ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި، އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް
ގަތަރުގެ ކުރީގެ އަމީރު،ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ އެއް ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ރައީސް ނިންމަވައިފައިވަނީ، މިއަދު މެންދުރު 12:00އިން ފެށިގެން މާދަމާ މެންދުރު 12:00ގެ ނިޔަލަށް ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ކަމަށެވެ. އެ އޮފީހުން ބުނި ގޮތުގައި ރައީސް އެގޮތަށް ނިންމެވީ، ރާއްޖެއާއި ގަތަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ ސަބަބުންނެވެ. އަދި ޝައިޚް ޙަމަދު، ގަތަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުމަށް ރައީސް ނިންމެވީ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ. އުމުރުފުޅުން 74 އަހަރުގައި ޝައިޚް ޙަމަދު އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ މަނިކުފާނު ފަސްދާނުލާފައި ވަނީ އިއްޔެ ރަސްމީ ޢިއްޒަތުގައެވެ. އަދި އެ މަނިކުފާނު އަވަހާރަވުމާއި ގުޅިގެން ގަތަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުޢިއްޒު ވަނީ މިއަދު ހެނދުނު އެ ގައުމަށް ފުރާވަޑައިގެންފައެވެ. https://sun.mv/224583 ޝައިޚް ޙަމަދު އަވަހާރަވުމާ ގުޅިގެން ރައީސް ކުރެއްވި ތައުޒިޔާގެ ޕޯސްޓެއްގައިވަނީ، ގަތަރުގެ ކުރީގެ އަމީރުގެ ލީޑާޝިޕްގައި އެ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ބޮޑު އިސްކަމެއް ދެއްވައި، އެ ގައުމުގެ ތަރައްގީގައި އިސް ދައުރެއް އަދާކުރެއްވި ކަމަށެވެ. ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ ވެރިކަމުގައި ޤަޠަރަކީ ދުނިޔޭގެ އެންމެ މުއްސަނދި، އަދި ނުފޫޒުގަދަ އެއް ގައުމަށް ހެއްދެވިއެވެ. ޚާއްސަކޮށް ޤަޠަރުގެ ގޭހުގެ ވަސީލަތްތައް ބޭނުންކޮށްގެން ގައުމުގެ އިގުތިޞާދު ވަރުގަދަކުރައްވައި، މުޅި ދުނިޔެއަށް މަޝްހޫރު "އަލްޖަޒީރާ" މީޑިއާ ނެޓްވޯކް އުފެއްދެވީވެސް އެ މަނިކުފާނުގެ ރޭވުންތެރިކަމުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ