މުއިއްޒު ޓްރެފިކް އޮފީހެއް ހެދީ ސިޓީކައުންސިލާ ކޯޅެން

ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ބޮޑުވެ މަތި ބަރުވަމުން ދާދިޔުމަށް އަނެއްކާވެސް އިތުރު ބުރައެއް އިތުރުކުރުން ބަލައެއް ނުގަނެވެއެވެ. މާލެ ސަރަހައްދުގެ ޓްރެފިކް ހަމަޔަކަށް އެޅުވުމުގެ ނަމުގައި ސަރުކާރުން އައު އިދާރާއެއް އުފެއްދުމަކީ ކުރާންފެށި އިތުރު އިސްރާފަކަށް ނޫނީ ނުވާނެއެވެ. އަލަށް އޮފީހެއް އުފައްދާ އެތަން ހިންގުމަށް ކުރަންޖެހޭ ހަރަދު އަހަރަކު އެތައް މިލިޔަން ރުފިޔާއެއް ހޭދަކުރަން ޖެހޭނެއެވެ. 
ޓްރާންސްޕޯޓް މިނިސްޓްރީއެއް ހުންނައިރު ޓްރެފިކްގެ ކަންކަން ތަރުތީބުކޮށް ހިންގަން އިތުރު އިދާރާއެއް އުފެއްދުމުގެ ބޭނުމެއް ނެތެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ޓްރެފިކްގެ ގައުމީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކައުންސިލްތަކާއި ޕޮލިހުން އެބަތިބެއެވެ. ޕޮލިހުންނާއި ކައުންސިލްތައް ގުޅިގެން ކޮންމެ ސަރަހައްދެއްގެ ޓްރެފިކްގެ މައްސަލަ ހައްލުކުރެވޭނެއެވެ. 
މާލެ ސިޓީގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ނެތުމަކީ ކައުންސިލްގެ ގާނޫނީ ޒިންމާތައް ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ގެންދިއުމަށް ސަރުކާރުން އައު އިދާރާއެއް އުފައްދަންޖެހޭ ސަބަބެއް ނޫނެވެ. ރައްޔިތުން ސަރުކާރާއި ކައުންސިލް އިންތިހާބުކުރަނީ ރައްޔިތުންނަށް ހިދުމަތްކުރާށެވެ. އެއްބަޔަކު އަނެއް ބައެއްގެ ދާއިރާއަށް އަރައިގަނެ ގަދައީ ކޮންބައެއްތޯ ބަލާކަށް ނޫނެވެ. 
މާލެ ސިޓީގައި ހައްލުކުރަން ހުރި ބޮޑެތި މައްސަލަތައް ބައިވަރެވެ. ކޮންމެ ކަމަކަށް ސަރުކާރުން ވަކި އޮފީހެއް ހަދަންޖެހެންޏާ ހަދަން ހުރީ އެއް އޮފީހެއް ދެ އޮފީހެއްނޫނެވެ. ޒާތްޒާތުގެ އޮފީސް ހަދައިގެން ސިޓީ ކައުންސިލްގެ ގާނޫނީ ބާރުގެތައް ސަރުކާރަށް ނަގައިގެން ސަރުކާރުގެ ބުރަ ބޮޑުކުރަން އުޅުމުގެ ބޭނުމެއް ނެތެވެ. ސަރުކާރުން ވީހާވެސް ބޮޑަކަށް އެހެން ފަރާތްތަކަށް ޒިންމާތައް މަތިކޮށްގެން ކަންކަން ވިލަރެސް ކުރަން އުޅެފިނަމަ ނަތީޖާ މާރަނގަޅުވާނެއެވެ. 
ކައުންސިލްތަކުން ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރަން އުޅުމަކީ ކައުސިލްތައް އޮތުމުގެ ބޭނުން ކެނޑިގެންދާނެ ކަމެކެވެ. ސިޔާސީ ފިކުރު ދިމާވިޔަސް ނުވިޔަސް ރައްޔިތުންނަށް ހިދުމަތްކުރުމަށް އެބަޔަކަށް ލިބިފައި އޮތް އިހުތިސޯސުން ބޭރަށް އެއްބަޔަކުވެސް ދިޔުމަކީ ދައުލަތް ހަރާބުވާނެކަމެކެވެ. މާލޭ ސަރަހައްދުގެ ޓްރެފިކްގެ ކަންކަމަށް ހާއްސަ އޮފީހެއް ސަރުކާރުން އުފައްދާ ހިންގުމުން އެހެން ނޫނީ ނުވާ އެތައް ބޮޑު ގެއްލުމެއް ދައުލަތާ ރައްޔިތަށް ވެގެން ދާނެއެވެ، 
އަލަށް އުފެއްދި އޮފީސް ހިންގުމަށް އެތައް ބަޔަކަށް މުސާރަ ދޭން ޖެހޭނެއެވެ. އިދާރީ ހިންގުމަށް ލައްކަ ލައްކައިން ކޮންމެ މަހަކު ހަރަދުވާނެއެވެ. ހަމައެޔާއެކު ޓްރެފިކްގެ ކަންކަމުގައި އުޅޭ ފުލުހުންނަށް ކުރަންޖެހޭ ހޭދަވަކީން ކުޑައެއް ނުވާނެއެވެ. އަނެއްކޮޅުން ސިޓީ ކައުންސިލުން ވެސް ހަމަ އެގޮތުގައި ކުރާ ހޭދަތައް ކުރަމުންދާނެއެވެ.
އާހިރުގައި ހުރިހާ ބުރައެއް އޮންނާނީ ދައުލަތާ ރައްޔިތުންނަށެވެ. އަނެއްކޮޅުން މުއައްސަސާތަކުގެ ކޯޅުމުގައި މާލެސިޓީގެ ޓްރެފިކްގެ ކަންކަން ހައްލުނުވެ ދުވަހެއް ދުވަހަކަށް ވާނީ ގޯހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ