ފަރަށް އެރި ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަނިކޮށް ފަރަށް އެރި "އުދަރެސް" ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ފެނުނީ ފިލާގަނޑެއްގެ އެހީގައި ކަނޑުމަތީގައި އޮތްވާކަމަށެވެ.
އުދަރެސް ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 01:25 ހާއިރުއެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި 13 މީހުން ތިބިކަމަށާއި، އޭގެ ތެރެއިން ބިދޭސީއަކު ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވާކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ. އަދި ބޯޓުން ދަތުރުކުރި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާ ކަމަށާއި، އޭގެ ތެރޭގައި ދެ ދިވެހިންނާއި 9 ބިދޭސީން ހިމެނޭކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި ހާދިސާގައި ސަލާމަތްކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ