ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އިން ކާމިޔާބުކޮށްފި

މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން، އެމްޑީޕީ އިން ކާމިޔާބު ކޮށްފިއެވެ.
ފާއިތުވެދިޔަ ދިގު ތާރީހުގައި ގުރައިދޫ ދާއިރާގެ ގޮނޑި ޕީޕީއެމް އިން ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް މިއަދު ބޭއްވި އެދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ޝާޒް ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރިޒާ އާއި ވާދަ ކޮށެވެ.
މިއިންތިހާބު ބާއްވާފައިވަނީ މިއަހަރު ފެބްރުއަރީ މަހު ކެންސަރު ބަލީގައި އެ ދާއިރާ ގޮނޑި ފުރުއްވަމުން ގެންދެވި އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ. އެމްޑީޕީ އިން ގުރައިދޫ ދާއިރާ ގޮނޑި ކާމިޔާބުކޮށްފައިވަނީ ރިޔާސީ އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވެފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީގެ 66 މެމްބަރުން މިވަގުތު މަޖިލީހުގައި ތިބިއިރު، ގުރައިދޫ ދާއިރާގެ ގޮނޑި އާއި އެކު އެ އަދަދު 67 އަށް ބަދަލުވެގެންދާނެ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން މިއަދު 1 ގަޑިއިރު ވަނީ އިތުރުކޮށްފައެވެ. ވޯޓްލުން ކުރިން 4 ޖަހާއިރު ނިންމާލުމަށް ހަމަޖެހިފައިވި ނަމަވެސް ފަހުން 5 ޖަހަންދެން ވޯޓްލުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
”ސަންގު“ ޓީވީ އަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ އިންތިހާބުގެ ވަގުތު މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފައިވަނީ ވޯޓްލާ ކިއުގައި ވަގުތު ހަމަވާއިރު ވޯޓްލާން ގިނަ ބަޔަކު ތިބި ނަމައެވެ. ނަމަވެސް މިއަދު ވޯޓް ލުމަށް އިތުރު ބަޔަކު ނެތި ވޯޓްލުން އެއް ގަޑިއިރު އިތުރުކުރީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވެފައިވަނީ ވޯޓްލުމުގެ ވަގުތު އިތުރުކުރީ އިންތިހާބުގައި އެމްޑީޕީން ބަލިވެދާނެތީ ކަމަށެވެ.
ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުގައި ތިން ބޭފުޅަކު ވާދަކުރައްވައެވެ.
އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާފައިވަނީ  ދާއިރާގެ މެމްބަރަކަށް ހުންނެވި ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އެވެ. އެމްޑީޕީ ޓިކެޓުގައި ވާދަ ކުރެއްވީ ޕާޓީގެ ދާއިރާގެ ރައީސެއްގެ މަގާމު އަދާކުރަމުން އައި އިބްރާހިމް ޝާޒެވެ. އެމްއެންޕީގެ ޓިކެޓުގައި ވާދަ ކުރައްވާފައިވަނީ އަލީ އާރިފެވެ.
އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމާއެކު އިންތިހާބު ކާމިޔާބު ކުރި ޝާޒް އާއި އެމްޑީޕީއަށް ޕާޓީގެ ސަޕޯޓަރުން ދަނީ މަރުހަބާ ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ