ޤައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އިޞްލާޙުތަކެއް ގެނައުމަށްފަހު، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލަކީ 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ. މަޖިލީހުން މި ބިލު ފާސްކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށްޓަކައި ފޮނުއްވާފައިވަނީ މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް، ބިލު ތަޞްދީޤުނުކުރައްވައި ރައީސް ވަނީ، ބައެއް ކަންކަމަށް އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ. ރައީސް ފާހަގަކުރެއްވި އެންމެ ބޮޑު އެއްކަމަކީ، ބަންދުގައި ތިބޭ މީހުންނާއި ޤައިދީންނަށް ގުނަވަން ހަދިޔާ ކުރެވޭގޮތަށް ބިލު އޮތުމެވެ.
އެގޮތުން، ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިޚުތިޔާރާއި މިނިވަންކަން ޤައިދުވެ، ޚާއްޞަ ހާލަތެއްގައި ތިބޭ ބައެއް ކަމަށްވާއިރު، އެމީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި މަޖުބޫރުކަމެއްނެތި ގުނަވަން ހަދިޔާކުރުންފަދަ ކަންކަމަށް ރުހުން ދެވިދާނެ ބައެއް ކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ.
އެހެންކަމުން، އިޖުތިމާޢީ ކޮމިޓީން ބިލު އަލުން ދިރާސާކުރުމަށްފަހު ގެނައި އިޞްލާޙުގައި ވަނީ، ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވަތަ ކުށެއްގެ ތުހުމަތުގައި ނުވަތަ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެން ނުވާނެކަމަށް ކަނޑައަޅާފައެވެ.
މީގެއިތުރުން، މި ބިލަށް ކޮމިޓީ މަރުޙާލާގައި ގެނައި އިތުރު އިޞްލާޙުތަކުގެ ތެރޭގައި، ރުހުންނެތި ގުނަވަން ނެގުމާއި ޤާނޫނާ ޚިލާފަށް ޓްރާންސްޕްލާންޓް ކޮށްފި ހާލަތެއްގައި އެ މީހަކަށް އަދަބެއްގެ ގޮތުގައި ޤިސާސް ހިފުމާއި ގުނަވަނަށް ދިޔަ ދިނުމަށް ކަނޑައަޅާފައިވާ ބައި ވަނީ އުނިކޮށްފައެވެ. މިހާރު ކަނޑައަޅާފައިވާ އަދަބަކީ، 150,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ހަމައެއާއެކު، ޤާނޫނު ތަޞްދީޤުކުރާތާ 180 ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދަން ކުރިން ބަޔާންކޮށްފައި އޮތްނަމަވެސް، އެ ބިލުގެ އެހެން ބައެއް މާއްދާތަކާއި އެ މާއްދާ ފުށުއަރާތީ، ޤާނޫނަށް ޢަމަލުކުރާތާ 180 ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދަންޖެހޭ ގޮތަށް ވަނީ އިޞްލާޙުކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ތަޞްދީޤުކުރާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފައްދަން ޖެހޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާޙުތަކާއެކު ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުން، ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.
ޤައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އިޞްލާޙުކޮށް، ބިލު އަލުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ