ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓަކީ ޕްރައިމަރީ އިން ބަލިވި ސައީދު

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް އަންނަ 6 ޖޫންގައި ބާއްވާ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ އަހުމަދު ސައީދު (ސޮޑާ) ކަމަށް ޕީއެންސީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަ ކުރެއްވުމަށް ވެރިކަން ކުރާ ޕިއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވި، އެ ދާއިރާގެ ކުރީގެ ވެސް މެންބަރު މުހައްމަދު ސިނާން އެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވާ، އެކަން މިއަދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.
ފަސްމަންޒަރު - ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް ސިނާންގެ ގޮނޑި ގެއްލުނީ، ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މައްސަލައެއްގަ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ، ހަ މަސް ދުވަސް ތެރޭ ދައްކަން ކުރި ހުކުމަކާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ، ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިދިޔަ އަހަރުގެ 13 ފެބްރުއަރީގައި މައްސަލައެއް ހުށަހެޅި އެވެ. ސިނާން ވަނީ ހަމަ އެ ދުވަހު ދަރަނީގެ އޭރު ދައްކަން ހުރި ބައި އެއްކޮށް ދައްކައިފަ އެވެ.
އެކަމަކު، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ ނަމަ މެމްބަރުކަމުގެ ޝަރުތު އުނިވާތީ، ސުޕްރީމް ކޯޓުން ވަނީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ އެވެ.
ތަފްސީލް - ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓިގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ބައި-އިލެކްޝަނުގައި ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ސައީދުކަން އިއުލާނު ކުރައްވައިފަ އެވެ.
"އިލެކްޝަނުން [އިންތިހާބަށް ކުރިމަތިލުމަށް] ހުޅުވާލާފައި އޮތް މުއްދަތުގައި އަޅުގަނޑުމެންނަށް އިތުރަށް ޕްރައިމަރީއަކަށް ހުޅުވާލައިގެން ބޭނުންވާ ވަގުތު ނެތުމާ އެކީގައި އަދި ސައީދު ވެސް ކުރިއަށް ވަޑައިގަތުމަށް އެ ވިސްނުންފުޅުގައި ހުންނެވުމާ އެކު ޕާޓީއަށް މިވަގުތަށް އެންމެ ރަނގަޅު ގޮތަކަށް މިވަނީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ޕާޓީގެ ސަޕޯޓަރުން ވެސް އެދޭ ގޮތަކީ ޕްރައިމަރީގައި ވާދަކުރި ސައީދަށް ޕާޓީގެ ޓިކެޓު ދިނުން ކަމަށެވެ.
"މި އިންތިހާބުގައި އެއީ ޕާޓިގެ ކެންޑިޑޭޓުކަމަށް ކަނޑައެޅިގެން ކުރިއަށް ދިޔުމަކީ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތިއްޔާ އެކީގައި ސައީދާ އެކީގައި މި އިންތިހާބަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރަން މިއޮތީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
މި ބައި-އިލެކްޝަންގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އިތުރު މީހަކު ކުރިމަތިލާފައިނުވާތީ، ސޯދިގަށް މި ޓިކެޓް ލިބިފައިވަނީ ޕްރައިމަރީއަކާ ނުލަ އެވެ.
ފާހަގަ ކުރެވޭ - އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ބައި-އިލެކްޝަންއަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފަ އެވެ.
މީގެ ކުރިން އެ މުއްދަތު އޮތީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް މިހާރު އީސީން ވަނީ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ 2އާ ހަމައަށް އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ