އަކްޝޭގެ ބޮލުން އިސްތަށި ފައިބާތީ އަބަދުވެސް ސެޓުގައި ހުންނަނީ ފުސްމޫނަކާ އެކު: ފަރާ
ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކަންނާ އަކީ މަސައްކަތުގެ މާހައުލުގައި އުޅެން އުނދަގޫ މިޒާޖެއްގެ މީހެއް ކަމަށާއި، އޭނާގެ ބޮލުން އިސްތަށި ފައިބާ މައްސަލައާ ގުޅިގެން އަބަދުވެސް ހުންނަނީ ރުޅިގަދަވެފައި ކަމަށް ޑައިރެކްޓަރު/ކޮރިއަގްރާފަރު ފަރާ ޚާން ބުނެފިއެވެ. ޑައިރެކްޓަރު އަދިތްޔާ ދާރްގެ "ދުރަންދަރު"ގައި އަކްޝޭ ކަންނާ ކުޅުނު ކެރެކްޓާއަށް ލިބުނު ސަމާލުކަމާ އެކު އަކްޝޭ ކުރިން ކުޅުނު ވަރަށް ގިނަ ފިލްމުތަކަށް ވެސް ބެލުންތެރިންގެ ސަމާލުކަން ވަނީ އެނބުރިފައެވެ. އޭގެތެރޭއިން އެއް ފިލްމަކީ އަކްޝޭގެ ހެއްވާ މަޖާ މަންޒަރުތަކެއް ފެނުނު ފަރާ ޚާންގެ ފިލްމު "ތީސް މާރު ޚާން"އެވެ. އެ ފިލްމު ރިލީޒްކުރި ދުވަސްވަރު ބޮކްސް އޮފީހުގައި ފްލޮޕްވި ނަމަވެސް، ފަހުން އެ ފިލްމަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމަކަށް ވަނީ ވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ އެ ފިލްމުގެ ކްލިޕްތަކުގައި ފަރާ ޓެގްކޮށް އޭނާއަށް ތައުރީފު ކުރި ނަމަވެސް، ފަރާ ދާދިފަހުން ބުނެފައިވަނީ ކުރީކޮޅު އަކްޝޭއާއެކު މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، އެ ސަބަބާހުރެ އަކްޝޭއާ ހިމަނައިގެން އުފައްދަން ނިންމި ވަރަށް ގިނަ ފިލްމުތަކުން އޭނާ ވަކިކުރި ކަމަށެވެ. އަކްޝޭ ކަންނާ ފަރާގެ ފިލްމު "ތީސް މާރް ޚާން"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ "90 ގެ އަހަރުތަކުގައި އަހަރެން އަކްޝޭއާއެކު މަދު ފިލްމުތަކެއްގައި މަސައްކަތް ކުރިން. އެއަށްފަހު އަހަރެން ހުރީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި. ސަބަބަކީ އެ ދުވަސްވަރު އޭނާއަކީ މުޅިން ތަފާތު މީހަކަށް ވީތީ. އޭނާއަކީ އެކަހެރިކޮށް އުޅޭ މީހެއްގެ އިތުރުން، ޝޫޓިންގް ސެޓުގައި ވެސް އުޅެން އެހާ ފަސޭހަ މީހެއް ނޫން. އަކްޝޭ ކަންނާ ފިލްމެއްގައި އުޅޭކަން އެނގޭ ކޮންމެ ފަހަރަކު، ވަގުތު ނެތް ކަމަށް ބުނެ އަހަރެން އެ ފިލްމަކުން ރެކޭނަން" ފަރާ ދާދިފަހުން ބައިވެރިވި ރަންވީރު އައްލާބާދިއާގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ބުނެފައިވެއެވެ. ފަރާ އިތުރަށް ބުނި ގޮތުގައި އެ ދުވަސްވަރު އަކްޝޭގެ ބޮލުން އިސްތަށި ފައިބަމުން ދިއުމަކީ އޭނާގެ މޫޑު ގޯސްވާ އެންމެ ބޮޑު ސަބަބެވެ. "އަހަރެން ހީކުރަނީ އެ ދުވަސްވަރު އޭނާގެ އަމިއްލަ ނަފްސަށް ވެސް އެނގޭހެން ބޮލުން އިސްތަށިފައިބާ ބޯ ތަލަވަމުންދާކަން. އެކަމާ ހެދި އޭނާ އަބަދުވެސް ހުންނަނީ ރުޅިގަދަވެފައި. އެއްޗެހި އުކާ ހަދާނެ، އަދި 'މިއީ ކޮން ކަހަލަ ޑައިލޮގެއް ހޭ' ބުނެ ޝަކުވާ ކުރާނެ. އޭނާއަކީ އެކަހަލަ މިޒާޖެއްގެ މީހެއް،" ފަރާ ކިޔައިދިނެވެ. ނަމަވެސް ފިލްމު "ދިލް ޗަހަތާ ހޭ"ގައި މަސައްކަތް ކުރި ދުވަސްވަރު އަކްޝޭއާ މެދު އޮތް ތަސައްވުރު ބަދަލުވިކަން ފަރާ ވަނީ ފާހަގަކޮށްފައެވެ. އެ ފިލްމަކީ ފަރާ އާއި ދެބެއިންގެ ދެދަރި ފަރްހާންގެ އަލަތު ޑައިރެކްޝަން ކަމުން، އެ ފިލްމަށް ނޫނެކޭ ބުނަން އޭރު ދަތިވި ކަމަށް ފަރާ ބުނެފައިވެއެވެ. "ދިލް ޗަހަތާ ހޭ"ގެ މަސައްކަތް ފެށިއިރު އޭނާ މުޅިން ބަދަލުވެއްޖެ. އެ ފިލްމުގައި ގައި އޭނާ ފެނުނީ ވަރަށް ހަމަޖެހޭ މީހެއްގެ ގޮތުގައި. އޭގެ ކުރިން، ވާރޭ ވެހޭ މަންޒަރެއް ނުވަތަ ފެން ހިމެނޭ މަންޒަރެއް ނަމަ އަބަދުވެސް އޭނާ ހުންނާނީ ތޮފި އަޅައިގެން. މިސާލަކަށް "ތާލް" ފިލްމުގެ ލަވަތަކަށް ބަލާލުމުން އެކަން އެނގޭނެ. އެކަމަކު "ދިލް ޗަހާތާ ހޭ"އަށް ފަހު ހުރިހާ ކަމެއް ބަދަލުވެއްޖެ. އަދި އޭނާއަކީ ވަރަށް މޮޅު ނެށުންތެރިއެއް. 'ކޮއި ކަހޭ ކެހްތާ ރަހޭ' ލަވައަށް ބަލާލުމުން އާމިރު އާއި ސައިފަށް ވުރެ އޭނާ މޮޅަށް ނަށާކަން އެނގޭނެ" ފަރާ ބުނެފައިވެއެވެ. މިހުރިހާ ކަންކަމަކީ ވެސް މާޒިވެ ގޮސްފައިވާ ކަންކަން ކަމަށާއި މިހާރު އެ ދެމީހުންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ފަރާ ވަނީ މި ޕޮޑްކާސްޓުގައި ބުނެފައެވެ. އެހެންވެ ފިލްމު "ދުރަންދަރު" ބެލުމަށްފަހު ވަގުތުން އަކްޝޭއަށް ގުޅައި ތައުރީފު ކުރި ކަމަށާއި، ފަހުން އޭނާގެ އަލީބާގް ގޭގައި ހުންނަ ގެއަށްވެސް ޒިޔާރަތް ކުރި ކަމަށް ފަރާ ބުންޏެވެ. "އަހަރެން އޭނާދެކެ ގަޔާވާ ސަބަބަކީ އޭނާއަކީ ބޭކާރު ދެއްކުންތެރިކަމަށްވުރެ ބޮޑަށް، މަސައްކަތަށް އިސްކަންދޭ މީހަކަށް ވީތީ. އޭނާ އެކްޓް ކުރަން ވަރަށް ލޯބިކުރޭ" ފަރާ ވަނީ ބުނެފައެވެ. ފަރާ އިތުރަށް ހާމަކުރި ގޮތުގައި، "ތީސް މާރު ޚާން"ގައި އަކްޝޭ ކުޅުނު ކެރެކްޓާ އަކީ ފުރަތަމަ އެހެން ބައެއް އެކްޓަރުންނަށް ހުށަހެޅި ރޯލެކެވެ. އެއީ ވަރަށް ތަފާތު، މަޖާ ކޮމެޑީ ރޯލަކަށް ވުމުން އަކްޝޭ އެކަހަލަ ރޯލެއް ކުޅެފާނެ ކަމަށް އެއްވެސް މީހަކު އޭރު އުއްމީދެއް ވެސް ނުކުރާ ކަމަށް ފަރާ ވަނީ ބުނެފައެވެ. ކުރީގެ މަގުބޫލު އެކްޓަރު ވިނޯދު ކަންނާގެ ދަރިފުޅުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ތެލުގޫ ފިލްމެއް ކަމަށްވާ "މަހާކާލީ" އަދި ނެޓްފްލިކްސްއިން އުފައްދާ ފިލްމު "އިއްކާ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ