އަލަމާރިއެއް ވިއްކާކަމަށް ބުނެ އޮޅުވައިލައިގެން ފައިސާހޯދިކަމަށް ތުހުމަތުވާ މީހަކު ހައްޔަރަށް

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ތުހުމަތުވާ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނަކުލް ކޭ ސީ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 12 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ އިތުރުން ނަކުލް ކޭ ސީއާ ގުޅުންހުރި މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ދުވަސްވަރަކީ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މުދާ ވިއްކާކަމަށް ބުނެ އޮޅުވައިލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިފަދަ މުއާމަލާތްތައް ކުރުމުގައި އާންމުން ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ