އަސާސީ ތަކެތީގެ އަގު އަދިވެސް އުފުލެނީ، މިދިޔަ މަހު ތަރުކާރީން އެކަނިވެސް 21 ޕަސެންޓްގެ އިތުރުވުމެއް

މާލޭގައި އަސާސީ ތަކެތީގެ އަގު އަދިވެސް އުފުލެމުންދާ ކަމާއި، މިދިޔަ މަހު ތަރުކާރީގެ އަގު އެކަނިވެސް 21 ޕަސެންޓް އިތުރުވެފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ، އަސާސީ މުދަލުގެ އެވްރެޖް އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ އިންޑެކްސް (އީސީޕީއައި)އިން ދައްކާ ގޮތުގައި، މިދިޔަ މަހަކީ ވެސް ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލުނު މަހެކެވެ. އެ ބިއުރޯއިން މީގެ ކުރިން އާންމުކުރި މެއި މަހު ތަފާސްހިސާބުން ދެއްކި ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު އޭރު އަސާސީ ބާވަތްތަކުގެ އަގު ވަނީ 6.35 ޕަސެންޓް އިތުރުވެފައެވެ. އެއީ އޭގެ ކުރިން އައި ފަސް މަސް ތެރޭގައި އެ އަދަދު އެހާ ވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ. މިހާރު ނެރެފައިވާ ޖޫން މަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެ މަހު ތަކެތީގެ އަގު ވަނީ މެއި މަހަށް ވުރެ ވެސް ބޮޑަށް އުފުލިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު ތަކެތީގެ އަގު 8.04 ޕަސެންޓް އުފުލުނެވެ. އަދި މި އަހަރުގެ މެއި މަހާ އަޅައިބަލާއިރު، 2.17 ޕަސެންޓްގެ އިތުރުވުމެއް ވަނީ ފާހަގަވެފައެވެ. ބާޒާރުމަތީ ފިހާރައެއް: ތަރުކާރީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އީސީޕީއައިގައި ހިމެނޭ ތަފާތު ބާވަތްތަކަށް ބަލާއިރު، ކާނާގެ ބާވަތްތަކުގެ އަގު ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު 8.60 ޕަސެންޓް އިތުރުވެފައެވެ. އަދި ބުއިމުގެ ބާވަތްތަކުގެ އަގު ވަނީ 5.49 ޕަސެންޓް އުފުލިފައެވެ. އެ ހިސާބުތަކުގައިވާ ގޮތުން ތެލާއި ގޭހުގެ އަގު ހުރީ މެއި މަހާ އަޅައިބަލާއިރު އެއްވަރެއްގައެވެ. އެހެންނަމަވެސް މިހާރު ހުރި އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު 14.54 ޕަސެންޓްގެ އިތުރުވުމެކެވެ. https://sun.mv/222974 ކާބޯތަކެތީގެ ތެރެއިން އަގު އެންމެ ބޮޑަށް އުފުލިފައިވަނީ ތަރުކާރީގެއެވެ. އެގޮތުން މަހުން މަހަށް އައިސްފައިވާ ބަދަލަށް ބަލާއިރު، އަގު ވަނީ 20.86 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު އެއީ 22.44 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު، އެއްގަމު މަހުގެ ބާވަތްތަކުގެ އަގު ވަނީ 21.13 ޕަސެންޓް އުފުލިފައެވެ. ރާއްޖެއަކީ ކާބޯތަކެތި ގެނައުމަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން ފެބުރުވަރީ 28ގައި މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އެރުމުން، ރާއްޖޭގައި ވެސް ތެލާއި އެހެނިހެން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެން ފެށިއެވެ. https://sun.mv/224417 މި އަހަރަކީ ރާއްޖޭން ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ އަހަރެއް ކަމަަށްވާއިރު، ބޭރުގެ އިދާރާތަކުން މިދިޔަ އަހަރު ވެސް ވަނީ މި އަހަރު ރާއްޖޭގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކޮށްފައެވެ. މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ދިގުދެމިގެންގޮސްފައިވާއިރު، ތަކެތީގެ އަގު އުފުލުމުގެ ބިރު ވަނީ އިތުރަށް ބޮޑުވެފައެވެ. އެގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އެންމެ ފަހުން ނެރެފައިވާ ރިޕޯޓުގައި ވެސް ވަނީ، ރާއްޖޭގައި އަހަރު ބާކީ ބައިގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް އަންދާޒާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ