”ކްލީން އެންޑް ހެލްތީ އޯޝަން“ އިފްތިތާހު ކޮށްފި

”ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް“ މަޝްރޫއު އިފުތިތާހުކޮށްފިއެވެ.
ރާއްޖޭގެ ކަނޑުފަޅުތަކުގެ ސާފުތާހިރުކަމާއި ދިރުންތައް ރައްކާތެރި ކުރުމަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫއު އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. އަލީ ޝަރީފެވެ.
ގައުމީ ޔުނިވަސިޓީ އާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި، 49 މިލިއަން ޑޮލަރަށް ވުރެ ގިނަ އިން-ކައިންޑް ކޮންޓްރިބިއުޝަނާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއަކީ ދުނިޔޭގެ ފެންވަރުގައި ހިންގާ 109 މިލިއަން ޑޮލަރުގެ ”ޖީ.އީ.އެފް-8 ކްލީން އެންޑް ހެލްތީ އޯޝަން އިންޓަގްރޭޓެޑް ޕްރޮގްރާމް“ ގެ ދަށުން ހޮވާލެވުނު 13 ގައުމީ މަޝްރޫއުގެ ތެރެއިން އެކައްޗެވެ.
މިއީ ބައިނަލްއަގުވާމީ ޕްރޮގްރާމަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިސްވެ އޮވެ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެހެނިހެން ބައިނަލްއަގުވާމީ ބޭންކުތަކާ ގުޅިގެން ހިންގާ މަސައްކަތެކެވެ.
މަޝްރޫއުގެ އަމާޒަކީ ކަނޑުތަކުގައި އޮކްސިޖަން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، އެއްގަމުން ކަނޑަށް ބޭރުވާ ނައިޓްރޯޖަން އާއި ފޮސްފަރަަސް ފަދަ ކަނޑު ތަޣައްޔަރުކުރާ މާއްދާތައް މަދުކުރުމެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫއު ތަންފީޒު ކުރަނީ ޔޫއެންއީޕީންނެވެ.
އަދި މި މަސައްކަތް އަމަލީގޮތުން ހިންގަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި އިނގިރޭސިވިލާތުގެ ސެންޓަ ފޯ އިކޮލޮޖީ އެންޑް ހައިޑްރޮލޮޖީ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ