ބާސެލޯނާ ދަނޑުގައި 20 އަހަރުގެ ތެރޭ އެތުލެޓިކޯގެ ފުރަތަމަ މޮޅު ހޯދައި ސެމީއާ ކައިރިއަށް

އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީއަށް ބާސެލޯނާ ދަނޑު، ނޯ ކޭމްޕަކީ ބަދުނަސީބެކެވެ. ނަމަވެސް ރެއާ ހަމައަށެވެ. ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އެ ދަނޑުން އެތުލެޓިކޯ އެ ނުކުތީ 2-0 އިން ބާސެލޯނާ ބަލިކޮށް ސެމީ ފައިނަލާ ކައިރިއަށް މުހިންމު ފިޔަވަޅެއް އަޅައިފަ އެވެ.
ބާސެލޯނާގެ ދަނޑުގައި އެތުލެޓިކޯއަށް މޮޅެއް ނުހޯދޭތާ މިހާރު 20 އަހަރު ވެއްޖެ އެވެ. އެއީ 2006ގެ ފަހުންނެވެ. އޭގެ ތެރޭގައި ސިމިއޯނީގެ ކޯޗުކަމުގެ ދަށުގައި ކުޅުނު 18 މެޗު ވެސް ހިމެނެ އެވެ. އެއިން އެއްވެސް މެޗަކުން ބާސެލޯނާގެ މައްޗަށް ކުރިއެއް ނުހޯދުނެވެ.
ރޭ ބާސެލޯނާ ކޮޅަށް ލަނޑު ޖެހީ ފުރަތަމަ ހާފުގައި ޖޫލިއަން އަލްވަރޭޒް އާއި 70 ވަނަ މިނިޓްގައި އެލެގްޒެންޑާ ސޯލޮތެވެ.
ފުރަތަމަ ލަނޑު އައީ ބާސެލޯނާގެ ދިފާއީ ކުޅުންތެރިޔާ ޕޯ ކުބާސީއަަށް ދެއްކި ރަތް ކާޑާ އެކު ލިބުނު ހިލޭ ޖެހުމުގަ އެވެ.
މި މޮޅާ އެކު އެތުލެޓިކޯގެ ދަނޑަށް ބާސެލޯނާ ޒިޔާރަތްކުރާ އިރު އެތުލެޓިކޯ އެ ވަނީ ވަރަށް ބޮޑު ޔަގީންކަމެއްގަ އެވެ.
ކްއާޓާ ފައިނަލްގެ އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި ލިވަޕޫލް 2-0 އިން ބަލިކޮށްފަ އެވެ. ދެވަނަ މެޗު ލިވަޕޫލްގެ ދަނޑުގައި އޮންނަ އިރު މިއީ ބަދަލުކޮށްލަން ފަސޭހަ ނަތީޖާއަކަށް ނުވާނެ އެވެ. ހާއްސަކޮށް ޕީއެސްޖީގެ ކުޅުމުގެ ފެންވަރަށް ބަލާއިރު އެވެ.
މެޗުގައި ލިވަޕޫލަށް ޕީއެސްޖީގެ ގޯލަށް ތިން ހަމަލާ ފޮނުވާލި އިރު ޕީއެސްޖީގެ ޖުމްލައަކީ 18 އެވެ. މުޅި މެޗުގައި ޕީއެސްޖީގެ ކޮންޓްރޯލްގެ ދަށުގައި ކުޅުން އޮތް ނިސްބަތަކީ %74 އެވެ. 
އިއްޔެ ރޭ ކުޅުނު ކްއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗުގެ ނަތީޖާއަކީ:
ބަޔާން މިޔުނިކް 2 - ރެއާލް މެޑްރިޑް 1
ސްޕޯޓިން ލިޒްބަން 0 - އާސެނަލް 1
ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ހަފުތާގަ އެވެ. މި ވާދައިގެ ތެރެއަށް ޓީމުތައް ވަންނަ އިރު ނަތީޖާ ބަދަލުނުކޮށްލެވޭނެހާ ތަފާތު ބޮޑު މޮޅުތަކެއް ފުރަތަމަ ލެގުގައި އެއްވެސް ޓީމަކަށް ހޯދިފައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ