75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރުމުގެ ފުރުޞަތުލިބޭ ރީ-އެމްޕްލޯއިމަންޓްގެ ބިލު މަޖިލީހުން ފާސްކޮށްފި

އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި "ރީ-އެމްޕްލޯއިމަންޓްގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކުރީ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރުމަށްފަހު، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 46 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދިނުމެވެ. މީގެ އިތުރުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި، އެފަދަ ފަރާތްތަކާމެދު އަމަލުކުރެވޭނެ އުސޫލުތައް މި ބިލުގައި ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.
މި ބިލުގައިވާ ގޮތުން ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށެވެ. މިއީ ދައުލަތުގެ ޚިދުމަތުގައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ ޚިދުމަތް އިތުރު މުއްދަތަކަށް ހޯދުމަށް ހުޅުވައިލެވުނު ފުރުޞަތެކެވެ.
މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްގުވާ އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ މީހުންނަށްވެސް މި އުސޫލުގެ ދަށުން އަލުން ވަޒީފާ ހަމަޖައްސައިދިނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
މި ބިލު ފާސްވެ ތަންފީޒުވާން ފެށުމުން، ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިއްބެވި ޤާބިލު އަދި ތަޖުރިބާކާރު މުވައްޒަފުންނަށް ދިގު މުއްދަތަކަށް ޚިދުމަތުގައި ދެމިތިބުމުގެ ޤާނޫނީ ރައްކާތެރިކަން ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ