ވައިރަހެއްގެ ޒަރިއްޔާއިން ފެތުރޭ މީސްލްސް ނުވަތަ ހިމަބިއްސަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމުކޮށް ގަދަ ހުމަކާއެކު ގައިގެ އެކި ތަންތަނުގައި ރަތްކުލައަށްދާ ހިމަ ބިހިތަކެއް ނެގުމާއެކު ރޯގާގެ އަލާމާތްތަކެއް މިބަލީގައި ފެނެއެވެ.
ރާއްޖޭގައި މީސްލްސްއަށް ދޭ ވެކްސިނާއެކު 2017 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ މީސްލްސްއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންނަމަވެސް ދަތުރުފަތުރުގެ ސަބަބުން ބޭރުން ރާއްޖެއަށް އަންނަ މީހުންނާއެކު ރާއްޖެއިން މިބަލީގެ ކޭސްތައް އޭގެފަހުންވެސް ފެނެއެވެ. ނަމަވެސް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީއާއެކު ރާއްޖޭގައި ބަލި ޖެހިގެން ފުރާނައަށް ނުރައްކާވާ މިންވަރުގެ ކޭސްތައް ނުފެންނަކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
ވައިރަހެއްގެ ސަބަބުން ޖެހޭ އެހެން ހުމާއި ރޯގާތައް ފަދައިން ހިމަބިހީގައިވެސް ބަލީގެ ނުރައްކާވަނީ ދިފާޢީ ނިޒާމު ބަލިކަށިކުރާ ފަދަ އެހެން ބަލިތައް ހުންނަ މީހުންނަށެވެ.
ވެކްސިންގެ ސަބަބުން ރާއްޖޭގައި ބަލީގެ ނުރައްކާވާ މީހުންގެ ޕެޓަރންއެއް ނުފެންނަކަން އެޗްޕީއޭއިން ފާހަގަކުރައްވާއިރު ހިމަބިހީގެ ވެކްސިން އާންމުވުމުގެ ކުރިން 1963ގެ ކުރިން ކޮންމެ ދެތިން އަހަރަކުން އެއްފަހަރު މިބަލީގެ ނުރައްކާ ބޮޑުވެ ދުނިޔޭގައި އަހަރަކު 2.6 މިލިޔަން މީހުން މަރުވަމުންގޮސްފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފާހަގަކުރައްވައެވެ.
ވެކްސިން ޖެހުން އާންމުވުމާއެކު މިބަލީގައި މަރުވާ މީހުންގެ ޢަދަދު މުޅި ދުނިޔޭގައިވެސްވަނީ މަދުވެފައެވެ. ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު މިބަލީގެ ސަބަބުން މަރުވިކަމަށް ރިކޯޑުކުރެވިފައިވަނީ 95000 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ވެކްސިން ނުޖަހާ މީހުންނާއި އުމުރުން 5 އަހަރުން ދަށުގެ ކުދިންކަން ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ.
މީސްލްސްގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި މާބަނޑު މީހުންވެސް ހިމެނެއެވެ. މާބަނޑުއިރު މައިމީހާއަށް ހިމަބިހި ޖެހިފައިވާނަމަ ދުވަސްނުފުރާ ވިހެއުމާއި، އައިބުތައް ހުރުމަކީ ގާތްކަމެއްކަމަށް ޑަބްލިއުއެޗްއޯއިން ވިދާޅުވެއެވެ.
ވެކްސިންގެ ސަބަބުން ބަލީގެ ނުރައްކާ ކުޑަވެއެވެ. ބަލި ޖެހުމުގެ ކުރިން ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ދިފާޢީ ނިޒާމަށް މިވައިރަސްގެ އެންޓިބޮޑީސް ތައްޔާރުވެފައިހުރެއެވެ. ނަތީޖާއެއްގެގޮތުން މީސްލްސްގެ ނުރައްކާތެރި ވައިރަސް ހަށިގަނޑަށް ވާސިލުވާއިރު، އެބައްޔާދެކޮޅަށް ދިފާޢީ ނިޒާމު ހުންނަނީ ތައްޔާރުވެފައެވެ. ބަލީގައި ބޮޑުވަރުވުމުގެ ކުރިން ބައްޔާދެކޮޅަށް ދިފާޢީ ނިޒާމު މަސައްކަތްކުރަން ފަށައެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމުގައި ވެކްސިން މުހިއްމު ދައުރެއް އަދާކުރެއެވެ.
ވެކްސިނާއެކު ހިމަބިހީގެ ނުރައްކާ ކުޑަވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ