ގަވަރުނަރު މުނައްވަރު ދެއްވި ލަފާ ބަޖެޓު ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނަން ޕީއެންސީގެ މެންބަރުން ބޭނުމެއް ނުވި ގަވަރުނަރު މުނައްވަރު ދެއްވި ލަފާ ބަޖެޓު ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނަން ޕީއެންސީގެ މެންބަރުން ބޭނުމެއް ނުވި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކުރި ކޮމިޓީއަށް ހާޒިރުވެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ދެއްވި ލަފާ ބަޖެޓު ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމެނުމަށް، ބަޖެޓު ކޮމިޓީގައި ހިމެނުނު ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ދެކޮޅު ހަދައިފި އެވެ.
ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި މުނައްވަރުގެ ލަފާ ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނެމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ.
"އަޅުގަނޑު ހުށަހަޅަން އެމްއެމްއޭގެ ގަވަރުނަރު ދީފައިވާ ފަންނީ ލަފާ އެއީ ބަޖެޓު ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނަން. ބަޖެޓު ފާސްކުރާއިރު،" ގަފޫރު ވިދާޅުވި އެވެ.
އެ ހުށަހެޅުން ފާސްނުވީ ކޮމިޓީގައި ހިމެނޭ ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ހުށަހެޅުމާއި ދެކޮޅަށް ވޯޓު ދެއްވުމުންނެވެ.
ބަޖެޓު ދިރާސާކުރިއިރު، ކޮމިޓީއަށް ހާޒިރުވެ މުނައްވަރު ވަނީ އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބައެއް ސިޔާސަތުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމުގެ ގޮތުން އަންނަ އަހަރު، މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކޮށްފި ނަމަ، ޑޮލަރުގެ ރަސްމީ ރޭޓު ހިފަހައްޓަން ގޮންޖެހުންތަކެއް ދިމާވެދާނެ ކަމަށް ކޮމިޓީގައި މުނައްވަރު ވިދާޅުވި އެވެ.
"ބަޖެޓުގެ އެހާ ބޮޑު އިންސައްތައެއް ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ ތިންވަރަކަށް ބިލިއަން އިތުރުވެގެންދާއިރު، މުސާރަތައް އިތުރުވެގެންދާއިރު އަޅުގަނޑުމެން އެންމެ މުހިންމު ލަފަޔަކަށް ދީފައި އިންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިޔުމަށް، މާނައަކީ އެއްފަހަރާ، ހުރިހާ މުސާރަތަކެއް އެއްފަހަރާ ބޮޑުކުރެވިގެންދާ ކަމުގައިވާނަމަ ހަމަ އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ އިނގޭތޯ،" މުނައްވަރު ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭންޖު މާކެޓުގައި މިހާރު އޮތް ޕްރެޝަރަށް ވުރެ ޕްރެޝަރު އިތުރުވެގެން ހަމަ ގޮސްދާނެ."
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ.
މީގެ އިތުރުން، މުނައްވަރު ވިދާޅުވީ އެމްއެމްއޭއަށް ބޭރު ފައިސާ ލިބެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކުހުގެ ގޮތުގައި ލިބޭ ފައިސާ އާއި ބޭރު ފައިސާ މާރުކުރުމުން ލާޒިމުކުރާ ގާނޫނުގެ ދަށުން ލިބޭ ފައިސާ ކަމަށެވެ. އޭގެ އިތުރުން ދެން ބޭރު ފައިސާ ލިބެނީ ބޭރުގެ އެކި ފަރާތްތަކުން ލޯނު އެހީގެ ގޮތުގައި ނަމަވެސް، ފާއިތުވި ދެ އަހަރު ދުވަހު ބޭރުގެ އެހީ ލިބުނު އަދަދު ވަރަށް ބޮޑަށް މަދުކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ސަބަބާ ހުރެ ދިވެހިރާއްޖޭގެ ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް އެންމެ ބޭނުންވާ މިންވަރަށް ނުދެވޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. ބޭރު ފައިސާ އެންމެ އެދެވޭ މިންވަރަށް އެމްއެމްއޭއަށް ގަނެވިއްކޭނީ ރިޒާވް އިތުރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ މާކެޓަށް އަންނަ ޕްރެޝަރު ކުޑަކުރެވޭނީ ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތް އެމްއެމްއޭއިން ކުރާ މިންވަރު އިތުރުކޮށްގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ