"މަޝްވަރާތަކުން އިންޑިއާއެކު އިޤްތީޞާދީ ގުޅުން ބަދަހިކުރަން ބިންގާ އެޅިއްޖެ"

އިންޑިއާއާއެކު ކުރި މަޝްވަރާތަކުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ވަޒީރު މިހެން ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ވިއޯން ނޫސް އެޖެންސީއަށް ދެއްވި ބަސްތީގަތުމެއްގައެވެ.
އިންޑިއާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ވިއޯންއާއި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ، މި ދަތުރުފުޅުގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، މިހާރު އިންޑިއާއެކު ފެންނަ ބަދަހި ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށެވެ.
އިޤްތިޞާދީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިޔާގެ ޑިޖިޓަލް އިޤްތިޞާދުގެ ސިޔާސަތަށް މަގުފަހިކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދިޔަކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމާއި ވައިގެ މަގުން ގުޅުންތައް އިތުރަށް ވަރުގަދަކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މި ދަތުރުފުޅުގެ ތެރެއިން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިންޑިއާއި ރާއްޖެއާއި ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ދެޤައުމު ދެމެދުގައި ޤާއިމް ކުރުމަށް މަސައްކަތް ކުރާ ބައިލެޓްރަލް އިންވެސްޓްމެންޓް މުޢާހަދާއާއި ގުޅޭގޮތުން ވަޒީރު ވަނީ ވާހަކަ ދައްކަވާފައެވެ. ވަޒީރު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުން އަވަސް ކުރުމަށް އެންމެ ބޮޑު ބާރަކަށްވީ، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ނިއުދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމްތައް ކަމަށެވެ. މި ފޯރަމްތަކުގެ ތެރެއިން ދެ ޤައުމުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ގުޅުން ބަދަހިވެގެން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް މާކެޓުން ޚާއްސަ އިނާޔަތްތަކެއް ލިބޭނެ ކަމަށެވެ. އަދި މަހާއި މަހުގެ އުފެއްދުންތަކުން ފައިދާވެ، ކަނޑުގެ އެކި ސިނާޢަތްތަކަށާއި، ޑިޖިޓަލް ޚިދުމަތްތަކަށާއި، އުފެއްދުންތެރި ސިނާޢަތްތަކުގެ އިތުރުން އަލަށް ކުރިއަރަމުން އަންނަ ދާއިރާތަކަށް އައު ފުރުސަތުތައް ހުޅުވޭނެ ކަމަށެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވެ، އައު މާކެޓުތައް ފުޅާވެ، ސަރަޙައްދީ ވިޔަފާރީގެ ވިއުގައިގެ ތެރެއަށް ވަނުމަށް މަގުފަހިވާނެ ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.
އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސްގެ މަރުޙަލާތައް އަވަސްވެ، ރެގިއުލޭޓަރީ އެއްބާރުލުން ވަރުގަދަވެ، ވިޔަފާރިއަށް ހުރި ހުރަސްތައް ނައްތާލެވި، ވިޔަފާރި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރި ކުރުމުގެ ޚަރަދު ކުޑަވެ، ސަޕްލައި ޗެއިންގެ ހިންގުން ހަރުދަނާވެ، ވިޔަފާރިތަކަށާއި ކަސްޓަމަރުންނަށް އޭގެ މަންފާ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ދެ ޤައުމު ދެމެދު މަޝްވަރާތައް ނިންމާލާފައިވާ ބައިލެޓްރަލް އިންވެސްޓްމަންޓް މުއާހާދާއިންވެސް ރާއްޖެއަށް ފައިދާ ކުރާނެކަން ވަޒީރު ސަޢީދު ފާޙަގަކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން އިންވެސްޓްމަންޓުތަކަށް ހާމަކަން ބޮޑު، ދެނެގަންނަން ފަސޭހަ އަދި ޤަވާއިދުތަކެއްގެ މައްޗަށް ބިނާވެފައިވާ އޮނިގަނޑެއް ލިބިގެންދާނެއެވެ. އަދި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ފަތުރުވެރިކަން، ލޮޖިސްޓިކްސް، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިޤްތިޞާދު ފަދަ އިސްކަންދޭ ދާއިރާތަކަށް އިންޑިއާގެ އިންވެސްޓްމަންޓުތައް އިތުރުވުމަށް ބާރު ލިބޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
މިފަދަ އިންވެސްޓްމަންޓުތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އުފެދި، ޓެކްނޮލޮޖީ ބަދަލުކުރުމަށް މަގުފަހިވެ، ހުނަރު ތަރައްޤީވެ، އައު އީޖާދުތަކަށް އެހީތެރިވެދޭނެ ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ. މިއީ ސިންދަފާތު ކުރެވިފައިވާ އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފުޅާ ލަނޑުދަނޑިއަށް ލިބޭ ބޮޑު އެހީއެއް ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވަނީ، އެއްބަސްވުމުގެ ސަބަބުން އިންޑިއާއަށްވެސް ފައިދާކުރާނެކަން ފާހަގަކުރައްވާފައެވެ. އަދި ފެންނަން ހުރި ދެމެހެއްޓެނިވި ފައިދާތަކާއެކު ދުނިޔޭގެ ފެންވަރުގައި ވާދަވެރި އިޤްތިޞާދެއް ބިނާކުރުމުގެ ދުރު ރާސްތާގެ ތަޞައްވުރަށް މި އެއްބަސްވުންތަކުގެ ސަބަބުން އެހީތެރިކަން ލިބި، ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ