މާރާމާރީއާ ގުޅިގެން ވަލްވާޑޭއާއި ޗޫމޭނީ އެއް މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި

ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކަށް ފަހު ޗޭންޖިންގ ރޫމުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން، އެ ކްލަބުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ފެޑެރީކޯ ވަލްވޭޑޭ އާއި އައުރެލިއަން ޗޫމޭނީ ޖުމްލަ އެއް މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ވަލްވޭޑޭއަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނުއިރު، ރިޕޯޓްތައް ބުނާ ގޮތުގައި މި ދެ ކުޅުންތެރިންގެ މެދުގައި އޭގެ ކުރީ ދުވަހުވެސް ވަނީ މައްސަލަތަކެއް އުފެދިފައެވެ. މި މައްސަލަ ބެލުމަށްފަހު ކްލަބުގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ކޮންމެ ކުޅުންތެރިއަކު ފަސް ލައްކަ ޔޫރޯއިން ޖުރިމަނާކުރަން ނިންމާފައެވެ. މި ހާދިސާއާ ގުޅިގެން ދެ ކުޅުންތެރިންވެސް މިހާރު ވަނީ ރަސްމީކޮށް މައާފަށް އެދިފައެވެ. މި ހާދިސާއާ ގުޅޭގޮތުން ވަލްވޭޑޭ ބުނެފައިވަނީ އޭނާގެ ބޯ ފަޅައިގެން ދިޔައީ ޗޫމޭނީ ދިން ހަމަލާއަކުން ނޫން ކަމަށާއި، އެއީ ކުއްލިއަކަށް މޭޒެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ. ނަމަވެސް މި އަނިޔާގެ ސަބަބުން ގާތްގަނޑަކަށް ދިހަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމުން، އަންނަ ހަފްތާގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ ފޯރިގަދަ "އެލް ކްލެސިކޯ" މެޗު އޭނާއަށް ގެއްލޭނެކަން ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ މުހިންމު މެޗަކާ ކުރިމަތިލާއިރު ރެއާލް މެޑްރިޑަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. މީގެ އިތުރުން، ރެއާލް މެޑްރިޑްގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކުޅުންތެރިންގެ މެދުގައި ޖެހުނު މައްސަލައިގެ އިތުރުން، ކޯޗު އަލްވާރޯ އަބެލޮއާ އާއި ބައެއް ކުޅުންތެރިންނާ ދެމެދުވެސް ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޯޗާއި ބައެއް އިސް ކުޅުންތެރިންނާ ދެމެދު މިހާރު އެއްވެސް ވަރަކަށް ވާހަކަ ނުދައްކައެވެ. މި ހުރިހާ މައްސަލަތަކެއް ފެންމަތިވެފައި މިވަނީ ސީޒަނުގެ އެންމެ މުހިންމު ވަގުތުގައި ކަމަށްވުމުން، މިއީ ޓީމުގެ ރޫހަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ