ރަށްރަށުގެ ފެނާއި ނަރަދުމާ އަޕްގްރޭޑުކޮށް، މަރާމާތުކުރަން 3.3 ބިލިއަން ރުފިޔާ ބޭނުންވޭ

ރަށްރަށުގައި މިހާރު ބޭނުންކުރަމުން އަންނަ ފެނާއި ނަރަދުމާގެ ނިޒާމުތައް އަޕްގްރޭޑުކޮށް، މަރާމާތުކޮށް އަދި އެކްސްޓެންޑުކުރުމުގެ މަސައްކަތަށް 3.3 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ. 
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައުލޫމާތުތައް ހިއްސާކުރައްވަމުން އެންވަޔަރަމަންޓު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު މުސްތަފާ ވިދާޅުވީ، މި މަސައްކަތްތައް ހިންގަން ބޭނުން ޖެހިފައިވަނީ ދުވަސްވީ ފެނާއި ނަރުދަމާގެ ނިޒާމުތައް ހުރި ރަށްރަށުގައި ކަމަަށެވެ. އަދި، މިއީ އެ ނިޒާމުތައް ނެތް ރަށްރަށުގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކުގެ އަގު ނުހިމަނާ ހަރަދުވާނެ ވަރުގެ އަންދާޒާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ތެރެއިން ބައެއް ނިޒާމުތަކަކީ، ތަންކޮޅެއް ދުވަސްވީ މުސްކުޅި ނިޒާމުތަކަކަށް ވީމަ އަޅުގަނޑުމެން ހެދީ އެސެސްމަންޓެއް. ކިހާވަރެއްގެ، ފައިސާގެ ގޮތުން ކިހާވަރެއްތޯ ބޭނުން މި ވަނީ މިހާރު ހުރި ކަންކަން އަޕްގްރޭޑު ކުރެވި އެކެސްޓެންޑް ކުރެވި މިކަންކަން ކުރަން،" މުސްތަފާ ވިދާޅުވި އެވެ. 
ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑުކުރުމުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ އެއް ތަނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ވަރު ދިރިއުޅޭ ގްރޭޓާ މާލޭ ސަރަހައްދެވެ. މާލޭގައި ހުރި ފެނާއި ނަރުދަމާގެ ނިޒާމަކީ މީގެ 29 އަހަރު ކުރިން، 1996 ގައި އޭރު މާލޭގައި ދިރިއުޅުނު އާބާދީއަށް ހިދުމަތް ދޭން އަމާޒުކޮށްގެން ތަރައްގީކުރި ނިޒާމެކެވެ.
ވިދާޅުވީ އޭރުގެ ނިޒާމު ފަރުމާކުރީ ފެނުގެ ހިދުމަތް 60،000 މީހުންގެ އާބާދީއަކަށް އަދި ނަރުދަމާގެ ހިދުމަތް 45،000 މީހުންގެ އާބަދީއަކަށް ހިދުމަތް ދޭން ކަމަށެވެ. ނަމަވެސް މިހާރު މާލޭގައި ދިރިއުޅޭ 211،000 އަށް ވުރެ އިތުރުވެފައިވާއިރު، މިއީ 3.5 ގުނައިގެ އިތުރުވުމެކެވެ. 
މާލޭގެ ނިޒާމު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ ތެރެއިން މި ވަގުތު ކުރިއަށްދާ މަސައްކަތްކީ ފެން ރައްކާ ކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމުގެ މަސައްކަތެވެ. މި މައްސަލަ އެންމެ ބޮޑަށް އުޅެނީ މާލޭ އާއި ހުޅުމާލޭގަ އެވެ.
އެގޮތުން މާލޭގައި ފެނުގެ ސްޓޯރޭޖު ކެޕޭސިޓީ މަތިކުރަން ބަހައްޓަނީ 26،000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގިއެކެވެ. އަދި ހުޅުމާލޭގައި ބަހައްޓަނީ 13،000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީއެކެވެ. މި މަސައްކަތްތައް ނިމުމުން މާލޭ އާއި ހުޅުމާލޭގައި ވެސް ފެން ރައްކާ ކުރެވޭ މިހާރު ހުރި ވަރަށް ވުރެ ދެ ގުނަ އިތުރު ވާނެ އެވެ.
"މިހާރު އެ ބޭފުޅުންގެ ޑިމާންޑަށް ވުރެ ސްޓޯރޭޖު ދަށްކޮށް ހުރީމަ ވާގޮތަކީ، ޕްރޮޑަކްޝަންގައި، ޕްރޮޑިއުސްކޮށްފަ ދިނުމުގައި ބައެއް ގޮންޖެހުންތައް އެބަ ކުރިމަތިވޭ. 
އޭގެ އިތުރުން، މާލޭ ސަރަހައްދުގެ ކަރަންޓު ގްރިޑު ގުޅާލާފައިވާ ގޮތަށް ސިނާމާލެ ބްރިޖު މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކު ގުޅާލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. 
ފެނާއި ނަރުދަމާގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ނަމަވެސް، އަދި ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މި ހިދުމަތް ގާއިމުނުކުރެވެ އެވެ. އެންވަޔަރަމަންޓު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެނުގެ ނިޒާމު ނެތް 46 ރަށަކާއި ނަރުދަމާގެ ނިޒާމު ނެތް 36 ރަށެއް އަދިވެސް އެބަ އޮތެވެ. 
ފެނާއި ނަރުދަމާގެ ގާނޫނަށް މި ސަރުކާރުން ގެނައި ބަދަލާއެކީ، މި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ގާނޫނުން ކަނޑައަޅާފައިވާ ސުންގަޑި ވަނީ އަންނަ އަހަރުގެ ނިޔަލަށް ފަސްކޮށްފަ އެވެ. ކުރިން އެ މުއްދަތު ހަމަވާ ގޮތަށް އެ ގާނޫނު ފާސްކުރި ތާރީހުން ފެށިގެން ފަސް އަހަރު، އެއީ މިދިޔަ އަހަރުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ