މީގެ ކުރިން ކުރިމަތިނުވާ ވަރަށް ބޭހުގެ ސަޕްލައިގައި ތާށިކަމެއް އެބަ އުޅެ އެވެ. އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ގޮތެއްގައި ބޭސްކާން ޖެހޭ މީހުންނަށް މި ބޭނުންވާ ބޭސްތައް ރާއްޖޭގެ ބާޒާރުން ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެެވެ. އޭގެ ތެރޭގައި ކެންސަރު، ލޭމައްޗަށް ދިއުން، ހަކުރު ބަލި ފަދަ ބަލިތަކަށް ބޭނުންވާ ބޭސްތައް ހިމެނެ އެވެ.
ކުޑަކުދިންނަށް ބޭނުންވާ ބޭސްތަކާއި އެކި ޒާތުގެ އިންޖެކްޝަން، އަދި ޒަމާނުއްސުރެން ފެށިގެން ބޭސްފިހާރަތަކުގައި ލިބެންހުރި ބައެއް ނަން މަޝްހޫރު އެންޓިބައޮޓިކްސް ބޭސްތަކުގެ ބްރޭންޑްތައް ވެސް މި ފަހަކަށް އައިސް ނުލިބެ އެވެ. މިހުރިހާ ޝަކުވާއެއްގެ އިނގިލި އަމާޒުވާ އެއް ބަޔަކީ ބޭސް އެތެރެކުރާ ވިޔަފާރިވެރިންނެވެ.
މި ދަތިކަމުގެ ޝަކުވާ އާންމުން ކުރަން ފެށުމުން، ސަރުކާރުގެ އިނގިލި ވެސް ދިއްކުރީ ބޭސް އެތެރެކުރާ ވިޔަފާރިވެރިންނާ ދިމާއަށެވެ. ސަރުކާރުން ބޭހުގެ ކުއާލިޓީ އާއި އަގު ކޮންޓްރޯލްކުރާތީވެ، ގަސްތުގައި ބައެއް ބޭސްތައް ގެނައުން ވިޔަފާރިވެރިން ހުއްޓާލީ ކަމަށް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ވެރިޔާ ރައީސް މުހައްމަދު މުއިއްޒެވެ.
"ބޭސް ލިބުން ދަތިވީ، ބޭހުގެ އަގު ދަށްކުރުމުން ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި ވިޔަފާރިވެރިން އެ ބޭސް އެތެރެ ކުރުން ހުއްޓާލުމުން. ރައްޔިތުންގެ ޓެކްސް ފައިސާއިން، އާސަންދައިގެ ތެރެއިން، %1000 ނުވަތަ %2000 ފައިދާ [އެ ވިޔަފާރިވެރިން] ދިޔައީ ނަގަމުން،" ރައީސް ވިދާޅުވި އެވެ.
އާސަންދައިގެ ތެރެއިން 'ނަހަމަ ފައިދާތަކެއް' ނަގާ ކަމުގެ ތުހުމަތު އޮތް ނަމަވެސް ބޭހަކީ ގައިމު ވެސް ބަދަލެއް ނެތް ބޮޑު ޑިމާންޑެކެވެ. އަގަށް ބަދަލުތަކެއް އަޔަސް، ޑިމާންޑް އޮތް މުދަލަކަށް ސަޕްލައިކުރަން ވިޔަފާރިވެރިޔާ ބޭނުން ނުވާނެ ހެއްޔެވެ؟ ކުރިން ނަގާވަރުގެ ޕްރޮފިޓެއް ނުނެގުނަސް ޕްރޮފިޓެއް ނެގޭނީ ގެނެސްގެން ނޫން ހެއްޔެވެ؟
ބޭހުގެ ތާށިކަން މި އުޅެނީ ހަމަ ވިޔަފާރިވެރިންނާ ހުރެ ހެއްޔެވެ؟ އޭގެ ފަހަތުގައި އެހެން ސަބަބުތަކެއް ހުރީބާވަ އެވެ.
މި މައްސަލައަށް 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި އިންސާފުކޮށްދިނީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަހުމަދު އަފްއާލެވެ. މި މައްސަލަ ސާފުކޮށްދިނުމަށް އާސަންދަ އަދި ސަރުކާރުގެ ފަރާތްތަކަށް ދައުވަތު ދިން ނަމަވެސް، އެ ދައުވަތަށް ޖަވާބެއް ނުލިބެ އެވެ.
ރައީސްގެ އެ ސީރިއަސް ތުހުމަތާ ގުޅޭ ގޮތުން ވޮޑްކާސްޓްގެ ހޯސްޓް އަދި 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ސުވާލުކުރެއްވުމުން އަފްއާލް ޖަވާބު ފެއްޓެވީ ވެސް ވިޔަފާރީގެ އެންމެ އާންމު ހަމަތަކާ ހަމައިންނެވެ.
އަފްއާލް ވިދާޅުވި ގޮތުގައި ބޭސް އެތެރެކުރުމަށް ވެސް އޮތީ ދެ ސަބަބެއް ކަމަށެވެ. އެއް ސަބަބަކީ ބޭސްފަރުވާއަކީ އިންސާނީ ހިދުމަތަކަށްވާތީ އެވެ. ދެވަނަ ސަބަބަކީ، އަފްއާލް ވެސް ގަބޫލުކުރައްވާ ގޮތުގައި، ވިޔަފާރި އެވެ. އެހެން ނަމަވެސް ވިޔަފާރީގައި ވެސް އޮންނަ ކަމަކީ ޑިމާންޑް އޮތް ކަމެއް ސަޕްލައިކުރުމެވެ. ގަސްތުގައި ސަޕްލައިނުކުރުން އެއީ ދެކޮޅު ޖެހޭ ވާހަކައެއް ކަމަކަށް އަފްއާލް ގަބޫލެއް ނުކުރައްވަ އެވެ.
"އަޅުގަނޑުގެ ހުރިހާ ވެސް އިންސެންޓިވްއަކީ އެ ބޭސް ގެނައުން. އެ ބޭސް މާކެޓްގައި ހުރުން. އެހެން ވާދަވެރި ސަޕްލަޔަރަކަށް އެ ބޭސް ދެވޭ ވަރަށް ވުރެ އަޅުގަނޑުގެ އަތުގައި އެ ބޭހުގެ ސަޕްލައި ހުރުން. ޑިމާންޑް ބޮޑު އެއްޗެއް އަޅުގަނޑަށް ސަޕްލައިކުރެވެން ހުރެ، އަޅުގަނޑު ސަޕްލައިނުކޮށް ހުރުމުގެ މާނައެއް ނެތް،" އަފްއާލް ވިދާޅުވި އެވެ.
ނުލިބިގެން ޝަކުވާކުރާ ގިނަ ބޭސްތަކަކީ ކޮންމެ އާއިލާއަކަށްހެން ޒަރޫރަތަކަށްވެފައިވާ ބޭސްތަކެވެ. އެ ބޭހަކީ ބޭސް އެތެރެކުރާ ވިޔަފާރިން ވެސް ނިސްބަތްވާ އާއިލާގެ އެކި މީހުންނަށް އެ ބޭސް ބޭނުންވާނެ އެވެ. ދެން އެ ވިޔަފާރިވެރިޔާ ބޭސް ނުގެނެސް ހުރުމުގެ އެއްވެސް ގަސްތެއް އޮވެދާނެ ކަމަކަށް އަފްއާލަށް ގަބޫލުކުރައްވަން ދައްޗެވެ.
"އިމްޕޯޓް ކުރާ އެންމެންގެ އާއިލާ މީހުން ވެސް އުޅެނީ މި ބޭސްތައް ކައިގެން. އިމްޕޯޓްކުރާ މީހާ ވެސް ވެސް އުޅެނީ މި ބޭހެއް ކައިގެން،" އޭނާ ވިދާޅުވި އެވެ.
ދެން އޮތީ އަގު ކޮންޓްރޯލްކުރުމާއި ކުއާލިޓީ ކޮންޓްރޯލްކުރުމަށް އޮތް ހަމަތަކުގެ ވާހަކަ އެވެ. ޒަމާނުއްސުރެން ރާއްޖޭގައި މީގެ ކޮންމެ ވެސް ހިފެހެއްޓުންތަކެއް ހުރެ އެވެ. މިފަދަ ހިފެހެއްޓުންތަކުގެ ސަބަބުން ބޭސް އެތެރެކުރަން ގޮންޖެހުންތަކެއް ހުއްޓަސް، މި ފަހުން ތާށި އައީ އެކަމާ ހުރެ ސަޕްލަޔަރުން ގަސްތުގައި ކުރި ކަމަކުން ނޫން ކަމަށް ވިދާޅުވި އެވެ.
ބޭހުގެ ކުއާލިޓީ ޔަގީންކުރުމަށް ޕްރޮސެސްއެއް އޮންނަން ޖެހޭ ކަމަށް އަފްއާލް ވެސް ގަބޫލުކުރައްވަ އެވެ. އެހެންވެ އޭގެ ޒާތުގައި ވެސް ބޭހެއް އެތެރެކުރުމަކީ ވަގުތު ނަގައި، އަގު ބޮޑު ކަމެކެވެ. ކުއާލިޓީ ޓްރޭސްގެ ޕްރޮސެސްގެ ސަބަބުން ވެސް އަހަރެއްހާ ދުވަސް ބޭހެއް އެތެެކުރަން ނަގާފާނެ އެވެ.
މި ފަހަކުން ދިމާވި ކަމަކީ ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރާ ބޭސް އުފައްދައި ވިއްކާ ކުންފުނިތަކުގެ ލިސްޓުން ރާއްޖޭގެ މާކެޓަށް ބޭސް ގެންނަ އިންޑިއާގެ ކުންފުނިތަކެއް އުނިކުރީ އެވެ. އެހެންވެގެން ވެސް އަލުން ބޭސް ރަޖިސްޓްރީކުރުމުގެ ޕްރޮސެސް ހިންގަން ޖެހިގެން ބޭސްތައް އެތެރެކުރަން ލަސްތަކެއް އުޅުނުކަން އަފްއާލް ފާހަގަކުރެއްވި އެވެ.
ބޭސް އުފެއްދުމުގެ ކަންކަން ހުންނަ ގޮތުން، ބޭސް އުފައްދާ ކުންފުންޏެއްގެ ފެކްޓަރީ ހުންނަ ގައުމު ވެސް ދޭތެރެއަކުން ބަދަލުވެދާނެ އެވެ. ބޭހުގެ ކުއާލިޓީ ޓްރޭސްކުރަން ބަލާއިރު ފެކްޓަރީ ހުންނަ ގައުމު ބަދަލުވާ ކޮންމެ ފަހަރަކު ވެސް އަލުން ޖެހޭނީ ރެޖިސްޓްރޭޝަންގެ ހުރިހާ މަސައްކަތެއް ފަށާށެވެ.
އޭގެ ޒާތުގައި ވެސް އެހާ ވަގުތު ނަގާ ޕްރޮސެސްގެ ތެރެއިން މި ފަހުން އައިސް އިތުރަށް ލަސްވީ، އަފްއާލް ވިދާޅުވާ ގޮތުން ބޭސް ރަޖިސްޓްރޭޝަންގެ ޕްރޮސެސްގެ ފަހުން ނޭޝަނަލް ސްކީމްގެ ޕްރޮސެސްގައި ވެސް ލަސްތަކެއް އުޅެން ފެށުމުންނެވެ.
"ބޭނުންވާ ލައިސެންސް ނަގައި އެ ބޭސް ނެގުމަށްފަހު އަޅުގަނޑުމެން އެބަދާން ޖެހޭ ނެޝަނަލް ސްކީމްގެ ތެރެއަށް ވެސް. އެ ސްކީމްގެ ތެރޭގައި ކަނޑައެޅޭ އަގުތަކެއް ހުރޭ. ދެން އެ އަގަށް ކަންކަން ހަމަޖައްސަން އާސަންދަ، އެންސްޕާގެ ބޯޑު، މި ހުރިހާ ޕްރޮސެސްއެއްގެ ތެރެއިން ގޮސްގެން ބޭހެއް މާކެޓާ ހަމައަށް އަންނައިރު މިހާރަކަށް އައިސް ވަރަށް ދިގު މުއްދަތެއް އެބަ ހޭދަވޭ،" އަފްއާލް ތަފްސީލްކޮށްދެއްވި އެވެ.
އާސަންދަ ނިޒާމަށްފަހު މުޅި ބާޒާރު ބޯރަސާވަނީ ވެސް އާސަންދައަށެވެ. ބޭސް ގަންނަން ގިނަ މީހުން ދާނީ އާސަންދަ މެދުވެރިކޮށް ބޭސް ވިއްކާ ބޭސްފިހާރަތަކަށެވެ. ޑޮކްޓަރުގެ ބޭސް ސިޓީ މެދުވެރިކޮށް، އާސަންދަ ސްކީމްގެ ތެރެއިން ބޭސް ނެގުމަށެވެ. އެހެންވެ ބޮޑެތި ކޮންމެ އިމްޕޯޓަރެއް ވެސް މަސައްކަތްކުރަނީ އާސަންދަ ނިޒާމުގެ ތެރެއިންނެވެ.
އެހެންކަމުން ބޭސް ގެނައުމުގައި ހުރި ތާށިކަމުގެ ހަގީގީ ގިނަ ސަބަބުތައް ގުޅެނީ އިގުތިސޯދަށެވެ. މި ވަގުތު އިގުތިސޯދީ ގޮތުން ހުރި ގޮންޖެހުންތަކާއި އާސަންދައިން އަނބުރާ ފައިސާ ދެއްކުން ލަސްވާތީ ކުރިމަތިވާ ދަތިތަކެވެ.
"އަގުތަކަށް މި އަންނަ ބަދަލުތައް. ޑޮލަރު ލިބުމުގައި މި ހުރި ތާށިކަން. އަދި ވަރަށް ގިނަ ބޭސް، %100 އާ ގާތްކުރާ ވަރަށް ބޭސް މި ދަނީ އާސަންދައިގެ ތެރެއިން. އާސަންދައިން އަނބުރާ ދައްކަން ޖެހޭ ބިލުތައް ނުދެއްކި ދިގު މުއްދަތެއް އެބަ ނަގާ. މީގެ ސަބަބުން އެބަ އާދޭ ކޭޝްފްލޯއަށް ތާށިކަމެއް،" އަފްއާލް ވިދާޅުވި އެވެ.
އާސަންދަ ކަވަރުނުކުރާ ގޮތަށް ބޭސް ގެނެސްގެން ވިއްކާނީ، ބޮޑެތި އިމްޕޯޓަރުން އަތުން ބޭސް ގަނެގެން ވިއްކާ ވަރަށް ކުދި ފާމަސީތައް ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ އާންމު ގޮތެއްގައި ތާޑް ނުވަތަ ފޯތު ޕާޓީ. ބޮޑެތި އިމްޕޯޓާސް މި ހުރިހާ ޕްރޮސެސްތަކެއް ނިންމައިގެން އާސަންދަ ކަވަރުނުކުރާ މި ފާމަސީތަކާ ހަމައަށް މި ބޭސް ގެންނަނީ. އާސަންދަ ނުލިބޭ ތަނަކަށް މީހާ ގޮސް ބޭސް ގަތުމުގެ ފުރުސަތު ވެސް ކުޑަތާ. އެހެންވެ އެ މާކެޓްގެ ވޮލިއުމް މި ވަނީ ވަރަށް ކުޑަ ވޮލިއުމްއަކަށް،" އަފްއާލް ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގެ މާކެޓުން ނުލިބޭ ބޭސްތައް، އާސަންދަގެ ތަތްގަނޑާއެކު ބޭސް ސިޓީ އެސްޓީއޯގެ ބޭސްފިހާރައަށް ގެންގޮސްދިނުމުން އެ ބޭސްސިޓީގައިވާ ބޭހެއް ކުރު މުއްދަތެއްގެ ތެރޭގައި އެސްޓީއޯއިން ގެނެސްދެ އެވެ. ނަމަވެސް އެންސްޕާއިން މިހާރު އެ އުސޫލު ހަރުކަށިކުރުމުން ވެސް ގޮންޖެހުންތައް ބޮޑެވެ.
ހެލްތު މިނިސްޓްރީގައި ވެސް ހިދުމަތްކުރައްވާފައިވާ އަފްއާލް ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ ސަބަބުން ވެސް ހަމައެކަނި އިތުރުވާ ލޭޔަރަކީ އެއީ އާސަންދައިން ކަވަރުކުރާނެ ބޭހެއްތޯ ނުވަތަ ނޫންތޯ ބެލުމެވެ. އެހެންވެ އެ ކަމަކަށް އެކަނި މަސްތަކެއް ހޭދަކުރުމުގެ ބަދަލުގައި އެ ނިޒާމު އަވަސްކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މިހެން ގޮސް އެބަހުރި އެޑްމިނިސްޓްރޭޓިވްލީ، އިދާރީ ގޮތުން ކަންކަން ރަނގަޅުކޮށްގެން ވެސް ކަންކަން ހައްލުކުރެވެން،" އޭނާ ވިދާޅުވި އެވެ.
ބައެއް އާންމު ބަލިތަކަށް ބޭނުންކުރާ ބޭހުގެ ބްރޭންޑްތަކަށް ގިނަ މީހުން ވަރަށް ފަރިތަ އެވެ. ބޭސް ނުލިބޭ ޝަކުވާގެ ތެރެއަށް އިތުރުވެގެން އުޅޭ އަނެއް ޝަކުވާއަކީ، ޑޮކްޓަރު ލިޔެދޭ ބޭސް ނޫން އެ ޒާތުގެ އެހެން ބޭހެއް ދޭ ކަމުގެ ޝަކުވާ އެވެ. މިހެންވެ، ބޭހުގެ ކުއާލިޓީއާ މެދު ވެސް ސުވާލު އުފައްދަ އެވެ.
އަފްއާލް ވިދާޅުވީ ދުނިޔޭގެ ބައެއް ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިހާރު އަމަލުކުރަމުންދާ ގޮތަކީ ވަކި ބްރޭންޑެއްގެ ބޭސް ލިއުމުގެ ބަދަލުގައި ބަލީގެ ތަފްސީލްތަކާއި ބޭނުންވާ ބޭހުގެ އާންމު ތަފްސީލްތައް ޑޮކްޓަރު ލިއުމެވެ. އެ ބޭހެއްގައި ހުންނަން ޖެހޭ އިންގްރެޑިއެންޓްއާއި، ވަރުގަދަކަމުގެ ނިސްބަތެވެ.
ރާއްޖޭގައި ވެސް ބޭސްސިޓީގައި 'ޖެނެރިކް ޕްރެސްކްރިޕްޝަން' ލިޔަން ފެށުމުން، ފާމަސީތަކަށް ވެސް ޑޮކްޓަރު އިރުޝާދުދީފައިވާ ބްރޭންޑް ލިބެން ނެތް ނަމަ އަދި ފަރުވާ ހޯދާ ފަރާތުގެ ވެސް މައްސަލައެއް ނެތުމުން އޭގެ އެހެން ބްރޭންޑެއްގެ ބޭސް ދެވޭނެ ފުރުސަތެއް ފާމަސީތަކަށް ލިބެ އެވެ.
"ޖެެނެރިކް ޕްރެސްކްރިޕްޝަން އޮންނާތީ ފާމަސީތަކަށް މިހާރު އެ ދެވެނީ ވެސް އެ ގޮތަށް ބޭސް. އެ އިންގްރެޑިއެންޓްސްގެ، އެ ސްޓްރެންގްތްގެ، ހަމަ އެ ޑޯޒޭޖްގެ އެހެން ބޭހެއް ލިބުނަސް ބަލިމީހާއަށް އެބަ ފަރުވާ ލިބޭ،" އަފްއާލް ވިދާޅުވި އެވެ.
އަފްއާލް ދެކެވަޑައިގަންނަވާ ގޮތުގައި ބޭހުގެ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރަން ޖެހެ އެވެ. އެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިތުރުން ބޭހުގެ ހިދުމަތުގައި އުޅޭ، އަފްއާލް ވެސް ނިސްބަތްވާ އޭޑީކޭ ފަދަ އަމިއްލަ ފަރާތްތަކުން ވެސް އިތުރަށް މަސައްކަތްތަކެއް ކުރަން އެބަ ޖެހެ އެވެ.
އެއްބަސްވެ ދެބަސްވަމާ: ވިޔަފާރީގެ ނިޔަތަކީ ސަޕްލައިކުރެވުން؛ ބޭހަށް ޖެހުނު ސަބަބުގެ ފުނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ