ދިރިއުޅުމުގަ ނާއުންމީދުވާން ނުޖެހޭނެ މީހަކު ނުހުންނާނެ! ކެރިގެން ކުރިމަތިލައިފިނަމަ ކާމިޔާބުނުކުރެވޭނެ މީހަކުވެސް ނުހުންނާނެ!

ތިބާއަށް ﷲ ތަޢާލާ ނިޢުމަތެއް ދެއްވެވުމުން ތިބާ ފޭލްވެއްޖެނަމަ އެހިސާބުން ތިމާގެ ހުރިހާ ކަމެއް ނިމުނީކަމަށް ބަލައި ރަޖާނުލާށެވެ! ހިތްވަރުކޮށްފައި ތެދުވަން މަސައްކަތްކުރާށެވެ. ވަކި މީހެއް ނޫނެވެ. ކޮންމެ އިންސާނަޚީވެސް ކަންކަމުގައި ފޭލްވާނެ ބައެއްކަން ޤަބޫލުކުރާށެވެ. މައްސަލައަކީ ފޭލްވުމެއް ނޫނެވެ. މާޔޫސްވެ ރަޖާލުމެވެ.  
ކުޑަކުޑަ ދެ މިޘާލެއް ބުނެލާނަމެވެ. ތަނަވަސްކަން ދެއްވެވީއެވެ. ހެޔޮގޮތުގައި ބޭނުންކުރަން ނުއެނގުމުން ތަނަވަސްކަން ގެއްލި ފަޤީރުވީއެވެ. މާޔޫސްނުވާށެވެ! ފަޤީރުޙާލުގައިވެސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ކުރިއަށްދާން މަސައްކަތްކުރުމުން ނިޢުމަތްތައް ދެއްވަވާނެތެވެ.  
ތިބާއަށް ހެޔޮލަފާ ބައިވެރިއަކު ލިބުނީއެވެ. އެކުގައި ދިރިއުޅެން ނުއެނގުމުގެ ސަބަބުން ނުވަތަ އިހްމާލްވުމުގެ ސަބަބުން ކައިވެނި ރޫޅުނީއެވެ. އެއީވެސް މާޔޫސްވެ ރަޖާލާން ޖެހެންވީ ސަބަބެއް ނޫނެވެ. އޮތީ ހިތްވަރުކޮށްލާފައި ދެވަނަ ޙަޔާތެއް ފެށުމެވެ.  
ކުރިން ކުރެވުނުފަދަ ކުށެއް ތަކުރާރުނުކުރާށެވެ! ހެޔޮ ގޮތްތައް އިޚްތިޔާރުކުރާށެވެ! ބައިވެރިޔާއަށް އިޚްލާޞްތެރިވާށެވެ! ވަފާތެރިވާށެވެ! އޭނާގެ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ! ހަމައެޢާއިއެކު ހެޔޮލަފާ ތަޤްވާވެރި ދިރިއުޅުމެއް އުޅެން ކުރާމަސައްކަތް އިތުރުކުރާށެވެ! އެއިރުން މާއުފާވެރި ޙަޔާތެއް ދެއްވަވާނެތެވެ.  
ނަމަވެސް މިއަދު މިފެންނަނީ މުޅިން އެހެން ގޮތަކަށް ކަންކަން އެނބުރެމުންދާތަނެވެ. ލިބިފައިވާ ނިޢުމަތެއް އަތުން ގެއްލިގެން ހިނގައްޖެނަމަ މާޔޫސްވެއްޖެކަމަށް ބުނެ ޙައްލަކަށް ފާފަތައްކޮށް ކުރިއަށްވުރެ ނުބައިކޮށް އުޅޭތަނެވެ. އެއިރުން އެމީހަކާއިއެކުގައިވާނީ ޝައިޠޯނާއެވެ. އަބަދުވެސް އުޅެންޖެހޭނީ މައްސަލަތަކުން ސަލާމަތް ނުވެވިގެންނެވެ. ހިތްހަމަޖެހުން ނުލިބިގެންނެވެ.  
މިކަންކަމަށް ވިސްނައިފިނަމަ ދިރިއުޅުމުގެ ކަންކަން ނުބައިން ނުބައަށްދާ ސަބަބު އެނގިގެންދާނެއެވެ. ބުއްދިވެރިންނަކީ އެސަބަބުތަކުން ސަލާމަތްވެ އުފާވެރިކަން ޔަޤީންމަގު އިޚްތިޔާރުކުރާ މީހުންނެވެ. ޖެހުނު ޙާލުން ޢިބްރަތް ޙާޞިލްކޮށް ހިތްވަރު ލިބި އުފާވެރި ދިރިއުޅުމެއް ހޯދަން އަލުން މަސައްކަތްކުރާ މީހުންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ