ވަރިގިނަވެ ގިނަ ކުދިންތަކެއް ނިކަމެތިވަމުން އަންނައިރު މިކަމަށް ޙައްލު ހޯދަން ކުރެވޭނީ ކޮންކަމެއްތަ؟
މިފަދަ ސުވާލުތައް ވަރަށް ގިނައިން ލިބެއެވެ. ޖަވާބުގައި ދައްކަންހުރި ވާހަކަތައްވެސް ވަރަށް ގިނައެވެ. ތިރީގައިވާ ލިޔުމަކީވެސް އަގުހުރި ފިލާވަޅެކެވެ. މިފަދަ މަޢުލޫމާތުތައް ގިނަގިނައިން ޢާންމުކުރަންޖެހެނީވެސް ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
ހުޅަނގުގެ ތަހްޒީބު އަހުރެމެން ވަށާލައިފިއެވެ. ފިއްތައި ބާރުކޮށްލައިފިއެވެ. އެމީހުން ކުރާހައިކަމެއް ކުރަން އެބަބޭނުންވެއެވެ. އުޅޭހައި ގޮތަކަށް އުޅެންވެސް އެބަ ބޭނުންވެއެވެ. އެކަމަކު ނިކަން ބުނެބަލާށެވެ. މިޒުވާނާ އެދައްކާ ވާހަކައަށް ނިކަން ވިސްނައިބަލާށެވެ!
އަހުރެންގެ އެކުވެރި ޒުވާނަކު ފްރާންސްގެ އަންހެންކުއްޖަކާއި ކައިވެނިކޮށްގެން ފްރާންސަށް ދިރިއުޅެން ދިއައެވެ. 2،3 މަސްވެސް ނުވަނީސް އެނބުރި ޤައުމަށް އަތުވެއްޖެއެވެ. ޒުވާނާ ބުނީ ކޮންމެ ރެއަކުވެސް އެކުގައި ކައި ނިމިގެން ފައިސާދީފައި ކޮންމެވެސް ތަނަކަށް މަޖާކޮށްލަންދާން ބުނާކަމަށެވެ. އަދި އަނބިމީހާވެސް ގެއިން ނުކުމެގެންދާކަމަށާއި އަންނަ ދަންވަރެއް ނުވެސް އެނގޭކަމަށެވެ. އެނބުރި އައީ އެދިރިއުޅުމަށް ނުރުހެވި، ކެތްނުކުރެވިގެންކަމަށެވެ. ދެން ނިކަން ބުނެބަލާށެވެ. މިއީ ތަހްޒީބުކަމަށް ޤަބޫލުކުރަމުހެއްޔެވެ؟
އަހަރެމެންނަށްބަލާއިރު ތަފާތަކީ އަނބިމީހާ ރޭގަނޑު ގެއިން ނުކުންނަން އަހަރެމެންނަށް ޤަބޫލެއް ނުވެވެއެވެ. ނަމަވެސް އަހރެމެން ގެއަކު ނުތިބެމުއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ނޫނީ ބޮޑެތި ދޮގުތަކެއް ހަދާފައި ކޮންމެވެސްތަނަކަށްގޮސް ކޮންމެވެސް ބައަކާއިއެކު މަޖާކުރަނީއެވެ. އެކަމުގެ ނަތީޖާއަކީ ހަމަ ވަރަށް ލޯބިން ކުރާ ކައިވެނިތައްވެސް ވަރަށް އަވަހަށް ރޫޅުމެވެ. ވަރިގިނަވުމެވެ. ދަރިން ނިކަމެތިވުމެވެ.
ނިދުމަކީ އިންސާނާއަށް ކޮންމެހެން ބޭނުނަވާ ކަމެކެވެ. ފުރިހަމައަށް ނިދި ނުލިބޭނަމަ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ބޮލުގައި ރިހުމާއި ކަންނެތްވުމާއި މިނޫންވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. އެހެންކަމުން ރަސޫލް (ﷺ) ވަނީ ނިދުމުގައި އަމަލުކުރަން ޖެހޭ ގޮތް ވެސް ބަޔާންކޮށް ދެއްވަވައިފައެވެ. އެހެންކަމުން ރަސޫލް (ﷺ)ގެ ސުންނަތުން ފެންނަން ހުރި ބައެއް ކަންކަން މިތަނުގައި ހާމަކޮށްލާނަމެވެ.
ފުރަތަމަ ކަމަކީ ޢިޝާ ނަމާދުގެ ކުރިން ނުނިދުމާއި ޢިޝާ ނަމާދަށްފަހު ވީ އެންމެ އަވަހަކަށް ނިދުމެވެ. މިސުންނަތަށް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުންވެސް ތާއީދުކުރެއެވެ. އެމީހުންވެސް އެކަން ޤަބޫލުކުރެއެވެ. "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ" ކަމެއް ކަމަށް ބުނެވެނީ މި ސުންނަތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ގިނަކަމުންނެވެ. މި ޢިބާރާތް އެންމެ ފުރިހަމަވާނީ ""އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ، އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާ، އަދި ތަޤްވާވެރިކަން އިތުރުވާ" ވެސް އިބާރާތުގައި އޮތުމުންނެވެ.
ޢިޝާ ނަމާދުކޮށް، ރޭގަނޑު ކެއުމަށްފަހު އަވަހަށް ނިދާނަމަ އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާކަން އެއީ އެނެގެން އޮތް ކަމެކެވެ. ޢާންމު ދިރިއުޅުމަށް ބަލައިފިނަމަ ރޭގަނޑޫ ކައިގެން ނުނިދައި ގެއިން ބޭރުގައި ނުއުޅޭނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް މަދުވާނެއެވެ. މައްސަލަ ޖެހެނީ، ކައިވެނިތައް ރޫޅެނީ ތަންތަނަށް ގޮސް ވަގުތު ބޭކާރުކުރާތީއެވެ. އެގޮތަށް ގޮސް ތިބޭ ތިބުމުގައި ގުޅުން އުފައްދަން ނުޖެހޭ މީހުންނާއިއެކު އުފައްދާ ގުޅުންތަކުގެ ސަބަބުންނެވެ. ވީމާ އެގޮތަށް ނުތިބޭނަމަ އެފަދަ ކަންކަން ހިނގުން މަދުވާނެއެވެ.
އިސްލާމް ދީނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ކުށެއް ކުރެވިދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށެވެ. ވީމާ އަވަހަށް ނިދުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިއެވަނީ އެފަދަ ހުރިހާ މައްސަލަތަކުން މީސްތަކުން ސަލާމަތްކޮށްދެއްވެވުމަށްޓަކައެވެ. ޢާއިލީ ގުޅުންތައް ބަދަހިވެފައި އޮތުމަށް މަގުފަހިކޮށްދެއްވެވުމުގެ ގޮތުންނެވެ. ހަމައެއާއިއެކު އިސްލާމް ދީނަށް އަމަލުކުރުމަށް މަގުފަހިކޮށް ދެއްވެވުމަށެވެ. ދަމުނަމާދަށާއި ފަތިސް ނަމާދަށް ހޭލުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. އައު ދުވަހުގެ މަސައްކަތް ތާޒާކަމާއިއެކު ފެށުމަށް މަގުފަހިކޮށްދެއްވެވުމަށެވެ.
އިސްލާމް ދީނުގައި އަޅުކަމެވެ ބުނެވޭ ބަހުގެ މާނައަކީ ހަމައެކަނި ފަރުޟު ކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ. ދެމަފިރިން އުފަލުގައި ލޯބިން ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީވެސް އަޅުކަމެކެވެ. ދެމަފިރިން ގުޅިގެން އުފަލުގައި ދިރިއުޅުމަކީވެސް ހަމަ އަޅުކަމެކެވެ. ހަމަ ސަވާބު ދެއްވަވާނެ އަޅުކަމެކެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަށް ރަސޫލް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. ވީމާ އެމަތިވެރި ސުންނަތް އަދާކުރުމަކީ އާޚިރަތުގައިވެސް އެކަމުން ފައިދާކުރާނެ ކަމެކެވެ.
ވީމާ އަހަރެމެންގެ ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަށްޓަކައިވެސް އަވަހަށް ނިދާބައަކަށްވާނެ އެބަޖެހެއެވެ. ޔަޤީންކުރާށެވެ! އިސްލާމް ދީނުގައި އެއްވެސް ކަމެއް ކުރުމަށް ބަޔާން ވެގެންވާނަމަ އެކަމެއް ބަޔާންވެގެންވާނީ އިންސާނުންނަށް އެކަމަކުން ފައިދާ ކުރާނެތީއެވެ. ދުނިޔެއާއި ޢާޚިރަތުގައިވެސް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އިސްލާމް ދިނުގައި ބަޔާންވެގެނެއް ނުވެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ވަރިގިނަވެ ކައިވެނިތައް ރޫޅި ދަރިން ނިކަމެތިވަމުން އަންނާތީ ކަންބޮޑުވާނަމަ މިކަންކަމަށް ވިސްނައި ނުލަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ