ތިމަރަފުށީ ޓެރަރިޒަމްެގެ މައްސަލައިގެ އަޑުއެހުންތައް 5 އަހަރު ފަހުން ނިންމާލައިފި

ތ. ތިމަރަފުށީގައި އިސްލާމް ދީނާ ދުރު، ހަރުކަށި ފިކުރު އާލާކޮށް، ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ދައުވާތަކުގެ އަޑުއެހުންތައް އިއްޔެ ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ފަސް އަހަރު ކުރިން، 2021 ވަނަ އަހަރުގެ ތެރޭގައި ތިމަރަފުށިން މި އަށް މީހުން ހައްޔަރު ކުރީ ބޮޑެތި ތުހުމަތުތަކެއްގަ އެވެ.
ތަފްސީލް - ހައްޔަރުކޮށް ދައުވާކުރި މީހުންގެ ތެރޭގައި ހިމެނެނީ:
އަލީ މުނީޒު، ތ. ތިމަރަފުށި
މުހައްމަދު އާސިރު، ތ. ތިމަރަފުށި
އަބްދުﷲ ޝަރީފް، ތި. ތިމަރަފުށި
އަހުސަން މުހައްމަދު، ތި. ތިމަރަފުށި
އަބްދުﷲ އިމާދު، ތ. ތިމަރަފުށި
ޝަމާހު ޝަރީފް، ތ. ތިމަރަފުށި
އިބްރާހިމް ލޫތު، ނ. ކުޑަފަރި
އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ 
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނި ގޮތުގައި، އެ މީހުން ހައްޔަރުކުރީ، އިސްލާމްދީން ކުރިއެރުވުމުގެ ނަމުގައި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، އެ ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި، އެކަމަށް ވާގިވެރިވެފައިވާތީ އެވެ. 
އޭގެ އިތުރުން:
ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިރުޝާދުގެ ދަށުން ގޮވާއެއްޗެއް (އައިއައިޑީ) ތައްޔާރުކުރުމަށް ފަހު ގޮއްވާލަން އުޅުން؛ ގޮއްވާލަން ނިންމީ ތިމަރަފުށީ ސްކޫލު ލެބޯޓަރީ
ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރިމަތިކުރުން
ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ތަމްރީންތައް ހެދުން
ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި، އޮންލައިންކޮށް އެ ފަދަ ދަރުސްތައް ބޭއްވުން
ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔުން
ހަރުކަށި ފިކުރުގެ ފަރާތްތަކާއި ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން
މި މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން އަދި ހިތްވަރު ދިނުން
ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުން އަދި ހަނގުރާމައަށް ދާން އުޅުނު
ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން
އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުން 
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގެ ޝަރީއަތްތަކުގެ ހުރިހާ އަޑުއެހުންތައް އިއްޔެ ނިމިފައިވާ ކަމަށެވެ. އަދި އެ އަޑުއެހުންތަކުގައި، ދެ ފަރާތުން ވެސް ހުލާސާކޮށް ވާހަކަ ދައްކައި ފަހު ބަސް އިއްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ދެން އޮންނާނީ މައްސަލައިގައި ހުކުމްކުރުން ކަމަށާއި ގާނޫނުގެ ދަށުން އަންނަ މަހު 8ގެ ކުރިން އެކަން ކުރަން ޖެހޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ - މި މައްސަލައިގައި ތިމަރަފުށިން މި މީހުން ހައްޔަރުކުރި ގޮތަށް އެއްވެސް ގޮތަކަށް ދުލެއް ނުކުރެ އެވެ. އަދި ޝަރީއަތް ދިގުލައިގެން ދާތީ، އެކި ފަހަރު މަތިން، އެ މީހުންގެ އާއިލާތައް އިހްތިޖާޖްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ