގައުމުގެ ގައުމިއްޔަތު އިޔާދަކޮށް، އާލާކޮށް އަދި ކުރިއަށް އޮތް ޖީލުތަކަށް ފޯރުވުމުގައި އަޅުގަނޑުމެން މި ފަށާފައިވާ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ، އަދާ ކުރަން ޖެހޭ ރަށެއް މި ރަށަކީ،" ރައީސް ވިދާޅުވި އެވެ.
އުތީމަކީ ދިވެހިންގެ ފަހުރުވެރި ބަތަލު އުތީމު މަހާރަދުންގެ އުފަން ރަށްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ "މި ރަށުގައި ހުރި ބިނާ، މި ރަށުގައި ހުރި ކޮންމެ ވެލިފުށަކުން އެ ބުނެދޭ ބުނެދިނުން، މި ރަށުގެ ކޮންމެ ރައްޔިތެއް ހިތުން އެ ކިޔާ ނިދާ، މި ރަށުގެ ކޮންމެ ރައްޔިތެއްގެ ލޮލުން އެ ބުނެދޭ ވާހަކަ އެއީ ގައުމީ ތަރިކަ" ކަމަށެވެ.
އެއާއެކު ރައީސް ވިދާޅުވިގޮތުގައި:
ރާއްޖޭގެ ގައުމިއްޔަތު ހިމާޔަތް ކުރާ ނަމަ، އުތީމުގެ ކަންކަމަށް ސަރުކާރުތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަން އެ ރަށުގެ ހުރިހާ ރައްޔިތުން އެކުއެކީ ބުނެދޭ ކަހަލަ
މި ސަރުކާރުގެ ތަރައްގީގެ ދުވެލީގައި އުތީމަކީ ވަރަށް މުހިންމު ދައުރެއް އޮންނާނެ ރަށެއް؛ އެއީ އެހެން ރަށްރަށް ތަފާތު ކުރުުމެއް ނޫން، އެއީ މުޅި ރާއްޖޭގެ ހައްގުގައި ކުރަން ޖެހޭ ކަމެއް
ގައުމީ ދުވަސް ފާހަގަ ކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެ ދުވަސް ފާހަގަ ކުރުމުގައި މިދިޔަ ސަރުކާރުތަކުން ކަންކޮށްފައިވަނީ "އާދައިގެ ގޮތަކަށް" ކަމަށެވެ. ނަމަވެސް އެމަނިކުފާނު ގެންގުޅުއްވަނީ އެ ސަރުކާރުތަކުން ގެންގުޅުނު ވިސްނުންތަކާ ތަފާތު ވިސްނުމެއްގައި، "މިހާތަނަށް ނުދޭ ސަމާލުކަމެއް ދީގެން" އެ ދުވަސް ފާހަގަ ކުރުމުގެ ވިސްނުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުން ތަފާތު. އަޅުގަނޑު ގަސްތުކުރަނީ، މަޝްރޫއުއެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދަން. މި ގަނޑުވަރާއި އަދި މި ރަށުގައި ހުރި މުހިންމު ތަންތަނާ ތާރީހީ ގޮތުން ހިމާޔަތްކޮށް، ބަލަހައްޓަން ޖެހޭނެ ތަންތަނާއި ގައުމީ ވިސްނުމެއްގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމްތަކާ، މިކަހަލަ ކަންކަން ހިމަނައިގެން ގައުމީ މަޝްރޫއުއެއްގެ ގޮތުގައި މި ރަށުގައި ކަންތައްތަކެއް ކުރަން،" ރައީސް ވިދާޅުވި އެވެ.
"މިހާތަނަށް ސަރުކާރުން ނުދޭ ސަމާލުކަމެއް ދީގެން، އެއީ ބަޖެޓުގެ ގޮތުން ކަމުގައި ވީ ނަމަވެސް، އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ވީ ނަމަވެސް، ދީގެން، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި މި އަންނަ އަހަރު ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް މި ރަށުގައި ފާހަގަ ކުރަން."
ރައީސް ވިދާޅުވިގޮތުގައި ދެ އަހަރުގެ މަޝްރޫއުއެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދާނީ "ފިކުރީ ގޮތެއްގައި ގައުމީ ވިސްނުން އަޅުގަނޑުމެންގެ ގައުމުގައި ފެތުރުމުގައި" އުތީމަށް އަދާ ކުރެވޭނެ ފުރިހަމަ ދައުރު އަދާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.
އުތީމުގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ ކަންކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ފާހަގަކުރައްވައި އެ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ:
އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި މިހާތަނަށް އެކަށީގެންވާ ސަމާލުކަމެއް ކުރީގެ ސަރުކާރުތަކުން ދީފައެއް ނުވޭ؛ މި ސަރުކާރުން ގައުމީ ވިސްނުމެއްގައި އެތަން ފުރިހަމަށް ބަލަހައްޓާނެ
ބޭރުގެ އެހީއެއް ލިބިފައިވާ މަޝްރޫއުއެއް އެބަ އޮތް؛ އޭގެ ތެރެއިން އުތީމުގެ ގަނޑުވަރުގެ އަސްލު ނުގެއްލޭނެހެން، ކުރަން ޖެހޭ، ކުރެވިދާނެ ހުރިހާ ކަމެއް ކުރިއަށް ގެންދާނެ. އޭގެ މާ ބޮޑު ތަފްސީލެއް ރައީސް ނުދެއްވާ
އެމަނިކުފާނުގެ ވާހަކަ ނިންމާލެއްވީ މި އަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް އުތީމަށް ވަޑައިގަންނަވާނެކަން ހާމަކުރައްވައިފަ އެވެ.
ރައީސްގެ އުތީމު ދަތުރުފުޅުގައި:
އުތީމުގައި އޭޓީއެމް ހިދުމަތް ދިނުމަށްޓަކައި ބީއެމްއެލްއިން އަޅާ އޭޓީއެމް އިމާރާތުގެ މަސައްކަތް ކައުންސިލާ ހަވާލުކުރި؛ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އާއި އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައި
އުތީމު ކައުންސިލުގެ އޮފީސް އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅި
ރައީސް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ