އައްޑޫގައި ޑެންގީ ފެތުރުން އިތުރުވެ، މި މަހު އެކަނިވެސް 48 ކޭސް

ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާ އައްޑޫ ސިޓީގައި ޑެންގީހުން ފެތުރުން އިތުރުވެފައިވާތީ، ރައްޔިތުން އެކަމަށް ސަމާލުވެ ތިބުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން މިއަދު އިލްތިމާސްކޮށްފިއެވެ. ޑެންގީ ހުމަކީ އީޑީސް މަދިރިން ޖެހޭ ބައްޔެކެވެ. އެ ބަލި ފެތުރެނީ، އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު، ގޮސް އެހެން މީހުންގެ ގައިގައި ހެފުމުންނެވެ. 'ސަން'އަށް މައުލޫމާތު ދެމުން އޭއީއެޗްއިން ބުނީ، މިދިޔަ މަހު އެ ހޮސްޕިޓަލަށް ޑެންގީގެ 51 ކޭސް ރިޕޯޓުކޮށްފައި ވާކަމަށާއި މި މަހުގެ މިހާތަނަށް 48 ކޭސް ރިޕޯޓުކޮށްފައި ވާކަމަށެވެ. ޑެންގީގެ ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީ އެ ސިޓީގެ ހިތަދުއާއީ ފޭދޫން ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. އެ ހޮސްޕިޓަލުން ނެރެފައިވާ އިއުލާނެއްގައި ވަނީ، ޑެންގީ ހުން އިތުރުވަމުންދާތީ އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ހިއްސާކޮށްފައެވެ. https://x.com/aeh_mv/status/2026164268077609371 އެގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ނުވަތަ މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ. އަދި ރެޕެލެންޓު ބޭނުންކުރުމުގައި ވަކި މާއްދާތަކެއް ހިމެނޭ ރެޕެލެންޓު ބޭނުންކުރުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ، ފަތިސްގަޑީގެ އިތުރުން އިރު އޮއްސޭ ވަގުތުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިރުޝާދު ދީފައެވެ. އެ ވަގުތުތަކަކީ މަދިރި އެންމެ ގިނަވާ ވަގުތުތައްކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. އެ ހޮސްޕިޓަލުން ވަނީ ޑެންގީ ހުމުގެ އަލާމާތްތައްވެސް އާންމުންނާ ހިއްސާކޮށްފައެވެ. އެގޮތުން ގައިގައި ރިއްސުމާއި ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ލޮލުގައި ރިއްސުމާއި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން، އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމަށާއި ޕެރެސެޓެމޯލްގެ އިތުރުން ޕެނެޑޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ. ތިން ދުވަހަށްވުރެ ގިނަ ދުވަހަށް ހުން ހުންނަނަމަ ސިއްހީ އެހީތެރިއެއްގެ އިރުޝާދާއި ލަފާ ހޯދުމަށް އައްޑޫ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް، ކުޑަކަމުދެވޭ މިންވަރު މަދުވެ، އާދަޔާ ޚިލާފަށް ގައިގެ ވަރުދެރަވެ، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އަންނަނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ