އަތޮޅު ކައުންސިލް އުވާލުމުން ހަރަދު ކުޑަވާ ގޮތެއް އެލްޖީއޭއަކަށް ކިޔައެއްނުދެވުނު: އެމްޑީޕީ

އަތޮޅު ކައުންސިލްތައް އުވާލުމުން ހަރަދު ކުޑަވާ ގޮތެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ކިޔައިނުދެވޭ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން މިއަދު ވަނީ އެ ޕާޓީގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެލްޖީއޭގެ ވެރިންނާ ބައްދަލުކޮށްފަ އެވެ.
ތަފްސީލު - އެލްޖީއޭގައި ބޭއްވި އެ ބައްދަލުވުމަށް ފަހު އެ އޮފީހުގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެއް ކަމަކީ އަތޮޅު ކައުންސިލްތައް އުވާލާފައިވާތީވެ އެކަމާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:
އަތޮޅު ކައުންސިލް އުވާލުމުގައި އެލްޖީއޭގެ ވިސްނުމަކީ ކޮބައިތޯ އާއި އެކަމުގައި ފަންނީ ލަފައެއް ސަރުކާރަށް އެލްޖީއޭއަށް ދިންތޯ ސާފު ކުރި
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލްގެ އަމިއްލަ ވިސްނުމަކީ އަތޮޅު ކައުންސިލް އުވާލަން ޖެހޭ ކަމަށް؛ ނަމަވެސް އެތަނުގައި ތިއްބެވި ފަންނީ ބޭފުޅުން ވިދާޅުވި ގޮތުގައި، އަތޮޅު ކައުންސިލް އުވާލުމަށް ތާއީދެއް ނުކުރެވޭ އަދި އެއީ އެކަމަށް އެލްޖީއޭން ލަފައެއް ވެސް ދީފައެއްނުވާނެ
އެލްޖީއޭގެ ސީއީއޯއަކީ ރައީސް އައްޔަން ކުރާ މަގާމެއް ކަމުން، ނިމާލް ސަރުކާރުގެ ވިސްނުން ދިފާއު ކުރި ނަމަވެސް، އެލްޖީއޭގެ ފަންނީ މުވައްޒަފުން އެ ނިންމުމަށް ތާއީދު ނުކުރާކަން ނިޔާޒު ފާހަގަ ކުރެއްވި
"އެހެންވީމަ އެނގިގެން މިދިޔަ ކަމަކީ، ރައްޔިތުންގެ މަޖިލިސް ތެރޭގައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ގެނެސްފައިވާ ބަދަލެއްކަން މިއީ. އެ ބަދަލު އެގޮތަށް އައިމާ އެ ބޭފުޅުން [އެލްޖީއޭ]ން އެގޮތަށް އަމަލު ކުރައްވަނީކަން،" މިދިޔަ 19 ވަނަ މަޖިލީހުގައި ހުޅުމާލެ ދާއިރާގެ މެންބަރުކަން ކުރެއްވި އަދި އެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އަލީ ނިޔާޒު ވިދާޅުވި އެވެ.
"މިއީ މުޅި ލާމަރުކަޒީ ނިޒާމަށް އައި ހެޔޮ ބަދަލެއްގެ ގޮތުގައި ދެކޭ ދެކުން އެ ބޭފުޅުން [އެލްޖީއޭގެ ފަންނީ ބޭފުޅުން] ދެކެވަޑައިނުގަންނަވާ، ފަންނީ ގޮތުން."
އަތޮޅު ކައުންސިލް އުވާލާ އެއް ސަބަބަކީ ހަރަދު ކުޑަ ކުރުން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. އަލީ ނިޔާޒު މިއަދު ވިދާޅުވި ގޮތުގައި، އެ ނިންމުމުގެ ސަބަބުން ހަރަދު ކުޑައެއް ނުވެ އެވެ.
"ހަރަދު ކުޑަ ކުރުމުގެ ވިސްނުމުގައި ކޮށްފައި އޮތް ކަމެއް ނޫން އެއީ. ގާނޫނުގައި އެބައޮތް، މިހާރު އިތުރު މެންޑޭޓެއް އެލްޖީއޭގެ ބްރާންޗުތައް އަތޮޅުތަކުގައި ގާއިމް ކުރަން. އެހެންވީމަ ހަރަދު ކުޑައެއް ނުވޭ. އެ ބޭފުޅުންގެ ވާހަކައަކުން ވެސް އެއީ ހަރަދު ކުޑަ ކުރަން ކުރި ކަމެއްގެ ގޮތުގައި ފާހަގައެއް ނުވޭ. އެކަމުގައި ދަލީލުތަކެއް ވެސް ދެއްކޭކަށް ނެތް ހަރަދު ކުޑަ ކުރެވޭނެ ކަމަށް،" އަލީ ނިޔާޒު ވިދާޅުވި އެވެ.
އެލްޖީއޭން ރައްޔިތުންނާ ގުޅުން ހުރި މުހިންމު ނިންމުންތައް ނިންމަމުން އަންނައިރު، އެ ނިންމުންތައް ނިންމާ ސަބަބު ހާމަކޮށް އެނގެން ޖެހޭ ކަމަށް ވެސް އަލީ ނިޔާޒު ވިދާޅުވި އެވެ. އެގޮތުން، އޭނާ ފާހަގަ ކުރެއްވި ގޮތުގައި:
މި ފަހުން އެލްޖީއޭން ވަނީ މުޅި ފ. އަތޮޅުގެ ރައްޔިތުންގެ ބިމެއް ފ. ނިލަންދޫ ކައުންސިލަށް ދީފައި
އެ ނިންމުމުގެ ސަބަބުތަކެއް ވެސް ނޭނގޭ؛ މިއީ ފ. އަތޮޅުގެ އެހެން ރަށްތަކުގެ މީހުންގެ ވަރަށް ބޮޑު ޝަކުވާއެއް
އެ ނިންމުން އެލްޖީއޭން ނިންމީ ސިޔާސީ ނުފޫޒުން ކަމަށް އޭނާ ތުުހުމަތު ކުރި؛ ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރަކީ ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޮ، ފާތިމަތު ސައުދާ
"އަޅުގަނޑުމެން އެދުނިން މިފަދަ ބޮޑެތި ނިންމުންތަކަށް މަޝްވަރާ ކުރާއިރު، އެ ބޭފުޅުންގެ ނިންމުންތައް ލައިވް ކުރުމަށް،" އަލީ ނިޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ