ފެކްޓް ޗެކް: ސިނގިރޭޓުގެ ބަދަލުގައި ބޭނުންކުރާ ހުރިހާ ބާވަތްތަކަކީ އެއްވަރެއްގެ ނުރައްކަލެއް އޮތް އެއްޗެހިތަ؟

ސިނގިރޭޓުގެ އަގު ބޮޑުކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމުގެ މަގުސަދުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ވަރަށް ބޮޑަށް މަތިކޮށްފަ އެވެ. ނަމަވެސް، އޭގެ މަދު މަސްތަކެއްގެ ތެރޭގައި، އަގު ބޮޑުވުމުގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ފެންނަން ފެށި ކަމުގެ ރިޕޯޓުތައް ލިބުނެވެ. އެއީ ސިނގިރޭޓުގެ ބަދަލުގައި އަގުހެޔޮ އެހެން ބާވަތްތަކަށް ބަދަލުވާން ފެށުމެވެ. މީގެ ތެރެއިން ބައެއް މީހުން، ވަގަށް އެތެރެކޮށްފައިވާ ނުވަތަ ފޭކު ސިނގިރޭޓު ހެޔޮ އަގުގައި ވިއްކާ ކަޅު ބާޒާރުގެ މުދަލަށް ބަރޯސާވިއިރު، އަނެއް ބަޔަކު މުޅިން ތަފާތު އުފެއްދުންތައް ހޯދަން ފެށި އެވެ.
އޭގެ 18 މަސް ފަހުން، ސަރުކާރުން މިހާރު ވަނީ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ އަނެއްކާވެސް ކުޑަކޮށްފަ އެވެ. މި ނިންމުން ސާފުކޮށްދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ދުންފަތުގެ އިސްތިއުމާލުކުރުމަށް އާދަވެފައިވާ މީހުން، ސިއްހަތަށް މާ ބޮޑަށް ނުރައްކާވާ ފަދަ އެހެން ބާވަތްތައް ބޭނުންކުރަން ފަށާފައިވާ" ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި މި ފިޔަވަޅު އަޅަން މަޖުބޫރުވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ސިނގިރޭޓުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކަކީ މާ ނުރައްކާތެރި އެއްޗެހި ކަމަށް ރައީސް ވިދާޅުވިއިރު، އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ސީދާ ކޮން އެއްޗަކަށް ހެއްޔެވެ؟ ގަވާއިދާ ހިލާފަށް އެތެރެކުރާ ގޮތް ނޭނގޭ ސިނގިރޭޓަށް ހެއްޔެވެ؟ ނުވަތަ އެއްވެސް އުސޫލެއް ނެތި ވިއްކާ އުފެއްދުންތަކަށް ހެއްޔެވެ؟ ނުވަތަ ސިނގިރޭޓުގެ ބަދަލުގައި ބޭނުންކުރާ ހުރިހާ ބާވަތްތަކަކީ ވެސް މާ ނުރައްކާތެރި އެއްޗެހި ކަމަށް އެމަނިކުފާނު މާނަކުރެއްވީ ހެއްޔެވެ؟ މި ތަފާތު ދެނެގަތުން މުހިންމެވެ.
ބައެއް އުފެއްދުންތަކަކީ އަންދައިގެން ދުން ބޭރުކުރާ އެއްޗެއްސެވެ. އަނެއްބައި ތަކެއްޗަކީ ނާންދައި ހޫނުކޮށްގެން ބޭނުންކުރާ އެއްޗެއްސެވެ. އަދި ދުންފަތުގެ އެއްވެސް މާއްދާއެއް ނުހިމެނޭ، ހަމައެކަނި ނިކޮޓިން އެކުލެވޭ ބާވަތްތައް ވެސް ހުރެ އެވެ. މިއީ މަސައްކަތްކުރާ މުޅިން ތަފާތު އުފެއްދުންތަކެކެވެ. އެއްޗެއް މަސައްކަތްކުރާ ގޮތް ތަފާތުވާއިރު، އޭގެ ނުރައްކާ ހުންނާނީ އެއްވަރަކަށް ހެއްޔެވެ؟
ދުނިޔޭގެ އެކި ގައުމުތަކުން މިފަދަ އުފެއްދުންތަކާ މެދު އަމަލުކުރަނީ ތަފާތު އުސޫލުތަކަކަށެވެ. ބައެއް ގައުމުތަކުން މި ތަކެތި ވަރަށް ބޮޑަށް މަނާކުރާއިރު، އަނެއްބައި ގައުމުތަކުން ވަކި ގަވާއިދުތަކެއްގެ ދަށުން ބާޒާރުގައި ވިއްކުމުގެ ހުއްދަދެ އެވެ. އަދި ބައެއް ގައުމުތަކުން ތަފާތު ރޭޓުތަކުގައި ޓެކްސް ނަގަ އެވެ. ސިނގިރޭޓުގެ ބަދަލުގައި ބޭނުންކުރާ ހުރިހާ ބާވަތްތަކަކީ އެއްވަރެއްގެ ނުރައްކަލެއް ހުރި އެއްޗެހި ނަމަ، އެކި ގައުމުތަކުގެ ގާނޫނުތަކާއި އުސޫލުތައް މިހާ ބޮޑަށް ތަފާތުވާންވީ ކީއްވެ ހެއްޔެވެ؟
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ދުނިޔޭގެ އެންމެ ހަރުކަށި ރެގިއުލޭޓަރީ އިދާރާތަކުން ވެސް މި އުފެއްދުންތައް ގިންތިކުރަނީ ވަކިވަކިންނެވެ. އެ އިދާރާތަކުން މި ތަކެތި ތަފާތުކުރަނީ އެ ތަކެތި މަސައްކަތްކުރާ ގޮތަށާއި، އޭގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުގެ މައްޗަށް ބިނާކޮށްފަ އެވެ. މި ހުރިހާ އެއްޗަކީ އެއްވަރަކަށް ނުރައްކާތެރި އެއްޗެހި ނަމަ، މިފަދަ ނިޒާމުތަކުން އެ ތަކެތި ތަފާތުކުރަންވީ ކީއްވެ ހެއްޔެވެ؟
މިކަން މުހިންމުވަނީ، ރަނގަޅު ނިންމުންތައް ނިންމުމަށްޓަކައި ނުރައްކާ އޮތް މިންވަރު ދެނެގަތުމަކީ އަސާސީ ކަމަކަށް ވާތީ އެވެ. ސިނގިރޭޓުގެ ބަދަލުގައި ބޭނުންކުރާ ބައެއް ބާވަތްތަކަކީ ސިނގިރޭޓަށް ވުރެ ނުރައްކާ ކުޑަ އެއްޗެހި ކަމަށްވާ ނަމަ، އެއީ ކަސްޓަމަރުންނަށް އެނގެންޖެހޭ މައުލޫމާތެކެވެ. މިފަދަ މައުލޫމާތުތައް އާންމުންނަށް ނުލިބޭ ނަމަ، އެމީހުން އިހުތިޔާރުކުރާ އެއްޗެއްގެ ނުރައްކާ ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟
މިކަމާ ގުޅޭ ހެކިތައް އެބަހުއްޓެވެ. އޮތް ސުވާލަކީ، އެ މައުލޫމާތު އެންމެ ބޭނުންވާ މީހުންނާ ހަމައަށް އެ މައުލޫމާތު ފޯރާތޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ