ކައިވެނިކުރުމަށްފަހު ބައިވެރިޔާގެ ހުއްދަހޯދައިގެން ކުރަންޖެހޭނެ ކަންތައްތަކާއި ހުއްދަ ނުހޯދައިވެސް ކުރެވޭނެ ކަންތައްތަކަށް ދެމީހުންގެ މެދުގައި އެއްބަސްވުމެއް އެކުލަވާލަންވާނެ!

ކައިވެންޏަށްފަހުގައި ކަމަށްވިޔަސް ކުރާ ކޮންމެ ކަމަކަށް ބައިވެރިޔާގެ ހުއްދަ ހޯދަންޖެހުމަކީ ކުރަން އެހާފަސޭހަކަމަކަށް ނުވާނެއެވެ. އެގޮތަށް އެކަން ބާއްވާނަމަ ދެމީހުންނަށްވެސް އަބަދުވެސް ތިބެންޖެހޭނީ ކުށްވެރިވެފައެވެ. މައްސަލަތައް ގިނަވެ ޙައްލުނުކުރެވިފައެވެ. ވީމާ ކައިވެނިކުރުމަށްފަހު ބައިވެރިޔާގެ ހުއްދަހޯދައިގެން ކުރަންޖެހޭނެ ކަންތައްތަކާއި ހުއްދަ ނުހޯދައިވެސް ކުރެވޭނެ ކަންތައްތަކަށް ދެމީހުންގެ މެދުގައި އެއްބަސްވުމެއް އެކުލަވާލަންވާނެއެވެ.  
ރަނގަޅީ އަޑުން ރެކޯޑްކޮށްގެން ނޫނީ ކަރުދާހުގައި ލިޔެގެން ނަމަވެސް ފަހުން ބޭނުންވެއްޖެނަމަ ފެންނާނެ ގޮތަކަށް ރައްކާކޮށްފައިވެސް ބޭއްވުމެވެ. ސަބަބަކީ "އަހުރެން ބުނީ ތިއަހެންނަކުން ނޫން" ކަމަށް ބުނެވޭތަން އަތުވެދާނެތީއެވެ. 
ހަމަ އެގޮތަށް ކައިވެނިކުރުމަށްޓަކައި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވުމަށްފަހުގައިވެސް އަދި ކައިވެނިކުރުމަށްފަހުގައިވެސް ދެމީހުން އެކުގައި ތިބެގެން މަޝްވަރާކުރަންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ދެމީހުންނަށްވެސް ކަންކަން ކުރެވޭނެ އިންތައް ކަނޑައެޅުމެވެ.  
މިގޮތުން ކަމެއް ކުރާނަމަ ހުއްދަނަގަންޖެހޭނެ ކަންތައްތަކާއި ހުއްދަ ނުނަގައި ކުރެވޭނެ ކަންކަން ކަނޑައަލަންވާނެއެވެ. އެކަންކުރުމަށްފަހު ދެމީހުންވެސް އެއްބަސްވުމަށް އިޙްތިރާމްކުރަންވާނެއެވެ.  
ފިރިމީހާއަކީ އިސްމީހާކަށްވުމަކީ އިންތައް ފަހަނައަލައި ދިއުން ހުއްދަކުރާ ސަބަކަށް ހަދައިގެންނުވާނެއެވެ. ކޮންމެ ކަމެއްގައިވެސް އިސްމީހާ އިންތަކުގެ ތެރޭގައި ހުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އެހެނީ އިސްމީހާ އިންތަކަށް އިޙްތިރާމްކުރުމަކީ ދެން ތިބި މީހުންނަށް އެގޮތުގައި ލިބެން ބާރުއަޅާ ކަމެކެވެ.  
ވަރަށް ގިނައިން ކުރިމަތިވާ ކަމެއްގެ ވާހަކަވެސް ބުނެލާނަމެވެ. އަނބިމީހާ ގެއިން ބޭރުގައި ގިނަވަޤުތު ހޭދަކޮށްފިނަމަ ރުޅިއައުދެވެއެވެ. ހިލޭ ފިރިހެނަކާއި ވާހަކަދެއްކި ނަމަވެސް މެސެޖްކުރިނަމަވެސް ރުޅިއައުދެވެއެވެ.  
މިފަދަ ކަންކަމަށް ރުޅި ނާންނަން ބުނަނީއެއް ނޫނެވެ. އަދި އެކަންކުރަން ދޫކޮށްލަން ބުނަނީއެއްވެސް ނޫނެވެ. ސުވާލަކީ އެކަންކަމުގައި ފިރިމީހާ ޢަމަލުކުރަނީ ކިހިނަކުންހެއްޔެވެ؟ އިމެއްނެތި ބޭކާރު ކަންކަމުގައި ގެއިންބޭރުގައި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ހިލޭ އަންހެނުންނާއި ވާހަކަދައްކައި މެސެޖްކޮށްހަދަނީ ކީއްވެގެން ހެއްޔެވެ؟ އަނބިމީހާ އެކަންކަން ކުރީމާ ފިރިމީހާ ދެރަވާ ފަދައިން އަދި ރުޅިއަންނަފަދައިން ފިރިމީހާ އެކަންކަން ކުރުމުން އަނބިމީހާ ދެރަނުވާނީހެއްޔެވެ؟ ނުވަތަ ރުޅި ނުއަންނާނީހެއްޔެވެ؟  
އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. އަނބިމީހާ ލައްވައި ތިމާގެ ޢާއިލާއަށް ޚިދުމަތްކުރުވަން ބޭނުންނަމަ އަނބިމީހާގެ ޢާއިލާއަށް ފިރިމީހާވެސް ހެޔޮކޮށް ހިތައި ޚިދުމަތްކުރަންވާނެއެވެ. އަނބިމީހާގެ ޢާއިލާއަށް ހެޔޮކޮށް ކަންކަން ކުރަންވީ ކޮންމެހެން އަނބިމީހާ ލައްވައި ތިމާގެ އަމިއްލަ ޢާއިލާއަށް ހެޔޮކޮށް ކަންކަން ކުރުވާކަށް ނޫނެވެ. އެއީ ތިމާގެ މައްޗަށް އޮތް ވާޖިބަކަށްވާތީއެވެ. އެމަސްއޫލިއްޔަތު އުފުލަންޖެހޭނެތީއެވެ.
 
- އަލަފް / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ