ވިލިމާލޭގެ ހިތްފަސޭހަކަން ނެތިދާނެ ކަމުގެ ބިރަށް، ފިޔަވަޅުތަކެއް އަޅަން އެދި މަޖިލީހަށް ޕެޓިޝަނެއް
ވިލިމާލޭގައި މިހާރު އޮތް ހިތްފަސޭހަކަން ނެތިދާނެ ކަމުގެ ބިރަށް، ފިޔަވަޅުތަކެއް އަޅަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މިދިޔަ އަންގާރަ ދުވަހު އަބްދުﷲ ޙުސައިން ރަޝީދު މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ، ވިލިމާލެއަކީ ރާއްޖޭގެ ޖަޒީރާވަންތަކަން ގެއްލުވާނުލައި ރައްޔިތުންގެ ބޭނުންތައް ފުއްދޭ ގޮތަށް ރަށެއް ތަރައްގީކުރާނެ ގޮތުގެ މިސާލެއް ކަމަށެވެ. މިގޮތުން، އެރަށުގެ ކަންކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިޔުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަން މަޖިލީހުން ކަށަވަރުކޮށްދިނުމަށް ޕެޓިޝަނުގައި ވަނީ އެދިފައެވެ. ފެހިކަން ގަދަ ގަސްތަކުން ފުރިފައި އޮންނަ ވިލިމާލެއަކީ، މާލެ ސަރަހައްދުގެ ގިނަ ބަޔަކު ހިތް އުފާ ކޮށްލަން ޒިޔާރަތްކުރާ ރަށެކެވެ. އަދި، މަގުތަކުގައި ވެހިކަލްތައް ދުއްވާ މިންވަރު މަދުވުމުން ކުޑަކުދިންނަށް މަގުމަތީގައި ހިނގާބިނގާވެ އުޅެން ފަސޭހަވެއެވެ. ވިލިމާލެ: އެރަށުގެ ހިތްފަސޭހަކަން ގެއްލުމާ ދެކޮޅަށް މަޖިލީހަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ ޕެޓިޝަނުގައި ވަނީ، ވިލިމާލޭގެ ހަމަޖެހުން ނެތިހިނގައިދާނެ ކަމުގެ ބިރު އެ ރަށު ރައްޔިތުންނަށް ހީވާން ފަށާފައިވާ ކަމަށެވެ. އެގޮތުން، "ތަރައްގީގެ" ނަމުގައި ހިނގަމުން އަންނަ ބައެއް ކަންތައްތައް ވިސްނުމެއްނެތި ތަންފީޒުކޮށްފިނަމަ އޭގެ ނޭދެވޭ އަސަރުކޮށް، ރަށުގެ ޚާއްސަ ހުރިހާ ސިފަތަކެއް ނެތި މާލެފަދަ ތަނެއް ހެދިދާނެކަމުގެ މަލަމަތި ފެންނަން ފަށައިފި ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެހެންވެ، އެޅިދާނެ ފިޔަވަޅުތަކެއް އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވިލިމާލޭގައި ބެޓެރި ސައިކަލު އިތުރުވެފައިވާތީ، އެ ސައިކަލުތައް އިތުރުނުވާހެން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ. މާލެ ސިޓީ ކައުންސިލުން މެނޭޖުކުރާގޮތަށް ބައިސްކަލު ޝެއަރިން ސިސްޓަމެއް ގާއިމުކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކޭކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. ދެވަނަ މައްސަލައަކަށް ފާހަގަކުރީ، ދުވަސްވީ ބޮޑެތި ގަސްތައް ކަނޑާލަން ބައެއް ޖަމިއްޔާތަކުން ބާރު އަޅަމުންދާ ކަމަށާއި ބައެއް ގަސްތަކުން ގެއްލުންވާތީ ކަނޑަން އެދޭ ކަމަށެވެ. އެހެންވެ، އެ ގަސްތައް ހިމާޔަތްކުރުމަށާއި ގަހުގެ މުލުން ގެއްލުންވާތީ ކެނޑުމުގެ ބަދަލުގައި "ރޫޓް ކޮންޓްރޯލް" ކުރާ އުކުޅުތައް އިޚުތިޔާރުކުރުމަށް ބާރު އަޅަން ލަފާދީފައިވެއެވެ. އޭގެއިތުރަށް، ގަވައިދުން މަގުމަތީގައި ހުންނަ ގަސްތައް ކޮށައިގެން ހެެއްދުމަށާއި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ރާވައި ފަރުމާކުރާއިރު ބޮޑެތި ގަސްތަކާއި ފެހި ސަރަހައްދުތަކަކީ ބިނާވެށީގެ ބައެއް ކަމަށް ބަލައިގެން ފަރުމާކުރުމަށް ބާރު އެޅުމަށް ވަނީ އެދިފައެވެ. މާލެއާއި ވިލިމާލެ ހިމެނޭހެން މި ސަރަހައްދުގެ ޖުމްލަ ހަތަރު ރަށެއް ގުޅުވާލާ ތިލަމާލެ ބުރިޖުގެ ސަބަބުން ވިލިމާލޭގެ ހިތްފަސޭހަކަން ނެތިދާނެ ކަމުގެ ބިރު ވެސް އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންވެ، ތިލަމާލެ ބުރިޖުން ދުއްވާ އުޅަނދުތަކަށް ވިލިމާލެތެރެއަށް ވަނުމުގެ ހުއްދަ ނުދޭނެކަން ކަށަވަރުކޮށްދިނުމަށާއި ބުރިޖު ހުޅުވާއިރު، ތަނަށް އެކަށީގެންވާ ރަނގަޅު ޕާކިން ޒޯނެއް ނުވަތަ އިމާރާތެއް ގާއިމުކުރުމަށް ވަނީ އެދިފައެވެ. ހަމައެހެންމެ، ވިލިމާލެއަށް ބުރިޖު ގުޅި ހޮސްޕިޓަލްގެ މަސައްކަތް ނިމެންވާއިރަށް ބުރިޖު ސަރަހައްދުން ބަލިމީހުންނަށް ހޮސްޕިޓަލަށް އައިސް ގޮސް ހެދޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމަށް ބާރު އަޅަން ޕެޓިޝަނުގައި އިލްތިމާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ