"އޭނާ އަހުރެންނަށް ލޯބިހުށަހަޅާފައި ބުނީ އަހުރެންދެކެ ލޯބިވަނީ އެކަނިވެރި މައަކަށްވުމުން އަހުރެންގެ އެކަނިވެރިކަންފިލުވައިދީ އަހުރެންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ކަމަށެވެ. އަދި އަހުރެންދެކެ ލޯބިވަނީ ﷲ ތަޢާލާއަށްޓަކައި ކަމަށެވެ. ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ކައިވެނިކުރާނެ ކަމަށެވެ.
ކައިވެނި ނުކޮށް ދުވަސްތައް ފާއިތުވަމުންގޮސް ދެމީހުންގެ ގުޅުމަށް 4 މަސް ފުރުނު ދުވަހަކީ އަހުރެންގެ ބޭނުންކުރަން ހުށަހެޅި ދުވަހެވެ. ބުނީ މިއުޅެނީ ލޯބިވާވަރުން ކެތްނުކުރެވިގެންކަމަށެވެ. އަދި ކައިވެނިކުރަން ނިންމާފައި އޮތުމުން އެއީ މައްސަލައެއް ނޫން ކަމަށެވެ.
އަހުރެން ބުނީމެވެ! ތިބާ އަހުރެންނާއި ގުޅުނީ މަހެއްހައި ދުވަސްތެރޭގައި ކައިވެނިކުރުމަށެވެ. 4 މަސްވީއިރުވެސް ކައިވެންޏެއް ނުކުރަމުއެވެ. ދައްކަނީ ބަހަނާއެވެ. ދެން ތިބާ ބުނީ އަހުރެން ދެކެ ލޯބިވަނީ ﷲ ތަޢާލާއަށްޓަކައި ކަމަށެވެ. އެކަމަކު ތިއައެދުނީ ﷲ ތަޢާލާ އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާ ފާފަކުރުމަށެވެ. ވީމާ ތިބާގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. މިހިސާބުން އިތުބާރު އެކުގައި ގެއްލުނީއެވެ. މިގުޅުން މިވަޤުތުން ފެށިގެން ނިމުނީއެވެ."
މިއީ އަންހެނަކު ބުނެފައިވާ ވާހަކައެކެވެ. އަހުރެން އޭނާއަށް ސަތޭކައަކުން ދުއިސައްތަ ދޭނަމެވެ. މާނައަކީ އެހައި ބޮޑަށް ތަޢްރީފްކުރަމެވެ. އޭނާގެ ކިބައިގައި އެހުރީ އެންމެ ތަޤްވާވެރި އަންހެނުންގެ ކިބައި ހުންނަންޖެހޭނެ ސިފަ ކަމަށްވާތީއެވެ. އެކަން ޢަމަލުން ދެއްކީތީއެވެ.
ދެމީހަކު ލޯބިވެއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ! ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ ދުނިޔޭގައި އުފާވެރިކަން ލިބުން ކަމުގައި ނުދެކޭށެވެ. އެއިގެ ބަދަލުގައި ދެމީހުން އެކުގައި ސުވަރުގެ ވަނުމަށް މަސައްކަތްކުރާށެވެ! ދެމީހުން އެކުގައި ސުވަރުގެ ލިބިގަތުމަށް މަސައްކަތްކުރާނަމަ އިތުރަށް ބޭނުންވާ ހުރިހާ އުފާވެރިކަމެއް ދެއްވަވާނެތެވެ! އިން ޝާ ﷲ
ދެމީހަކު ލޯބިވެއްޖެނަމަ ކައިވެނިކުރުން ލަސްކުރަން ޝައިޠޯނާ ވަސްވާސްދޭނެއެވެ. އެއީ ދެމީޙުން ލައްވައި ފާފަތައް ކުރުވައި ކައިވެނީގެ ބަރަކާތް ކަނޑުވާލަން ބޭނުންވާތީއެވެ. ދިރިއުޅުމުގައި އުފާވެރިކަން ލިބުމަށް ހުރަސްއަޅާށެވެ. ކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވައިފިނަމަ ދެމީހުންގެ މެދުގައި އަވަހަށް މައްސަލަ ޖެހި ދެމީހުން ވަރިވާނެތީއެވެ.
ގިނަ ކައިވެނިތައް ދާދި އަވަހަށް ރޫޅެން މެދުވެރިވާ ސަބަބަކީ އެއީއެވެ. ވަރި ގިނަވާ ސަބަބަކީ އެއީއެވެ.
ގޮތްބަލަންވެސް އެކަކު އަނެކަކު ދެކެ ލޯބިވަނީ ﷲ ތަޢާލާއަށްޓަކައި ކަމުގައި ނިކަން ހަދައިބަލާށެވެ! ކައިވެނީގެ އެންމެ ބޮޑު މަޤްޞަދަކީ ސުވަރުގެ ދިއުން ކަމުގައި ހަދައި ދެމީހުން އެކުގައި ނިކަން އެކަމަށް މަސައްކަތްކޮށްބަލާށެވެ! ދެމީހުން އެކުގައި ނިކަން ދަމުނަމާދުކޮށް ދުޢާކޮށްބަލާށެވެ! އަތްމަތި ދަތިނަމަވެސް އުފާވެރިކަމުގައި ދިރިއުޅެވޭނެއެވެ! އިން ޝާ ﷲ
އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ! އިންސާނުން ކަމުގައިވީތީ ދެމީހުންނަށްވެސް އަނެކާ ނުރުރުހޭނެ ކަންކަންވެސް ކުރެވޭނެއެވެ. އެކަން އެއީ އެހައިބޮޑު މައްސަލައަކަށް ނުހަދައި މާފުކުރުން އިސްކުރާށެވެ! ނޫންނަމަ އެއީ ކިތަންމެ ކުޑަކުޑަ ކަމެއް ނަމަވެސް ދެމެދަށް ޝައިޠޯނާ ވަދެގަނެ އެއީ މާބޮޑުކަމެއް ކަމަށް ހަދާނެއެވެ. އެފުރުޞަތު ޝައިޠޯނާއަށް ނުލިބޭނީ މާފުކުރުން އަވަސްކޮށް އެކަކު އަނެކަކަށް ހިތްހެޔޮކުރުމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކައިވެނިކުރުން ލަސްކުރުވުމަށާ ކައިވެނިކުރުމުން މައްސަލަތައް ޖައްސުވައި ކައިވެނި ރޫޅުވައިލަން ޝައިޠޯނާ ކުރާ މަސައްކަތްތައް ފޭލްކޮށްލެވި އުފާވެރި ދިރިއުޅުމެއް ލިބޭނެ ގޮތް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ