އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ، ތިމާވެށި ހިމާޔަތް ކުރަން ހިންގާ ޕްރޮޖެކްޓުތަކަށް ދެވޭ ރަނގަޅު މާލީ އެހީއެއް: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން "އީއެންވީ ޕީއޯއެސް"ގެ ނަމުގައި ހިންގާ ޕްރޮގްރާމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ ޕްރޮޖެކްޓުތަކަށް ދެވޭ ރަނގަޅު މާލީ އެހީއެއް ކަމަށް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ބީއެމްއެލުން ބުނީ، އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް އެހީތެރިވެދޭ ޕްރޮގްރާމެއް ކަމަށެވެ. އެ މުއާމަލާތްތަކަށް ކަސްޓަމަރުންނާއި ވިޔަފާރިތަކުން އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް އެ ބެންކުން ބުނެއެވެ. އެހެންވެ، އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ރާއްޖޭގެ ތިމާވެއްޓާއި ކަނޑުފަޅުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެދެވޭނެ ކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގައުމީ ޕްލޭން ތައްޔާރުކުރުމުގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވަނީ، ބޭންކުން ހިލޭ އެހީގެ ގޮތުގައި ދެމުންދާ ތަފާތު ގްރާންޓް މެކޭނިޒަމްތަކުގެ އިތުރަށް ބީއެމްއެލްއިން ތަޖުރިބާކޮށްފައިވާ އެހެން އީޖާދީ ފައިނޭންސިން ގޮތްތައް ހުރިތޯ ސުވާލުކޮށްފައެވެ. ޕެނަލް ޑިސްކަޝަންގައި ސައީދު [ވާއަތް ފަރާތުން ދެވަނައަށް] ---- ފޮޓޯ/ ބީއެމްއެލް އެ ސުވާލުގެ ޖަވާބުގައި ސައީދު ވިދާޅުވީ ބީއެމްއެލްގެ ވިސްނުމަކީ އީޖާދީ އަދި ދެމެހެއްޓެނެވި ރަނގަޅު ނަތީޖާތައް ނެރެވޭނެ ގޮތަށް ބޭންކުން ހިލޭ އެހީ ދެމުން އަންނަ ޕްރޮގްރާމްތައް މެދުވެރިކޮށް ތިމާވެށީގެ ޕްރޮޖެކްޓްތަކަށް އެހީތެރިވުން ކަމަށެވެ. އެގޮތުން، ސައީދު ވަނީ މިދިޔަ ޖޫންގެ 25ގައި ބީއެމްއެލްއިން، ރާއްޖެއަށް މުޅިން އަލަށް "އީއެންވީ ޕޮސް"ގެ ނަމުގައި ތައާރަފުކުރި ޚާއްސަ ޕްރޮގްރާމެއް ފާހަގަކުރައްވާފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ ކަނޑުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސްއާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއެކު ހިންގަމުންދާ މުހިންމު މަސައްކަތްތަކަށް އޭނާ އަލިއަޅުއްވާލެއްވިއެވެ. ސައީދު ވިދާޅުވި ގޮތުގައި، އެ ޕްރޮގްރާމުގެ ތެރެއިން އުކާލާ ޕްލާސްޓިކު ކުނި ރިސައިކަލް ކުރުމަށް ޖަރުމަނާއި ޓައިވާނާއި މެލޭޝިއާއަށް ފޮނުވަން އެ ބެންކުން ޕާލޭއަށް އަންނަނީ އެހީވަމުންނެވެ. "ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މޯޕާއިން ގާއިމްކޮށްފައިވާ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ސެޓަޕެއް ގާއިމްކުރުމަށް އަޅުގަނޑުމެން މިދަނީ އެހީތެރިވަމުން. އެ ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑަރތައް ގާއިމުކުރުމަށްފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިން ފެސިލިޓީތަކަށް އެކްސްޕޯޓް ކުރުމަށްވަނީ ހަމަޖެހިފަ." ސަޢީދު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކުގައި ބޭންކުން އަބަދުވެސް ބައިވެރިވަމުން އަންނަ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ