މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަލާދީ ނަދީމް އިބްރާހިމްގެ މަރާލި މައްސަލައިގައި ދައުވާލިބޭ މީހުން އިސްތިއުނާފް ނިމެންދެން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
އެ މީހުންގެ ކުށް މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.
އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ މީހުން ބަންދު ކުރެވޭނީ ގާނޫނީ ހަމައެއް ނެތް ކަމަށް ހައި ކޯޓުން ނިންމިޔަސް، ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އިސްތިއުނާފް މަރުހަލާގައި ބަންދު ކުރަން އެދެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އިސްތިއުނާފް މަރުހަލާގައި ބަންދު ކުރުމުގައި ރިއާޔަތް ކުރަންޖެހޭ ވަކި އުސޫލުތަކެއް ނެތަސް، އާންމު އިޖްރައާތުތަކަށް ރިއާޔަތްކޮށްގެން އިސްތިއުނާފް މަރުހަލާގައި ބަންދާ މެދު ގޮތެއް ނިންމޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ބަންދު ކުރެވޭނެ އިޖްރައާތެއް އޮއްވާ އިޖްރައާތެއް ނެތް ކަމަށް ހައި ކޯޓުން ނިންމި ނިންމީ ގޯސްކޮށާއި އެހެންކަމުން އެފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އުސޫލެއް ސުޕްރީމް ކޯޓުން ކަނޑައަޅަައިދޭން ދައުލަތުން އެދުނެވެ.
މަފާޒްގެ ވަކީލް ވިދާޅުވީ ދަށު ކޯޓުގެ ޝަރީއަތް ހިންގިއިރު ފަސް އަހަރު ވަންދެން އޭނާ ހުރީ ބަންދުގައި ކަމަށެވެ. އަދި އެ މައްސަލަ ނިމުނު ފަހުން އެހެން މައްސަލައެއްގައި އޭނާ މިހާރު ހުރީ ބަންދުގައި ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ވަކީލް ވިދާޅުވީ ދަށު ކޯޓުގައި ޝަރީއަތް ހިނގިއިރު އެތައް އަހަރެއް މީހުން ވަންދެން ބޭތިއްބުމަށްފަހު ކުށް ސާބިތުނުވުމުން އިސްތިއުނާފް މަރުހަލާގައި އަނެއްކާވެސް އެތައް އަހަރެއް ވަންދެން ބައިތިއްބަން މަސައްކަތް ކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ސުޕްރީމް ކޯޓުން މާދަމާ ވެސް ބާއްވާނެ އެވެ.
ނަދީމްގެ މަރުގެ ތުހުމަތުވާ މީހުން ހައި ކޯޓުން ބަންދު ނުކުރީ ގާނޫނާ ހިލާފަށް: ދައުލަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ