އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަނޫ މަހާވަރާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ޝާހިދުކުރެއްވި ޕޯސްޓެއްގައިވަނީ މި ބައްދަލުވުމުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައި އިންޑިޔާއިން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަމާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައިވާނެކަމަށް ވިދާޅުވެފައެވެ.
ނިމިގެންމިދާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އިންޑިއާއާއެކު ވަރަށް ހާއްސަ ގުޅުމެއް ވަނީ ބާއްވާފައެވެ. އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާކަމަށްވެސް ސިޔާސީ ފަރާތްތަކުން ގެންދިޔައީ ބުނަމުންނެވެ. މިވެރިކަމުގައި ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައްވެސް އިންޑިއާއާ ވަނީ ހަވާލުކޮށްފައެވެ.
އެގޮތުން ސަރުކާރުގެ އިގްތިސާދީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދު އަދި ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ތިލަމާލެ ބްރިޖްގެ މަސައްކަތްވެސް ހަވަލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ރާއްޖޭގެ ގަވާއިދުތަކާއި ގާނޫނުތަކާއި ހިލާފަށް އިންޑިއާ ސިފައިން ރައްޖޭގައި ގާއިމްވެތިބޭ މައްސަލަ ބޮޑުވެފައިވަނިކޮށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެންމެފުރަތަމަ ކުރައްވާނެ އެއް މަސައްކަތްޕުޅަކީ، މި ގައުމުގައި ޤާއިމުވެގެންތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްޕުޅުކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ފޮރިން ޕޮލިސީ ނުވަތަ ޚާރިޖީ ސިޔާސަތަކީ ދިވެހިންގެ މަސްލަހަތު އިސްކުރާގޮތަށް އޮތް ސިޔާސަތެއް ނޫން ކަމަށެވެ. އެގޮތުން ގައުމީ މަސްލަހަތު ހިމާޔާތްކުރާ މަންޒަރު ފާއިތުވީ ފަސް އަހަރުގެ ތެރޭގައި ނުފެންނަ ކަމަށާއި، ގައުމުގެ މިނިވަންކަން ދެމެހެއްޓިދާނެކަމާމެދު ވެސް ސުވާލުއުފެދިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް އޮތް ބިރެއް ކަމަށާއި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ރައީސް ޞާލިޙް ވެސް އެއްބަސްވެވަޑައިގެންފައިވާއިރު، އިންޑިއާ ވިޔަސް އަދި އެހެން ގައުމެއްގެ ވިޔަސް އަސްކަރީ ބާރުތަކުން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ދިވެހި ރައްޔިތުން ބޭނުންވާކަމެއް ނޫންކަން އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙުގެ ސަރުކާރަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެ ދެވަނަ ދައުރެއް ދޭން ދެކޮޅުހެދި ސަބަބަކީ ވެސް އެއީކަމަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެޖެންޑާއަކަށް ވާނީ ބޭރުގެ ސިފައިން ރާއްޖެއިން ބޭލުންކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވަނީ، ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލޭނެގޮތެއް ހޯއްދަވައި، އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ފެށި، އެމީހުން މި ގައުމުން ބޭލުމުގެ މަސައްކަތް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފަށްޓަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރ. މުއިއްޒު އިތުރަށް ވިދާޅުވީ، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު މި ވޭތުވީ މުއްދަތުގެ ތެރޭގައި އިންޑިއާގެ ހައިކޮމިޝަނަރާ ބައްދަލުކުރައްވާފައިވާނެ ކަމަށާއި، މި މައްސަލައިގައި އިންޑިއާ ހައިކޮމިޝަނަރުވެސް ދެއްވީ އުއްމީދީ ޖަވާބެއް ކަމަށާއި، ދެ ގައުމުން ގުޅިގެން ކުރާ މަޝްވަރާތަކުގެ ތެރެއިން، މިކަން ކުރެވޭނެގޮތެއް ވާނެކަމުގެ ޔަގީންކަން ދެއްވިކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން، "ރައީސް ޞާލިޙް" ނޫން ގޮތެއް ހޯދަންޖެހިއްޖެ ކަމަށް ބުނަމުންދިޔައީ، ބޭރުގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމުގެ ފުރުސަތު އެމަނިކުފާނު ދެއްވާފައިވާތީކަމަށް ތުހުމަތުކޮށެވެ.
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ