ރައީސް މުއިއްޒު ކުރައްވަން ބޭނުންފުޅު ކަމެއް ނުކުރެވިއެއް ނުއޮންނާނެއެވެ. ބޭނުްފުޅު ވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމު ގެއްލުވާލުމުގެ ބާރު އަތްޕުޅަށް އެހުންނެވީ ނަންގަވައިގެންނެވެ. ބޭނުންފުޅު ވުމުން ސްޕްރީމްކޯޓުގެ ބެންޗަށް ބޭނުންފުޅު ގޮތެއް ހެއްދެވެއެވެ. ބޭނުންފުޅު ވުމުން އަތޮޅު ކައުންސިލްތައް އުވާލައްވައިފިއެވެ. ބޭނުންފުޅު ގޮތަށް ރަށު ކައުންސިލްތައް ކުޑަކޮށް ލައްވައިފިއެވެ.
އަތްޕުޅަށް އެވަރުގެ ބާރުތައް ނަންގަވައިގެން ހުންނެވި ރައީސް މުއިއްޒު ބޭނުންފުޅު ނަމަ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރެއްވުމަށް އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ. ކައުންސިލުން ހަވާލުނުވާން އުޅުނަސް ކައުންސިލަރުންނާއި މޭޔަރ ބަދަލުކުރައްވައިގެން ވެސް އެކަން ކުރެއްވީހެވެ.
ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ކަމެއް އެޗްޑީސީން ވަކިކޮށް މާލެސީޓީ ކައުންސިލަށް ދެއްވުމަކަށް ރައީސް ބޭނުންފުޅެއް ނުވެއެވެ. ރިޔާސީ ކެންޕޭނު ކުރެއްވީ ސިޓީ ކައުންސިލްގެ މޭޔަރ ގޮތުގައި ހުންނަވައިގެން ކަމުން ރިޔާސީ ވައުދަކަށް އެކަން ވީއެވެ. ރިޔާސީ ވައުދަކަށް އެކަންވިޔަސް ވެރިކަން ލިބި ވަޑައިގަތުމުން ވިސްނުން ބަދަލުވީއެވެ. ރައީސް ބޭނުންފުޅު ގޮތަކީ އެޗްޑީސީގެ ދަށުގައި ހުޅުމާލޭގެ ހުރިހާކަމެއް އޮތުމެވެ. މޮހަނަށް ދޯނި ދޭހެން ހުޅުމާލޭގެ މިސްކިތްތައް ބެލެހެއްޓުން ނޫންކަމެއް ސިޓީ ކައުންސިލާ ހަވާލުކުރުމަކަށް ރައީސް މުއިއްޒު ބޭނުންފުޅެއް ނުވެއެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ހަވާލު ނުކުރެއްވިގެން އުޅެނީ ސިޓީ ކައުންސިލްގެ ސަބަބުން ކަމަށް ވިދާޅުވަނީ ވައުދު ނުފުއްދަވަން ވެގެންނެވެ. މާލޭ މޭޔަރ ކިތަންމެ ސިޓީއެއް ފޮނުއްވަވާ މަޝްވަރާ ބައްދަލުވުންތައް ސަރުކާރުގެ އިދާރާތަކާއެކު ފުލުފުލުގައި ބޭއްވެވިޔަސް އެކަމެއް ނުވާނެއެވެ. ރައީސް އެކަމެއް ނުކުރައްވާނެއެވެ.
ރައީސްގެ ރިޔާސީ ވައުދެއް ފުއްދަން ކައުންސިލުން ފާސްކުރަންޖެހޭ ކަމެއް ނުއޮންނާނެއެވެ. ޑެޕިއުޓީ މޭޔަރާއި ވިލިމާލެ ކައުންސިލަރަށް އެކަމެއް ނޭނގެއެވެ. މޭޔަރ މުއިއްޒާ ގުޅުންހުރު މައްސަލައެއް އެޖެންޑާ ކުރެވިއްޖެނަމަ ކޯރަމް ގެއްލުވާލާ ކައުންސިލަރުންތަކެއް ނިކުމެ ރައީސް މުއިއްޒުގެ ދިފާއުގައި ވާހަކަ ދެއްކުމަކީ އަޖައިބެއް ނޫނެވެ.
ކޮންމެ މީހަކު ކޮންމެ ރާގެއްގައި ކޮންމެ ވާހަކައެއް ދެއްކިޔަސް ރައީސް މުއިއްޒު ބޭނުންފުޅު ނަމަ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކީއްކުރަން ހެއްޔެވެ. މުޅި ހުޅުމާލެވެސް އޮތީހީ މާލެ ސިޓީކައުންސިލް ދަށުގައެވެ. ކަމުން ރެކެން ރައީސް މުއިއްޒެއް ކަމަކު އުޅުއްވާނެ ކަމެއްނެތެވެ.
މުއިއްޒު ބޭނުންނަމަ ހުޅުމާލެ އޮންނާނީ ސިޓީ ކައުންސިލް ދަށުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ