ތައި އަސްކަރީ ސަރުކާރުން ހުށަހެޅި ގާނޫނު އަސާސީއާ މެދު ރައްޔިތުން މިއަދު ގޮތް ނިންމަނީ
ދެހާސް ސާދަ ވަނަ އަހަރު ތައިލެންޑްގެ ސަރުކާރު ބަޣާވާތަކުން ވައްޓާލައި، އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި ޔިންގްލަކް ޝިނަވަތުރާ މަގާމުން ވަކިކޮށް، ތައިލެންޑުގައި އިންތިގާލީ ސަރުކާރެއް ގާއިމު ކޮށްފައި ވަނިކޮށް އެ ގައުމުގެ ވެރިކަމާ ހަވާލުވީ ތައިލެންޑުގެ އަސްކަރިއްޔާއިންނެވެ. އަސްކަރިއްޔާގެ ބަޣާވާތް ލީޑުކުރެއްވީ އެގައުމުގެ އާމީގެ ކޮމާންޑަތު ޕްރާޔުތު ޗަން އޮޗާ އެވެ. އެއާ އެކު އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ގާނޫނު އަސާސީ އުވާލައި އިންތިގާލީ ގާނޫނު އަސާސީއެއް އެކުލަވާލުމަށް ފަހު ގާނޫނު ހަދާ މަޖިލީހެއް އަލުން އުފެއްދި އެވެ. އެ މަޖިލީހުގެ މެޖޯރިޓީ ތާއީދު އޮތީ އަސްކަރިއްޔާ އަށެވެ. އެ މަޖިލީހުން ނެގި ވޯޓަކުން، އެގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އައްޔަނު ކުރީ މިލިޓަރީ ކޮމާންޑަރު ޕްރާޔުތު ޗަން އޮޗާ އެވެ. ބަޣާވާތަށް ދެ އަހަރު ވެފައިވާ އިރު، މިއަދަކީ ތައިލެންޑުގެ ރައްޔިތުން އެ ގައުމުގެ އަސްކަރީ ސަރުކާރު ގަބޫލު ކުރޭތޯ ނުވަތަ ނުކުރޭތޯ ނިންމާ ދުވަހެކެވެ. އަސްކަރީ ސަރުކާރުން އާ ގާނޫނު އަސާސީއެއްގެ ޑްރާފްޓެއް އެކުލަވާލާފައިވާ އިރު، ރައްޔިތުން އެ ގާނޫނު އަސާސީއާ މެދު ރުހޭތޯ ނުވަތަ ނޫންތޯ ސަރުކާރުން ބަލަން ބޭނުން ކަމުން، އެކަމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މިއަދު ވަނީ ނަގަން ފަށައިފަ އެވެ. ރައްޔިތުންނާ ހަމައަށް ހުށަހެޅި އާ ގާނޫނު އަސާސީ ބުނާ ގޮތުގައި، އެ ގައުމުގެ ސެނެޓް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ބަދަލުވާނީ ސަރުކާރުގެ ފަރާތުން އައްޔަނުކުރާ ބަޔަކު ތިބޭ ތަނަކަށެވެ. އެތަނަށް އައްޔަނުކުރާނީ ސަރުކާރުން ބޭނުންވާ ބައެކެވެ. މިހާރު އޮތް ގޮތުން މަތިގެއަކީ ސަރުކާރުން އައްޔަނު ކުރާ ބައެއްގެ އިތުރުން ރައްޔިތުން އިންތިޚާބުކުރާ ބަޔަކު ތިބޭ މަޖިލީހެކެވެ. މީގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މަތިގެއަކީ، ތިރިގޭގެ ކޮންމެ ނިންމުމެއް ވީޓޯ ކުރުމުގެ ބާރު ލިބޭ ތަނަކަށް ބަދަލުވާނެ އެވެ. ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވިއްޖެ ހާލަތެއްގައި، މެޖޯރިޓީއަށް ފެންނަ ގޮތަށް ކަން ނިންމުމުގެ ބަދަލުގައި، ސެނެޓުގެ އެންމެ މެމްބަރަކު ކަމަކާ މެދު ނުރުހުނަސް އެ ބަދަލެއް ނުގެނެވޭނެ އެވެ. ބަރުލަމާނީ ސަރުކާރެއް އޮންނަ ގައުމެއްގައި ބޮޑުވަޒީރަކީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީގެ ލީޑަރުކަން ކުރާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. އެހެން ނަމަވެސް ތައިލެންޑުގެ މިހާރުގެ ބޮޑުވަޒީރުކަން ކުރާ ޖެނެރަލް ޕްރާޔުތު ޗަން އޮޗާއަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ނޫނެވެ. ތައިލެންޑުގެ އަސްކަރީ ސަރުކާރުން ހުށަހަޅާފައިވާ ގާނޫނު އަސާސީގެ ޑްރާފްޓާ މެދު ރުހޭ ކަމަށް ތައިލެންޑު ރައްޔިތުން މިއަދު ނިންމައިފި ނަމަ، ކުރިޔަށް އޮތް އާންމު އިންތިޚާބުގައި، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއާއި މަތިގޭގެ މެމްބަރުކަން ނުކުރާ، އެ މަޖިލީހާ ގުޅުމެއް ވެސް ނެތް މީހަކު ބޮޑުވަޒީރުގެ މަގާމަށް އިންތިޚާބު ވުމަށް ގާނޫނީ ގޮތުން މަގުފަހި ވާނެ އެވެ. ރައްޔިތުން މި ގާނޫނު އަސާސީ ގަބޫލު ނުކޮށްފި ނަމަ ދެން ވާނެ ގޮތެއް ލަފާ ކުރަން އަދި ނޭނގޭ ނަމަވެސް، ބެލެވޭ ގޮތުގައި އެގައުމުގެ ވެރިކަމުގައި ދެމިއޮންނާނީ އަސްކަރިއްޔާއިންނެވެ. ތައިލެންޑުގެ އަސްކަރީ ސަރުކާރުން ބުނާ ގޮތުގައި، އާ ގާނޫނު އަސާސީ ތަސްދީގު ވުމަކީ އެ ގައުމު ޑިމޮކްރަސީގެ މަގަށް އަލުން އަނބުރާ އިޔާދަވުމަށް އެޅޭނެ ފިޔަވަޅެކެވެ. އެހެން ނަމަވެސް އަސްކަރީ ވެރިކަމާ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، އެ ގާނޫނު އަސާސީއާ ދެކޮޅަށް ކެމްޕޭނު ކޮށް، އޭގައި ހުރި މައްސަލަތައް ރައްޔިތުންނަށް ދެއްކުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ. މިއަދު ނަގާ ވޯޓުގެ ކަންކަން ދާންވާ ގޮތް ބަޔާންކުރާ، ފެންނަ ނުފެންނަ ވޯޓު (ރިފަރެންޑަމް) ގާނޫނުގައި ބުނާ ގޮތުން، ހައްގު ބަހާ އިދިކޮޅަށް ލިޔުމުން ނުވަތަ އެހެން ގޮތަކުން ވިޔަސް ބަސް ބުނާ މީހަކު ކުރަނީ ޖިނާއީ ކުށެކެވެ. އެ ގާނޫނުގެ ދަށުން މިއަދާ ހަމައަށް މަދުވެގެން 17 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ