މާލެ ސަރަހައްދުގައި ވައި ނުސާފުވެ އޮރެންޖު އިންޒާރު ނެރެފި

މާލެ ސަރަހައްދުގައި ވައި ނުސާފުވެ އޮރެންޖު އިންޒާރު ނެރެފިއެވެ. 
ވައިގެ ފެންވަރު ބަލާ އައިކިއުއެއާ ވެބްސައިޓުން ދައްކާ ގޮތުން މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ދަށްވެ، މިހާރު ހުރީ އޮރެންޖް އިންޒާރުގަ އެވެ.
މިހާލަތުގައި ނާޒުކު ހާލަތުގައި ތިބި ފަރާތްތަކާއި އެހެންމީހުންނަށްވެސް ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. 
ނާޒުކު ހާލަތުގައިވާ ފަރާތްތަކުގެ ގޮތުގައި ބަލަނީ، ތުއްތުކުދިން/ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުން އަދި އެލާޖީ މައްސަލަތައް ހުންނަ މީހުންނެވެ.
ވައި ނުސާފުވުމުގެ މައްސަލައަށް ސަމާލުވުމަށް އެދި އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވައި ސާފު މިންވަރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް އިން ނުވަތަ IQAir Visual އެޕް މެދުވެރިކޮށް ވައި ނުސާފްވާ މިންވަރު ބަލާލެވޭނޭކަމަށެވެ. އެގޮތުން ވައި ނުސާފުވާ މިންވަރުން ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މެދުމިންގަނޑަށް ވައިނުސާފުވެއްޖެނަމަ ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރަމުން އެޗްޕީއޭއިން ބުނީ، މި ހާލަތަށް ވައިނުސާފުވެއްޖެނަމަ ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރަށްނިކުމެ އުޅުމުން ދުރުވާން ޖެހޭކަމަށެވެ. މީގެ އިތުރުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ބޭރަށްނިކުމެ ކަސްރަތުކުރުމާއި ކުޅިވަރުކުޅުން ފަދަ ކަންކަން މަޑުޖައްސާލަން ޖެހެއެވެ.
އަދި ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުން ގެއިން ބޭރަށް ނިކުމެ އުޅުމުގައި މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ