އަނބިމީހާގެ ކިބައިގަ ހުންނަން ބޭނުންވާ ސިފަތައް ހުރި އަންތބަކު ލިބުމުން ބޭނުން ނުވާ ސިފަތައް ހުންނަ އަންހެނުންގެ ފަހަތުން ދުވާނަމަ ވަރިމަދުކުރެވޭނީ ކިހިނެއްތަ؟

ފިރިހެނުން ޢާންމުގޮތެއްގައި ބުނާނީ އެމީހުންގެ ޒަވާޖީ ހަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ ބޭވަފާތެރިނުވާނެ، ހިލޭ ފިރިހެނުންނާއި ގުޅުން ނުބާއްވާނެ، ރިވެތި ގޮތުގައި ފޭރާންލައި ނިވާވާނެ، ﷲ ތަޢާލާއަށް ބިރުވެތިވާނެ އަންހެނަކު ކަމަށެވެ. 
އެހުރިހާ ވާހަކަތަކެއް ދައްކަމުން އެމީހުން ޚަރަދުކުރަނީ ކޮންބައަކަށްކަން ނިކަން ބަލައިލާށެވެ. ބޭނުންވާކަމަށް އެބުނާ ޒާތުގެ އަންހެނަކު ލިބިގެން ކައިވެނިކުރިނަމަވެސް އަނބިމީހާ ގޭގައި ބައިންދާފައި އެމީހުން ދުވަނީ ކޮންބާވަތެއްގެ އަންހެނުންގެ ފަހަތުންކަން ނިކަން ބަލައިބަލާށެވެ. 
ފެންނާނީ މުޅިން ތަފާތު މަންޒަރެކެވެ. ބޭނުންވާ ސިފަތައް ކަމަށް ބުނި ސިފަތަކާއި މުޅިން އިދިކޮޅު ސިފަތައް ހުންނަ އަންހެނުން ފަހަތުން ދުވާތަނެވެ. އެފަދަ އަންހެނުންނަށް ބޮޑެތި ޚަރަދުތައްކުރާތަނެވެ. ދެން ބުނަންއޮތީ ކީކޭހެއްޔެވެ؟ 
މިކަންކަން ވަރަށް ގާތުން ބަލައި ދިރާސާކުރި މީހަކު ބުނެފައިވެއެވެ. "ފިރިހެނުން ގޭގައި ބައިންދަން ބޭނުންވާ އަނބިމީހާގެ ސިފަތަކާއި އެމީހުން އެކުގައި އުޅެ މަޖާކުރަން ބޭނުންވާ އަންހެނުންގެ ސިފަތަކާއި މުޅިން ތަފާތެވެ. ކައިވެނީގެ އުފާވެރިކަން ފިރިމީހާއަށްވެސް އަދި އަނބިމީހާއަށްވެސް ނުލިބޭ ސަބަބަކީވެސް ހަމައެއީއެވެ. އަދި ކައވެނި ރޫޅާލައި ދެމީހުން ވަކިވާންޖެހޭ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ." 
އަހުރެންވެސް ބުނާނީ އޭނާ އެބުނަނީ ތެދެއް ކަމަށެވެ. ތިމާ ބޭނުންވާ ގޮތް ތަފާތުވާނަމަ އެއީ މައްސަލައެކެވެ. ތިމާ ބޭނުންވާ ސިފަތައް ހުރި ބައިވެރިއަކު ލިބުމުން އޭނާގެ ބޭނުން ނުހިފައި އެހެން ސިފަތައް ހުންނަ އަންހެނުންގެ ފަހަތުން ދުވާނަމަ އެކަމުން އެނގެނީ އެމީހަކު ޙަޤީޤަތުގައި ބޭނުންވަނީ އޭނާ އެބުނާ ސިފަތައް ހުންނަ އަންހެނަކު ނޫންކަމެވެ. 
ވީމާ އަހުރެން ބުނާނީ އަނބިމީހާގެ ކިބައިގައި ހުންނަން އެމީހަކު ބޭނުންވާ ސިފަތައް ހުރި އަންތބަކު ލިބުމުން އޭނާ ގޭގައި ބައިންދާފައި ނުކުމެ ބޭނުން ނުވާ ސިފަތައް ހުންނަ އަންހެނުންގެ ފަހަތުން ދުވާނަމަ ވަރިމަދެއް ނުކުރެވޭނެއެވެ. އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 
ފިރިމީހާ ބޭނުންވާ ސިފަތައް ހިފައިގެން އަނބިމީހާ ގޭގައެވެ. ފިރިމީހާ ނުކުމެ ދުވަނީ އެހެން ސިފަތައް ހުންނަ އަންހެނުންގެ ފަހަތުންނެވެ. އެކަމަށް ފުދިގެން އަނބިންނަށް ތިބެވޭނީ ކިހައި ދުވަހަކުހެއްޔެވެ؟ ވަރިވެ ދެމީހުން ވަކިވުން ނޫން ގޮތެއް މިޙާލަތަކު ނުއޮންނާނެ ނޫންހެއްޔެވެ؟  
 
- އަލަފް / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ