ތެލުގެ އަގު ދަށްވުމަށް ފަހު، ހަމަލާތައް އަލުން ފެށުމުން 17 ޕަސެންޓްގެ އިތުރުވުމެއް
އެމެރިކާ އާއި އީރާނާ ދެމެދު ހަމަލާތައް ބަދަލުކުރާތާ ވިދިވިދިގެން ތިން ދުވަސްވެފައިވާއިރު، ހަމަލާތަކުގެ ސަބަބުން ތެލުގެ އަގު މީގެ އެއް މަސް ދުވަސް ކުރިން ހުރި މިންވަރަށް އުފުލިއްޖެއެވެ. ބައިނަލްއަގްވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް މިއަދު ވަނީ ދެ ޕަސެންޓް އިތުރުވެ، އޭގެ ކުރީ ދުވަހާ އަޅައިބަލާއިރު 9.6 ޕަސެންޓަށް އުފުލިފައެވެ. ފީފާއެއްގެ އަގު ވަނީ 84.91 ޑޮލަރަށް އުފުލިފައެވެ. މިދިޔަ މަހު އެމެރިކާއާއި އީރާނުން ސުލްހައިގެ އެއްބަސްވުމަށްފަހު، ތެލުގެ އަގު ދަށްވި ނަމަވެސް މިހާރު ބަދަލު ކުރަމުންދާ ހަމަލާތަކާ ގުޅިގެން ކުރިން ހުރި މިންވަރަށްވުރެ 17 ޕަސަންޓް ވަނީ އުފުލިފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސްއިން ބުނީ އެެމެރިކާގެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ހުރްމުޒް ކަނޑުއޮޅީގައި އޮތް ދެ ތެޔޮ ސުޕަޓޭންކަރަކަށް ހަމަލާދީ ކުވޭތާއި ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް މިސައިލް އަދި ޑްރޯން ހަމަލާތައް ދީފައިވާ ކަމަށެވެ. އީރާނުގެ ބަނދަރުތަކަށް ހުރަސްއަޅައި، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު އިއުލާނުކުރެއްވުމާ ގުޅިގެން ތެލުގެ އަގު ވަނީ އިތުރަށް އުފުލިފައެވެ. އެމެރިކާއާއި އީރާނާއި ދެމެދު ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ އުންމީދު ފާއިތުވި ހަފުތާތަކުގައި އޮތް ނަމަވެސް، ވިޔަފާރި ބޯޓުފަހަރާ ދެކޮޅަށް އަނިޔާވެރިވުމުގެ ނުރައްކާ އަލުން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ޖުމްލަ 57 އުޅަނދު ދަތުރުކޮށްފައިވާ ކަމަށް ރެކޯޑްކޮށްފައިވާއިރު، މިއީ އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު 50 ޕަސެންޓަށް ވުރެ ދަށް އަދަދެއް ކަމަށް ޝިޕް ޓްރެކިން ޕްލެޓްފޯމް މެރިންޓްރެފިކްއިން ބުނެއެވެ. އެމެރިކާ އާއި އިސްރާއީލުން ފެބުރުވަރީ މަހުގެ ފަހުކޮޅު އީރާނަށް ހަމަލާތައް ދިނުމުގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 130 އުޅަނދު ކަނޑުއޮޅި ހުރަސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ