ސަރުކާރު ކުންފުނިތަކުން ސިޔާސީ ސަބަބުތަކަށް މީހުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައިގައި މަޖިލީހަށް ގަރާރެއް ހުށަހެޅުމުން އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވެރިކަން ކުރާ ޕީއެންސީ މެންބަރުން ވިދާޅުވެއްޖެ އެވެ.
ސިޔާސީ ގޮތުން މީހުން ވަޒީފާއިން ވަކިކުރާ މައްސަލައިގައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އެވެ.
Enterprise Development Industrial Pvt Ltd
MGH Group of Companies
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
އޭނާ ހުށަހެޅުއްވި ގަރާރުގައި ބަޔާން ކޮށްފައި ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ނިންމާފައިވާ ކަމަށް ބުނެ ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ.
އެގޮތުން، ސަރުކާރު ކުންފުނިތަކުން މިހާރު މުވައްޒަފުން ވަކިކުރަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށާއި އެކަން ކުރަމުން ދަނީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކަމަށް އެ ގަރާރުގައި ބަޔާން ކޮށްފައިވެ އެވެ.
އޭގެ އިތުރުން، ވަޒީފާއިން ވަކިކުރަމުންދާ މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ އިދިކޮޅު ސިޔާސީ ފިކުރުތައް ފާޅުކުރާ ފަރާތްތައް ކަމަށްވުމަކީ އިއްތިފާގެއް ނޫން ކަމަށާއި ގައުމުގެ އިގުތިސާދު ދަތިވަމުންދާ މިފަދަ ދަނޑިވަޅެއްގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ކުއްލިއަކަށް ވަކިކުރުމަކީ މެދުފަންތީގެ ގޭބިސީތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ޕީއެންސީގެ މެންބަރުން ވިދާޅުވީ، އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ ގަރާރެއް ނޫން ކަމަށެވެ. އަދި، އެ ގަރާރުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ސީދާ ކަނޑައެޅިގެން އޭގައި ހަގީގަތެއް އެކުލެވިގެން ނުވާ ކަންކަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރެއްވި އެވެ.
"މިއީ އެއްވެސް ޒުވާނެއްގެ ވަޒީފާ ގެއްލިގެން އެ ހައްގު ހޯދައިދިނުމަށްޓަކައި މި މަޖިލީހަށް ހުށަހެޅިފައިވާ ގަރާރެއް ނޫން، މި ގަރާރަކަށް އަޅުގަނޑު ތާއީދެއް ނުކުރަން، އެއީ ސަބަބަކީ ނުހައްގުން އެއްވެސް ޒުވާނެއް އެއްވެސް ރައްޔިތެއް ވަޒީފާއިން ވަކިކުރަމުންދާތަން ފެންނާކަށެއް އަޅުގަނޑުމެންނަކަށް ނެތް،" ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު ވިދާޅުވި އެވެ.
ސިޔާސީ ސަބަބުތަކަށްޓަކައި މި އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުން 12 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، 7 މުވައްޒަފަކު ވަނީ ސަސްޕެންޑުކުރި. އޭގެ ތެރޭގައި ގިނައީ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ދާއިރާތަކުން ވަކިކުރި މުވައްޒަފުން. މި ސަރުކާރު އައިފަހުން މިހާތަނަށް 50 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވޭ.
އޭނާ ވިދާޅުވީ ސަރުކާރު ކުންފުންޏެއްގައި މަސައްކަތް ކުރާ މީހަކު، ހިތުހުރިހާ ވާހަކައެއް ދައްކައި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާނުކުރާ ކަމަށް ވާނަމަ، އެ މީހަކު ވަޒީފާއިން ވަކިކުރުމަކީ ސިޔާސީ ގޮތުން ވަޒީފާތަކުން މީހުން ވަކިކުރުން ނޫން ކަމަށެވެ.
"މިއީ އަޅުގަނޑުމެން ތާއީދުކުރާ ގަރާރެއް ނޫން، މިއީ ހަމަ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ވައިޖަހަންވެގެން ކޮށްފައިވާ ކަމެއް، މީގެން ދިވެހި އެއްވެސް ވަޒީފާ އަދާކުރާ ފަރާތެއް ލޯއްބެއްވެސް މި ބޭފުޅުންނަކަށް ނުލިބޭނެ، ރުހުމެއް ވެސް މި ބޭފުޅުންނަކަށް ނުލިބޭނެ،" ސުޖާއު ވިދާޅުވި އެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކުގެ ވަޒީފާއަށް އާދަޔާއި ހިލާފަށް މީހުން ވެއްދީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި، އެއްވެސް މީހަކު އުސޫލުން ބޭރުން ވަޒީފާއިން ވަކި ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ކުންފުނިތަކުގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، އެއްވެސް މީހަކު ނުގަވާއިދުން ވަޒީފާއިން ވަކިކޮށްއެއް ނެތް، ހަމަ ރަނގަޅަށް މި ކަން ކުރަނީ،" އައިބީ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތުގައި، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އަހުމަދު ޝަމްހީދު ވާހަކަދައްކަވަން ފެށްޓެވުމާއެކު މަޖިލީހުގެ ތަޅުން ކޮންމެވެސް ވަރަކަށް ހޫނުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ވަކި ކުރާނަމަ، އެއީ 13،000 މުވައްޒަފުން ކަމަށެވެ.
ވެރިކަންކުރާ ޕީއެންސީން ވަކިވެ އިދިކޮޅު އެމްޑީޕީއާ ގުޅުމާ ގުޅިގެން، އެޗްޑީސީގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރި ޝާނީޒް ހާޝިމް (ޝާންކޮ) ވަޒީފާއިން ވަކިކޮށްފިއެވެ. ޝާންކޮ ބުނި ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރީ ސިޔާސީ ގޮތުން ފާޅުކުރި ޚިޔާލުތަކަކާ ގުޅިގެން ކަމަށްވާއިރު، މިފަދަ ކަންކަމާ ދެކޮޅަށް އެމްޑީޕީން މިރޭ މުޒާހަރާ ކުރުމަށް ވަނީ ނިންމާފައެވެ.
އެހެންނަމަވެސް، އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވިދާޅުވެ ޕީއެންސީގެ މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށްފަ އެވެ. އެއާއެކު ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ނިންމާލައިފަ އެވެ.
މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބަޔާން ކޮށްފައި ވަނީ ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމާއި އަދި ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި، މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތް އަހުލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅި އެޅުމަށްފަހު ވެސް އޭނާގެ މަސައްކަތުގެ އަހުލާފާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވިއިރު، މި އަހަރުގެ މިހައިތަނަށް ސިޔާސީ ގޮތުން ހިޔާލުތަފާތުވުމުން ސަރުކާރުގެ ކުންފުނިތަކުން 13 މުވައްޒަފަކު ކަނޑާލައި، ހަތް މުވައްޒަފަކު ސަސްޕެންޑުކޮށްފައިވެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެ 13 މުވައްޒަފުންގެ ތެރެއިން ހަތް މީހަކު ވަޒީފާއިން ވަކިކުރީ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެންނެވެ. އަދި، ބާކީ ފަސް މުވައްޒަފުން ވަޒީފާއިން ވަކިކުރީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ޕީއެންސީ ބަލިވުމުންނެވެ.
ސިޔާސީ ސަބަބުތަކަށް މީހުން ވަޒީފާއިން ވަކިކުރާ މައްސަލައިގައި ޕީއެންސީ މެންބަރުންނަށް ގޯސްވީ ހުށަހެޅި ގަރާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ