އައިފޯން 17އީ ގައި "ޑައިނަމިކް އައިލެންޑް" ފީޗާ ހިމަނަނީ
އެޕަލް ކުންފުނިން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ އެންމެ އަގުހެޔޮ އައިފޯން މޮޑެލް ކަމަށްވާ "އައިފޯން 17އީ" ގިނަ އަދަދަކަށް އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، މި ފޯނުގައި އެޕަލްގެ މަޝްހޫރު "ޑައިނަމިކް އައިލެންޑް" ފީޗާ ހިމަނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޑައިނަމިކް އައިލެންޑަކީ އައިފޯނުގެ ސްކްރީނުގެ މަތީގައި ކެމެރާއާއި ސެންސަރުތައް ހުންނަ ދިމާލުގައިވާ ކަޅުކުލައިގެ ބަޔަށް ގެނެސްފައިވާ ބަދަލެއް ކަމަށްވާއިރު، މިއީ ފޯނަށް އަންނަ ނޮޓިފިކޭޝަންތަކާއި، މިއުޒިކް ކޮންޓްރޯލް ފަދަ ކަންކަން ބޭނުންކުރާ ގޮތަށް ބަލައި, ބޮޑުވެ ކުޑަވާ "އިންޓަރެކްޓިވް" ބައެކެވެ. މިއީ މީގެ ކުރިން ނެރުނު އައިފޯން 16އީ ގައި ހުންނަ ބޮޑު "ނޮޗް" ޑިޒައިންގެ ބަދަލުގައި ގެނެވޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވާއިރު، މި ބަދަލާއެކު އައިފޯން 17އީ ގެ ޑިޒައިން އެޕަލްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތަކާ އެއްގޮތް ވެގެންދާނެއެވެ. https://sun.mv/212906 ޗައިނާގެ ވީބޯގައި މި މަޢުލޫމާތުތައް ހިއްސާކުރި ޓިޕްސްޓާ "ސްމާޓް ޕިކާޗޫ" ބުނާ ގޮތުން، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ސީއީއެސް މައުރަޒަށް ފަހު މި ފޯނު އުފެއްދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. އައިފޯން 17އީ ގައި ހުންނާނީ ކުރީގެ މޮޑެލްއާ އެއްވަރުގެ 6.1 އިންޗީގެ ޑިސްޕްލޭއެއް ކަމަށާއި، ނަމަވެސް ސްކްރީންގެ ރިފްރެޝް ރޭޓް ހުންނާނީ 60 ހާޓްޒްގައި ކަމަށް ޚަބަރުތައް ބުނެއެވެ. މި ފޯނުގެ އެތެރޭގެ ހިންގުމަށް އެޕަލްގެ އެންމެ ފަހުގެ "އޭ19" ޗިޕް ބޭނުންކުރި ނަމަވެސް، މިއީ އާދައިގެ އައިފޯން 17 ގައި ބޭނުންކުރާ ޗިޕަށްވުރެ ބާރު ދަށްކޮށްފައިވާ ވާޝަނެއް ކަމަށް ބެލެވެއެވެ. ފޯނުގެ ކެމެރާގެ މަޢުލޫމާތުތަކަށް ބަލާއިރު، މީގައި ހުންނާނީ 48 މެގަޕިކްސެލްގެ ފަހަތު އެއް ކެމެރާއާއި 12 މެގަޕިކްސެލްގެ ކުރިމަތީ ކެމެރާއެކެވެ. އައިފޯން 17 ސީރީޒްގެ އެންމެ އަގުހެޔޮ މޮޑެލްގެ ގޮތުގައި ނެރޭ މި ފޯނު މިއަހަރުގެ މެއި މަހުގެ ތެރޭގައި ބާޒާރަށް ތަޢާރަފްކުރާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެޕަލްއިން ނެރުނު އައިފޯން 16އީ ބާޒާރަށް ނެރުނީ ގާތްގަނޑަކަށް 715 އެމެރިކާ ޑޮލަރަށް ކަމަށްވާއިރު، އައު އައިފޯން 17އީ އަކީ ބާޒާރުގައި ހުރި އަގުހެޔޮ ފްލެގްޝިޕް ފޯނުތަކާ ވާދަކުރުމަށް ނެރޭ ފޯނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ