އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސް އެޅުމުން ރައީސް އޮފީސް ޖޫރިމަނާކޮށްފި
ރައީސް އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް ފޯރުކޮށްދޭން ދިން މުއްދަތުތަކުގައި ޖަވާބު ފޯރުކޮށް ނުދިން މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނުން ރައީސް އޮފީސް މިއަދު ޖޫރިމަނާކޮށްފިއެވެ. އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު މިއަދު ވިދާޅުވީ، ރައީސް އޮފީސް ޖޫރިމަނާކުރަން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް، ދިން މުއްދަތުތަކުގެ ތެރޭގައި ފޯރުކޮށް ނުދިނުމުންނެވެ. މިއީ މިއަދު އެ ކޮމިޝަނުން ރާއްޖެ ޓީވީއާއެކު ބޭއްވި އަޑުއެހުމެއްގައި ކޮމިޝަނަރު ފާހަގަކުރެއްވި މައްސަލައެކެވެ. އެގޮތުން ހުށަހެޅި ބައެއް އާރްޓީއައި ތަކަށް ހަތަރު މަސް ވެގެން ދިޔައިރު ވެސް ޖަވާބު ދީފައި ނުވާތީ އާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ މައްސަލައިގައި 2،000 ރުފިޔާއިން އެ އޮފީސް ވަނީ ޖޫރިމަނާކޮށްފައެވެ. އާހިދު ވިދާޅުވީ އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަރަށް ގިނަ ފަހަރު މިގޮތަށް ޖަވާބުތައް ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާތީވެ، ގާނޫނުގެ 67 ވަނަ މާއްދާ ނ ގެ ދެވަނަ މާއްދާގެ ދަށުން އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތަކަށް ހުރަސްއެޅުން ކަމަށް ބެލެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޖޫރިމަނާކުރުމަށް [ނިންމައިފިން]، އައިކޮމްއިން ވަނީ ޖަވާބު ނުދީ ހުރި ހުރިހާ އާރްޓީއައިއަކަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ރައީސް އޮފީހަށް އަންގާފައެވެ. އަދި ޖަވާބު ނުދޭނަމަ ދައުވާ ކުރާނެކަމުގެ އިންޒާރު ވެސް ދެއްވިއެވެ. https://sun.mv/221661 މިދިޔަ އަހަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައި ހުރި ހިސާބުތަކުން ވެސް އެނގޭ ގޮތުގައި އެކިއެކި ސުވާލުތަކަށް ޖަވާބު ހޯދަން މީހުން ހުށަހެޅި އާރްޓީއައިތަކުގެ 62 އިންސައްތަ ރިކުއެސްޓްތަކަށް ފުރިހަމަ ޖަވާބެއް ނުދެއެވެ. ޖުމުލަ 45 ޕަސެންޓު ރިކުއެސްޓަށް ފުރިހަމަ ޖަވާބު ލިބުން ނަމަވެސް އެ ޖަވާބު ދެނީ މުއްދަތު ފަހަނައަޅާ ދާ ފަހުންނެވެ. އެހެންކަމުން މި ސަރުކާރުގައި މައުލޫމާތު ލިބުމުގައި ހުރި ދަތިތައް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ