ނަޝީދާއި އިމްރާނަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ: އުމަރު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު ރޭ ޝީ ބިލްޑިންގ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވިދާޅުވީ ރައީސް ނަޝީދަށް ކުރެވޭނެ ދައުވާ އަކީ ގަވާއިދާ ޚިލާފަށް މީހަކު ހިހެފެއްޓުމުގެ ދައުވާ ކަމަށެވެ. އަދި އެ ކުށުގެ އަދަބަކީ ދެ އަހަރު ނުވަތަ ތިން އަހަރުގެ ޖަލު ހުކުމެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. "އެމަނިކުފާނު ފަނޑިޔާރަކު ވަގަށްނެގީ ވަލިއްޔުލް އަމްރު ކަމުގެ މަގާމުގައި ހުރެ. އެއީކީ ވެސް ޓެރަރިޒަމެއް ނޫން. އެއީ ގަވާއިދާ ޚިލާފަށް މީހަކު ހިފެހެއްޓުން. އޭގެ ހުކުމަކީ ދެ އަހަރު ނުވަތަ ތިން އަހަރު ޖަލު،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެންނަން އެއްވެސް ހާލެއްގައި ތާއީދު ނުކުރައްވާ ކަމަށާއި ނަމަވެސް ކޮންމެ މީހަކާ މެދު ވެސް އަމަލު ކުރަންޖެހޭނީ އަދުލުވެރި ކަމާއި އިންސާފުވެރިކޮށް ކަމަށެވެ. "އަޅުގަނޑު އެއްވެސް ހާލެއްގައި ބޭނުމެއް ނޫން މުހައްމަދު ނަޝީދު އެނބުރި މިގައުމުގެ ވެރިކަމަށް އަންނާކަށް. އެކަމަކު ވެސް އަދުލުވެރިކަން ވާނީ އަދުލުވެރިކަމަށް،" އުމަރު ވިދާޅުވިއެވެ. ރޭ ބޭއްވި ނިއުސްކޮންފަރެންސް އަށް ފަހު އުމަރު އެނބުރި ވަޑައިގަންނަވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު އޭނާ ވިދާޅުވީ ޝެއިޚް އިމްރާންގެ މައްޗަށް ތުހުމަތު ކުރެވެނީ އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގާލި ކަމުގެ ތުހުމަތު ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ. އެފަދަ ކުށެއް ކުރިނަމަ އޭގެ ހުކުމަކީ ހަ މަސް ދުވަސް ކަމަށް އުމަރު ވިދާޅުވިއެވެ. "އެއީކީ ޓެރަރިޒަމްގެ އަމަލެއް ނޫން. އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގާލާ މީހެއްގެ ހުކުމަކީ ހަމަސް ދުވަސް. އެކަމަކު ޝެއިޚް އިމްރާނަށް ވަނީ 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފުލުހުން ހޯދި ފިސްތޯލައިން ނާޒިމްގެ ފިންގާ ޕްރިންޓެއް ވެސް ޑީއެންއޭ އެއްވެސް ނުފެންނަ ކަމަށާއި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ އެ ފިސްތޯލައިން ފެނިފައިވާ ކަމަށެވެ. އެ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު ރިޕޯޓު ދިވެހި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރުވެސް އެ މައްސަލާގައި އިންސާފުވެރި ހުކުމެއް ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް. އެމަނިކުފާނުގެ ގެއިން ފެނުނު ފިސްތޯލަ. އެމަނިކުފާނުގެ ފިންގާ ޕްރިންޓެއް ނެތް. އެމަނިކުފާނުގެ ޑީއެންއޭ އެއް ނެތް. އެކަމަކު ކުރީގެ ނައިބު ރައީސް އަދީބުގެ ޑީއެންއޭ އެ ފިސްތޯލަ އިން ފެނުނު. އަދި އެ ޑީއެންއޭ ހޯދީ ދިވެހި ދައުލަތުގެ ފުލުހުން. ދިވެހި ދައުލަތުގެ ފުލުހުން އެ ޑީއެންއޭ ހޯދައި ދިވެހި ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލްއާ ހަމައަށް ފޮނުވީމަ އަދިވެސް މިވަނީ އަދުލުވެރިކަމާއެކު ހުކުމެއް ނީއްވިފަ،" އުމަރު ވިދާޅުވިއެވެ. ރައީސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން ވަކާލާތު ކުރަނީ އަދުލުވެރި ކަމަށް ކަމަށާއި އަދުލުވެރިކަމާއި ނަޒާހަތްތެރިކަން ގެއްލުމުން ޕީޕީއެމްގެ ރައީސާއި ޕާޓީގެ ކައުންސިލް މަޑުން ނޯންނާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. "އެހެންވީމަ އަޅުގަނޑުމެން މި ވަކާލާތު ކުރަނީ އަދުލުވެރި ކަމަށް. ޕީޕީއެމް އަކީ އަދުލުވެރި ވެރިކަމެއް ކުރާ ޕާޓީއަކަށްވުމަށް. ނަޒާހާތްތެރި ވެރިކަމެއް ކުރާ ޕާޓީއަކަށް ވުމަށް. މިއީ އަޅުގަނޑުމެން ވަކާލާތު ކުރާ އެއްޗަކީ. އެހެންވީމަ މިކަންކަން އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެން ދިޔައިމާ މި ޕާޓީގެ އެންމެ އިސް ފަރާތް ކަމުގައިވާ ޕާޓީގެ ރައީސް އަދި އަދި އެންމެ އިސް ގުނަން ކަމަށްވާ ކައުންސިލަކަށް މަޑުކޮށްގެން ނުއެއް އޮވެވޭނެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ އަޑު އިއްވަންޖެހޭނެ،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ