އައްޑޫ ސިޓީ ބަލިކޮށް މާފުއްޓަށް ރަނގަޅު ފެށުމެއް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ރާއްޖެ ސުޕަ ލީގުގެ އަންހެން ޑިވިޝަނުގެ ފެށުން މާފުށިން ރަނގަޅުކޮށްފިއެވެ. ޖުމްލަ އަށް ޓީމާއެކު މިއަދު ފެށި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފެށުން މާފުށިން ރަނގަޅުކުރީ ގްރޫޕް އޭގައި އައްޑޫ ސިޓީއާ ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު މާފުށިން ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ. ދެވަނަ ސެޓުގައި މާފުއްޓަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައިގެން އައްޑޫ ސިޓީން މި ސެޓު ކާމިޔާބުކޮށްފައިވަނީ 21-25 އިންނެވެ. ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު މާފުށިން ކާމިޔާބުކުރީ 25-07 އަދި 25-23 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފުށީގެ ބިދޭސީ ކުޅުންތެރިޔާ ސުގާވަރަ މިޒުޗީއެވެ. ރާއްޖެ ސުޕަ ލީގުގައި މާފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން މި ގްރޫޕުގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލ. ގަމާއި ށ. ފުނަދޫއެވެ. މި މެޗު ފަށާނީ މުބާރާތުގެ ހުޅުވުުމުގެ ރަސްމިއްޔާތަށްފަހު އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވާ ހުރިހާ ޓީމެއްގެ ކުޅުންތެރިން ދައްކާލާނެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ލ.ގަން، ށ. ފުނަދޫ، ކ.މާފުށި، އައްޑޫ ސިޓީއެވެ. ގްރޫޕް ބީގައި ހިމެނެނީ ލ.މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލޭ ސިޓީއެވެ. ލީގު ބުރަށްފަހު ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލުގައި ވާދަކުރާއިރު، ބްރޮންޒް މެޑަލް މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ. މިއީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މި މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ