ހަންގަނޑުގައި އެކުލެވޭ ކެންސަރުގެ ދިފާއު ފޫއަޅުވައިލަނީ އަވި ހަންގަނޑުގައި އެކުލެވޭ ކެންސަރުގެ ދިފާއު ފޫއަޅުވައިލަނީ އަވި

އިރުން ލިބޭ އަލި ނުވަތަ އަތްވަކީ އިންސާނުންގެ ސިއްހަތާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ޒަރޫރީ މާއްދާއެއް ކަމަށްވާ ވިޓަމިން-ޑީ ލިބެނީ އަވިންނެވެ. ހަމައެއާއެކު، މާ ގިނަ ވަގުތު އަވީގައި އުޅުމަކީ ހަމުގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ.
ނޭޗާ ކޮމިޔުނިކޭޝަންސް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މާ ގިނަ ވަގުތު، އަލްޓްރާވައިލެޓް (ޔޫވީ) ރޭޑިއޭޝަންއަށް އިންސާނާގެ ހަށިގަނޑު ހުށަހެޅުމުން، ހަންގަނޑުގައި ހުންނަ ސެލްތަކުގައިވާ ދުޅަތަކާ އިދިކޮޅު ހަރަކާތްތައް ހުއްޓުމަކަށް އާދެއެވެ. އެ ހަރަކާތްތައް ހުއްޓުމަކަށް އަންނަނީ، ހަންގަނޑަށް މާ ގިނަ ވަގުތު އަވި ދިނުމުން (ޔޫވީ ރޭޑިއޭޝަންގެ އަސަރު ކުރުމުން) ހަމުގެ ސެލްގައިވާ (YTHDF2) ކިޔާ ޕްރޮޓީނެއް ރޫޅިގެން ދިޔުމުންނެވެ.
މި ޕްރޮޓީން މަސައްކަތް ކުރަނީ، ހަށިގަނޑުގައި އެކުލެވޭ އާދައިގެ ސެލްތައް، ކެންސަރު ސެލްއަށް ބަދަލުވޭތޯ ބަލައި، އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، އެކަން ހުއްޓުވާ ފާރަވެރިއެއްގެ ގޮތުގައެވެ. ޔުނިވަސިޓީ އޮފް ޗިކާގޯގެ ސައެންސްވެރިން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި (YTHDF2) ޕްރޮޓީނަކީ، ރައިބޯނިއުކްލެއިކް އެސިޑް (އާރްއެންއޭ)ގެ މޮލިކިއުލްތައް އުފެދުމުން ފެށިގެން، އެ މޮލިކިއުލްތައް ރޫޅި ބައިބައިވުމާ ހަމައަށް ހުރިހާ މަރުހަލާތައް (RNA metabolism) ކޮންޓްރޯލު ކުރާ މައި މަރުކަޒެވެ. ހަމުގެ ސެލްތައް ދުޅަހެޔޮކަން މަތީގައި ދެމިހުންނަނީ، (YTHDF2) ޕްރޮޓީންގެ މި މަސައްކަތުގެ ސަބަބުންނެވެ.
ހަމައެކަނި އެމެރިކާއަށް ބެއްޔަސް، ކޮންމެ އަހަރަކު ގާތްގަނޑަކަށް 5.4 މިލިއަން މީހުންނަށް އަލަށް ހަމުގެ ކެންސަރު ޖެހެއެވެ. އޭގެ ތެރެއިން 90 އިންސައްތަ މީހުންނަކީ އާދަޔާ ހިލާފަށް ގިނައިން ޔޫވީ ރޭޑިއޭޝަންގެ އަސަރު ކޮށްފައިވާ މީހުންނެވެ. ޔޫވީ ރޭޑިއޭޝަންގެ އަސަރުކުރުމުން، ހަށިގަނޑުގެ ޑީއެންއޭ ޒަޚަމްވެ، އޭގެ ސަބަބުން ހަމުގެ ސެލްތަކުގެ ބާރު ދަށްވެއެވެ. ނަތީޖާއަކަށްވަނީ ސެލްތަކުގައި ދުޅަ އުފެދި ހަންގަނޑު ރަތްވެ، އަތްވަށް ނުކުތުމުން ދިލަނެގުން ފަދަ ކަންތައް ކުރިމަތިވެއެވެ.
ރައިބޯނިއުކްލެއިކް އެސިޑް (އާރްއެންއޭ)އަކީ، އިންސާނާގެ ހަށިގަނޑުގައިވާ ވިރާސީ މައުލޫމާތުތައް ހަކަތައަށް ބަދަލުކޮށްލުމަށް އެހީވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މޮލިކިއުލެކެވެ. އާރްއެންއޭ މޮލިކިއުލް ގުރޫޕުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ގުރޫޕަކީ، ނޮން ކޯޑިން އާރްއެންއޭ ކިޔާ ގުރޫޕެވެ. މިބާވަތުގެ މޮލިކިއުލްތަކަކީ އިތުރު ޕްރޮޓީންތަކެއް އުފެއްދުމެއް ނެތި، ޖީންތަކުގެ ހަރަކާތްތައް ބަރާބަރަށް ހިންގުމެވެ.
މި ދިރާސާގައި ސައެންސްވެރިން މައިގަނޑު ގޮތެއްގައި ތަހުލީލުކޮށް ބެލީ، ގިނަ ވަގުތު އަވީގައި އުޅުމުން އެންޒީމްތަކަށް އަންނަ ބަދަލުތަކެވެ. އެ ގޮތުން ސައެންސްވެރިންނަށް ފާހަގަކުރެވެނީ، ގިނަ ވަގުތު އަވީގައި އުޅުމުން، ހަމުގެ ސެލްތަކުގައި ހިމެނޭ (YTHDF2) އެންޒީމް ނުވަތަ ޕްރޮޓީންގެ އަދަދު ވަރަށް ބޮޑަށް މަދުވާ ކަމެވެ. ހަމުގެ ސެލްތަކުން މި އެންޒީމް ވަކިކޮށްލުމުން، ޔޫވީ ރޭޑިއޭޝަންގެ ސަބަބުން އުފެދޭ ދުޅައިގެ ހާލަތު އިތުރަށް ގޯސްވެއެވެ.
ސައެންސްވެރިން ބުނާ ގޮތުގައި މި އައު ހޯދުމަކީ، ޔޫވީ ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ހަމުގެ ކެންސަރަށް ފަރުވާ ކުރުމުގައި ބޭނުންކުރާނެ އާ ގޮތްތައް އީޖާދުކުރުމަށް ހުޅުވުނު ދޮރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ